ވިޔަފާރިއެއް ފެށުމަށް ބީއެމްއެލްގެ ފަސް ލައްކަ ރުފިޔާގެ ހިލޭ އެހީ
ވިޔަފާރިއެއް ފެށުމަށް ބީއެމްއެލްގެ ފަސް ލައްކަ ރުފިޔާގެ ހިލޭ އެހީ

ބީއެމްއެލްއިން އަލަށް ފަށާ ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކަށް އަމާޒުކޮށް ދޫކުރާ "ބީއެމްއެލް ސްޓާޓް އަޕް ގްރާންޓަށް" ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ރިވިއު ކުރުމަށް ފަހު ދެ ވިޔަފާރިއެއް ހޮވައި، އެ ދެ ވިޔަފާރިއަކަށް ފަސް ލައްކަ ރުފިޔާގެ ފައިސާގެ އެހީ ދޭނެ ކަމަށެވެ. މި އެހީ ދިނުމުގައި އެންމެ ފުރަތަމަ ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ޝޯޓްލިސްޓް ކުރާނެ އެވެ. އެހީ ލިބޭ ދެ ވިޔަފާރި ކަނޑައަޅާނީ ޝޯޓްލިސްޓް ވާ ފަރާތްތަކުން އިވެލުއޭޝަން ކޮމިޓީ އަށް ހުށަހަޅާ ޕްރެޒެންޓޭޝަންތަކަށް ބެލުމަށް ފަހު އެވެ.

"ސްޓާޓަޕް ގްރާންޓަށް" އެދި ހުށަހެޅޭނީ އުފެދެމުން އަންނަ ވިޔަފާރިވެރިތަކަށާއި، އަލަށް ފަށާ ވިޔަފަރިތަކާއި އަލަށް ފަށާފައިވާ ވިޔަފާރިތަކަށެވެ.

މި ގްރާންޓަށް އެދި ހުށަހެޅޭނީ ޖުލައި މަހުގެ މެންދުރު 12 ޖަހަންދެނެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވި ގޮތުގައި ސްޓާޓަޕް ގްރާންޓްގެ އެހީގައި ރާއްޖޭގައި ކުރިއަރަމުންދާ ސްޓާޓަޕް ކޮމިއުނިޓީ އަށް އެހީތެރިވެ، އަލަށް ފަށާ ވިޔަފާރިތައް ކާމިޔާބު ވިޔަފާރިތަކަކަށް ހެދުމަށް އެހީތެރިވެދޭނެ ކަމަށެވެ. އެގޮތުން އެހީ ލިބޭ ދެ ވިޔަފާރި އަށް ވެސް ބޭނުންވާ ފައިނޭންޝަލް އެޑްވައިސް ވެސް ބޭންކުން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

"އެސްއެމްއީ ޓީމުގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރު ސްޓާޓްޕް ގްރާންޓް ކާމިޔާބު ކުރި ވިޔަފާރިތައް އަންނަނީ ވިޔަފާރިތައް ފެށުމުގެ މަސައްކަތް ކުރަމުން. އަޅުގަނޑުމެން އެދެނީ މި އަހަރު ވެސް އީޖާދީ، ދެމެހެއްޓެނެވި ޕްރޮޕޯސަލްތަކެއް ހުށަހެޅިގެންދިއުން." ސްޓުމްކަ ވިދާޅުވި އެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓް ތައާރަފްކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގި މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިންނެވެ. މި ގްރާންޓުގެ ދަށުން މިދިޔަ އަހަރު ހަތަރު ވިޔަފާރިއަކަށް ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދިނެވެ.