ކުޅުންތެރިންނަށް ޗުއްޓީދޭން މޮރީނިއޯ އެއްބަސް
ކުޅުންތެރިންނަށް ޗުއްޓީދޭން މޮރީނިއޯ އެއްބަސް

މެންޗެސްޓާ (ޖެނުއަރީ 26) - ޓީމުން ފުރުސަތު ނުލިބޭ ކުޅުންތެރިންނަށް ޗުއްޓީއެއް ބޭނުންވާ ނަމަ އެ ފުރުސަތުދޭނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މޮރީނިއޯ މިހެން ބުނީ އެ ޓީމުގެ ފްރާންސް ފޯވާޑް އެންތަނީ މާޝިއަލް އެންމެ ފަހުން ކުޅުނު މެޗުތަކުގައި ބޭނުންކޮށްފައިނުވާއިރު ދާދި ފަހުން އޭނާ ޕެރިހުގައި ޗުއްޓީއެއް ހޭދަކުރަމުން އަންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ލީކުވުމާ ގުޅިގެންނެވެ.

"އަަހަރެންގެ ކުޅުންތެރިންނަށް ހުރިހާ ފުރުސަތެއް ދޭން ބޭނުން. މެޗަށް ނުނަގާ ކުޅުންތެރިން ބޭނުންނަމަ ޗުއްޓީ ވެސް ދޭނަން. މާޝިއަލް ޕެރިހަށް ދިއުން މަނައެއް ނުވާނެ. އޭނާ ހުރީ ޗުއްޓީގައި. ހަމައެގޮތަށް ޑެހެއާ މެޑްރިޑަށް ދާން ބޭނުން ވިޔަސް ނުހުއްޓުވާނަން،" މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑް މިރޭ ރަށުން ބޭރުގައި ނުކުންނާނީ ލީގު ކަޕް ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ހަލް ސިޓީއާ ދެކޮޅަށެވެ. ފުރަތަމަ ލެގުގެ މެޗުން ޔުނައިޓެޑް ދަނޑުގައި އެ ޓީމު ވަނީ 2-0 އިން މޮޅުވެފަ އެވެ. މިރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް ޔުނައިޓެޑަށް ފައިނަލަށްދެވޭނެ އެވެ. މޮރީނިއޯ ބުނީ އަމާޒަކީ މި މެޗުން ވެސް މޮޅެއް ހޯދުން ކަމަށެވެ.

"އަހަރެންގެ އަމާޒަކީ ކޮންމެ މެޗަކުން ވެސް މޮޅުވުން. އެގޮތަށް ކޮންމެ މެޗަކަށް ވެސް ނުކުންނަނީ. ހަލް ސިޓީ އަށް ދެ ލަނޑު ނުޖެހޭހާ ހިނދަކު އަހަރެމެންނަށް އެޑްވާންޓޭޖް އެބައޮތް. އެކަމަކު ފުޓްބޯޅަ މެޗެއްގައި ނަތީޖާ ބަދަލުވާނެ ވަގުތެއް ބުނަން ނޭނގޭނެ،" މޮރީނިއޯ ބުންޏެވެ.

ލީގުގައި އެންމެ ފަހުން ސްޓޯކް ސިޓީއާ އެއްވަރުވި މެޗުގައި ޔުނައިޓެޑްގެ މާކޯސް ރޯހޯ އަށް ނުކުޅެވުނު ނަމަވެސް މިރޭގެ މެޗުގައި އޭނާ ކުޅޭނެ ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.

ހަލް އިން މިރޭގެ މެޗުގައި ދާދި ފަހުން އެ ޓީމާ ގުޅުނު ލަޒާ މާކޮވިޗާއި އޮމާރް އެލްއަބްދެލުއީ ބޭނުންކުރާނެ ކަމަށް އެ ޓީމުގެ ކޯޗު މާކޯ ސިލްވާ ވަނީ ބުނެފަ އެވެ.

"މިއީ މޮޅުވާން މަޖުބާރު މެޗެއް. މި ކަހަލަ މެޗެއްގައި ބޭނުންކުރެވެން ހުރި ހުރިހާ ކުޅުންތެރިންގެ ބޭނުން ހިފަން އަހަރެން ބޭނުން،" ސިލްވާ ބުންޏެވެ.

ހަލްއާ ދެކޮޅަށް އެންމެ ފަހުން ޔުނައިޓެޑް ކުޅުނު 13 މެޗުގެ ތެރެއިން 12 މެޗުން ޔުނައިޓެޑް ވަނީ މޮޅުވެފަ އެވެ. ޔުނައިޓެޑާއި ހަލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.