26 ޖެނުއަރީ 2017 - 12:54

ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށް ހަމަޖެއްސުމަށްޓަކައި މި މަހުގެ މިހާތަނަށް 2.9 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކައިފި އެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ސަރުކާރުން މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ފަސް ފަހަރެއްގެ މަތިން 2.9 ބިލިއަން ރުފިޔާ ވިއްކާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެމްއެމްއޭ އިން އާއްމުކޮށް ޓީ ބިލް ވިއްކަން ހުޅުވާލަނީ ހަފުތާއަކު އެއް ފަހަރު އެވެ. ނަމަވެސް ހާއްސަ ހާލަތުގެ ގޮތުގައި އިއްޔެ އެކަނިވެސް ޖުމްލަ 130 މިލިއަން ރުފިޔާގެ ޓީ ބިލް ވިއްކާފައިވެ އެވެ. އެގޮތުން 91 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް 10 މިލިއަން ރުފިޔާގެ ޓީ ބިލަކާއި 182 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް 110 މިލިއަން ރުފިޔާގެ ޓީ ބިލް އަދި 364 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް 10.6 މިލިއަން ރުފިޔާގެ ޓީ ބިލް ވިއްކާފައިވެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން އަންނަ ހަފުތާގައި ވެސް 274.5 މިލިއަން ރުފިޔާގެ ޓީ ބިލް ވިއްކަން ވަނީ ހުޅުވާލައިފަ އެވެ.
މި މަހުގެ ތެރޭގައި އެންމެ ބޮޑު އަދަދެއް ޓީ ބިލްގެ ގޮތުގައި ވިއްކާފައި ވަނީ 15 ވަނަ ދުވަހުގަ އެވެ. އެ ދުވަހު އެކަނި ވެސް 1.2 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކި އެވެ.
އެމްއެމްއޭގެ ވެބްސައިޓްގައިވާ ގޮތުން، ސަރުކާރުން މިހާތަނަށް ޖުމްލަ 23 ބިލިއަން ރުފިޔާގެ ޓީ ބިލާއި ޓީ ބޮންޑް އަދި އިސްލާމިކް ސެކިއުރިޓީސް ވިއްކާފައިވެ އެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް އާއްމުކޮށް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުންނެވެ.
މަރުކަޒީ ބޭންކުގެ އޮފިޝަލަކު ވިދާޅުވީ، ޓީ ބިލްގެ ގޮތުގައި މި މަހު ވިއްކި އަދަދު އިތުރުވި މައިގަނޑު ސަބަބަކީ ކުރިން ވިއްކާފައިވާ ބައެއް ޓީބިލް އަނބުރާ ދައްކަން ޖެހުމާއި ކޮންމެ ހަފުތާއަކު ވެސް ބޮޑު އަދަދެއް ވިއްކަން ޖެހުމުން ކަމަށެވެ.
"ކުރިން ދައްކަން ހުރި އަދަދުތައް ދައްކަމުން އަލުން ވިއްކަމުން ދާތީ، މިހާރު ހުރި ޖުމްލަ އަދަދަށް މާ ބޮޑު ބަދަލެއް ނާންނަނީ. ބައެއް ފަހަރު އެ އަދަދު ދަށަށް ވެސް ދޭ. އެހެން ނަމަވެސް އެއް މިންވަރެއްގައި މިދުވަސްވަރު އެބަ ހިފެއްޓޭ،" އޭނާ ވިދާޅުވި އެވެ.