ގާސިމަށް ރިޔާސީ ޓިކެޓް ހަވާލުކުރަން އަންނަ މަހު 9 ގައި ޖަލްސާއެއް
ގާސިމަށް ރިޔާސީ ޓިކެޓް ހަވާލުކުރަން އަންނަ މަހު 9 ގައި ޖަލްސާއެއް

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރިޔާސީ ޓިކެޓް އަންނަ މަހު 9 ގައި ހަވާލުކުރާ ގޮތަށް ނިންމައިފި އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބުނި ގޮތުގައި ރިޔާސީ ޓިކެޓް އަރުވަން މާލޭގެ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވާނެ އެވެ. ޕްރައިމަރީއަކާ ނުލައި ގާސިމަށް ޓިކެޓް ދޭން ނިންމީ ޕާޓީގެ ކައުންސިލަށް ހުށަހެޅި ގަރާރަކުން ފާސްކޮށްގެންނެވެ.

ޓިކެޓް އަރުވާ ޖަލްސާއަކީ ޖޭޕީން މި ފަސް އަހަރުގެ ތެރޭގައި ހިންގާ މިފަދަ ސިޔާސީ އެންމެ ބޮޑު ހަރަކާތެވެ.

މި ވެރިކަން ހިންގާ ކޯލިޝަންގައި ދެމިއޮވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަލިކޮށްލަން ރިޔާސީ އިންތިހާބުގައި މިފަހަރު ވާދަކުރާ ޖޭޕީން ސިޔާސީ ގޮތުން ހަރަކާތްތެރިވާން ފެށީ ވެސް އިންތިހާބަށެވެ. އިންތިހާބުގައި ވާދަކުރާއިރު ވެސް ކޯލިޝަން ރޫޅާލާކަށް ޖޭޕީން ބޭނުމެއް ނުވެ އެވެ.

އާ ގާނޫނުއަސާސީއަށް ފަހު ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުތަކުގައި އެންމެ ގިނައިން ވާދަކުރެއްވި އެއް ބޭފުޅަކީ ގާސިމް އެވެ. ރާއްޖޭގެ ސިޔާސީ ހާލަތު ހުރި ގޮތުން ގާސިމަށް ނުނިކުންނެވުނީ 2018 ގެ އިންތިހާބަށް އެކަންޏެވެ.

ގާސިމް އިންތިހާބުގައި މިފަހަރު ވާދަކުރައްވަން ނިންމެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް ކޯލިޝަން ދަމަހައްޓަން ޖޭޕީއަށް ދައުވަތު ދީފައި ވަނިކޮށެވެ. އެކަމަކު ގާސިމް ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން އޭނާ ވާދަކުރަން ނިންމެވުމުން އެއަށް ތަބާވުން ފިޔަވައި އިތުރު ގޮތެއް ނެތީ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލުކުރަން، ގާސިމް ގެންދެވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ އެކު ވެސް އިންތިހާބަށް އެކުގައި މަސައްކަތް ކުރެއްވޭނެ ފޯމިއުލާތަކެއް ހޯއްދަވަމުންނެވެ. އިއްތިހާދުވުމުގެ އެ ބައްދަލުވުންތައް ބަރުލަމާނީ ޝަރުތާ އެކު މަޑުޖެހިފައިވާ އިރު ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ މަޖިލީސް މެމްބަރުން ގެންދަވަނީ ސިޔާސީ ޕާޓީއެއް ހެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. މި ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަން އިއުލާންކޮށްފައިވާ އިރު އެއީ ނަޝީދަށް ވުން ގާތެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވަކިވަކިން ފަސް ޕާޓީއަކުން ވާދަކުރާނެ ކަން އޮތީ އިއުލާންކޮށްފަ އެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީގެ އިތުރުން އަލަށް އުފައްދަން އުޅޭ ދަ ޑިމޮކްރެޓްސް އެވެ.

ސިޔާސީ މަސްރަހުގެ ބައިބައިވުންތަކަށް ބަލާއިރު ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ފުރަތަމަ ބުރުގައި ލިބުމުގެ ފުރުސަތު ބޮޑީ އިދިކޮޅު ޕީޕީއެމަށެވެ. އެ ޕާޓީއަކީ ރިޔާސީ އިންތިހާބުތަކުގައި ނިސްބަތުން އަބަދުވެސް ރާއްޖޭގައި އެންމެ ގިނަ ވޯޓު ހޯދާ އެއް ފިކުރެވެ.

އެމްޑީޕީ ތެރެ ބައިބައިވެ މުޅި ޕާޓީގައި އެކުގައި އިންތިހާބަށް ނުކުތުމުގެ ފުރުސަތު ގެއްލިފައި އޮތުމަކީ އެހެން އިންތިހާބުތަކާ އަޅާބަލާއިރު އެ ޕާޓީގެ ވޯޓަށް އަސަރުކޮށްފާނެ ކަމެކެވެ. އެކަމަކު އެމްޑީޕީގެ އަމާޒަކީ އެމްޑީއޭ އާއި އަދާލަތު ކޯލިޝަނާ އެކު އެއް ބުރުން އިންތިހާބު ކާމިޔާބު ކުރުމެވެ. ޖޭޕީން ކޯލިޝަންގެ ދައުވަތު ދިން އެއްވެސް ބަޔަކު އަދި އެ ޕާޓީއާ ނުގުޅުނަސް އިންތިހާބު ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އެ ޕާޓީން ބުނެ އެވެ.

މި ޕާޓީތަކުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުނައްވަރު އޮތީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވައިފަ އެވެ.