އަލިފާނާ ކުޅެވޭނީ އަލިފާނުން: ޓްރަމްޕް
އަލިފާނާ ކުޅެވޭނީ އަލިފާނުން: ޓްރަމްޕް

ވޮޝިންޓަން (ޖެނުއަރީ 26) - ހަރުކަށި ޚިޔާލުގެ މީހުންނަށް ރައްދު ދޭން ޖެހޭނީ ހަރުކަށިކޮށް ކަމަށް ވިދާޅުވެ، އަލިފާނާ ކުޅެވޭނީ އަލިފާނުން ކަމަށް އެމެރިިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިސާލު ޖައްސަވައިފި އެވެ.

އޭބީސީ ނިއުސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ހަރުކަށި މީހުންނަށް ދޭ އަދަބެއްގެ ގޮތުގައި ވޯޓާބޯޑިން (މޫނުގައި ފޮތިގަނޑެއް އަޅާ ފެންއަޅައިގެން ހާސްކޮށްލުން) ފަދަ ކަންކަން ކުރެވިދާނެ ކަމަށެވެ. އަދި ހަރުކަށި އަމަލުތަކާއި ޓެރަރިޒަމާ ދެކޮޅަށް ގާނޫނާ އެއްގޮތަށް ދެވިދާނެ އަދަބުތަކާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓަރު ޖޭމްސް މެޓިސް އާއި ސީއައިއޭގެ ޑިރެކްޓާ މައިކް ޕޮމްޕިއޯއާ އެކު މަޝްވަރާ ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ މެދުއިރުމަތީގައި ޓެރަރިސްޓް ހަނގުރާމަވެރިން މީހުންގެ ބޯކަނޑަމުންދާ އިރު އެއާ އެއްވަރުގެ ރައްދެއް އެ މީހުންނަށް ނުދެވޭ ކަމަށެވެ.

އެކަމަކު ސީއައިއޭގެ ކުރީގެ ޑިރެކްޓާ ލިއޯން ޕަނެޓާ ވިދާޅުވީ އަނިޔާވެރިކަމުގައި ފަހަތަށް ޖެހުމަކީ ހެދޭ ބޮޑު ގޯހެއް ކަމަށެވެ.

ޓްރަމްޕް ވިދާޅުވެފައި ވަނީ ގައުމު ރައްކާތެރިކަމުގައި ބާއްވަން ބޭނުންވާ ކަމަށެވެ.

"އެ މީހުން ބަޑިޖަހާ، މީހުންގެ ބޯކަނޑަމުންދާ އިރު އަދި މީގެ ކުރިން އަޑުވެސް އަހާފައި ނުވާފަދަ ބޮޑެތި ޖަރީމާތައް އައިއެސް އިން ހިންގަމުންދާ އިރު އެއާ އެއްވަރުގެ އަދަބު ދޭން ޖެހޭ. ކަމާބެހޭ އިދާރާތަކުގެ މީހުންނާ މަޝްވަރާކޮށް ވޯޓާބޯޑިން ފަދަ އަދަބުތައް ދެވިދާނެތޯ ވަނީ އޮޅުން ފިލުވާފައި. އެ މީހުންގެ ޖަވާބަކީ ދެވިދާނެއޭ،" ޓްރަމްޕް ވިދާޅުވި އެވެ. "މީހުންގެ ބޯކަނޑާ މަންޒަރު ވީޑީއޯކޮށް އާއްމު ކުރަމުންދާ އިރު ރައްދެއް ނުދީ ތިބެންވޭތޯ؟"

ރިޔާސީ ބަހުސްއެއްގެ ތެރޭގައި ޓްރަމްޕް ވަނީ ޓެރަރިސްޓުންނަށް ދޭ އަދަބެއްގެ ގޮތުން ވޯޓާބޯޑިން ދިނުމަށް ސިފައިންނަށް އަންގަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ވޯޓާބޯޑިން އަކީ އެމެރިކާގައި މަނާކޮށްފައިވާ އަދަބެކެވެ.