ކިރިގިސްތާން އަތުން ވެސް ރާއްޖެއަށް މޮޅުވެވޭ ގޮތެއް ނުވި
ކިރިގިސްތާން އަތުން ވެސް ރާއްޖެއަށް މޮޅުވެވޭ ގޮތެއް ނުވި

ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) އަންހެނުންގެ ވޮލީބޯޅަ ޗެލެންޖް ކަޕްގައި މިއަދު ރާއްޖެއިން ކިރިގިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ބަލި ވެއްޖެ އެވެ.

ކިރިގިސްތާން އަތުން ވެސް ރާއްޖެއަށް މޮޅުވެވޭ ގޮތެއް ނުވި
ކިރިގިސްތާން އަތުން ވެސް ރާއްޖެއަށް މޮޅުވެވޭ ގޮތެއް ނުވި

ކިރިގިސްތާނުން މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ގެންދިޔައީ 25-20، 25-20 އަދި 25-15 އިންނެވެ.

ރާއްޖެ ވަނީ ގުރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް ބަލިވެފަ އެވެ. ކަޒަކިސްތާނާއި އުޒްބަކިސްތާން އަދި ސްރީލަންކާ އާ ދެކޮޅަށް ކުޅުނު މެޗުން ވެސް ރާއްޖެއަށް ސެޓެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ގުރޫޕް ސްޓޭޖުން ކެޓި ޓީމުތަކުގެ މެދުގައި ކުޅެވޭ ރޭންކިން މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުން ރާއްޖެ މިވަނީ ބަލިވެފަ އެވެ. މިއާ އެކު ރާއްޖެއަށް މިވަނީ އަށް ޓީމު ވާދަކުރާ މުބާރާތުގެ ގަދަ ހައެއްގައި ހިމެނުމުގެ ފުރުސަތު ވެސް ގެއްލިފަ އެވެ.

ފަހު މެޗުގައި ރާއްޖެ ވާދަކުރާނީ ހަވީރު ސީދާ ތިން ސެޓުން ސްރީލަންކާ އަތުން ބަލިވި ބަންގްލަދޭޝް އާ ދެކޮޅަށެވެ. ލަންކާ އަތުން ބަންގްލަދޭޝް ބަލިވީ، 25-16، 25-15 އަދި 25-7 އިންނެވެ.

މުބާރާތުގެ ހަތްވަނަ މަގާމު ހޯދަން ކުޅޭ އެ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ މެންދުރު، ރާއްޖެ ގަޑިން 1:45 ގައެވެ.

މިއަދުގެ މެޗުގައި ރާއްޖޭގެ ފުރަތަމަ ހައެއްގައި ހިމެނުނީ، ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ)، ފާތިމަތު ޖޫޒާން ޒަރީރު، އާމިނަތު ޝަހާ ޝާމިން، ނަރީމާ އިދުރީސް، ފާތިމަތު ޝަމްހާ އަދި ލިބަރޯ މައިހާ އަލީ އެވެ.

މެޗުގެ ތިން ސެޓުގެ ވެސް ކުރީކޮޅު ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނެވެ. ރާއްޖެއިން ލީޑުގައި އޮންނަ ވަގުތުތައް ވެސް ދިޔަ އެވެ. ނަމަވެސް ކޮންމެ ސެޓެއްގެ ފަހު ކޮޅަށް އަޅާލާއިރު ގިނަ ގޯސްތަކެއް ހެދިގެން ސެޓުތައް ގެއްލެނީ އެވެ.

ގުރޫޕް ސްޓޭޖުގެ މެޗުތަކާ ހިލާފަށް މި މެޗުގައި ކިރިގިސްތާނަށް ރާއްޖެ ކައިރިން ފުރަތަމަ ދެ ސެޓުގައި މާ ބޮޑު ލީޑެއް ވެސް ނުނެގެ އެވެ. ފަހު ސެޓުގައި ތަފާތު ބޮޑުވީ ކިރިގިސްތާނުން ހަތަރު ޕޮއިންޓުގެ ލީޑެއް ނެގި ހިސާބުންނެވެ.

ރާއްޖެ އަށް ވަނީ ކިރިގިސްތާނުގެ އެޓޭކްތައް ހުއްޓުވަން އުނދަގޫ ވެފަ އެވެ. އަދި ކިރިގިސްތާނުގެ ބްލޮކްތައް ވެސް ފެނުނީ ވަރުގަދަކޮށެވެ. ނަމަވެސް ރާއްޖޭގެ ޓީމުގެ ކުޅުންތެރިން ވެސް ވަނީ މި މެޗުގައި ރަނގަޅު އެޓޭކްތަކެއް ކޮށްގެން ޕޮއިންޓު ހޯދައިފަ އެވެ.