25 މެއި 2023 - 06:44

ހިސާބު އަދަދުން މިކަން ފަހުމުވާން ފަސޭހަ ވާނެ އެވެ، މީގެ 15 އަހަރު ކުރިން 71،000 އަށް ވުރެ ގިނަ ރައްޔިތުންގެ ތާއީދު އޮތް ވަރުގަދަ ސިޔާސީ ޝަހުސިއްޔަތެކެވެ، އެކަމަކު މިއަދު 3،000 ވެސް ހަމަނުވީ އެވެ،

މިއީ 1978 ވަނަ އަހަރުން ފެށިގެން ދިގު 30 އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިޔާސީ ހަޔާތް ފަނޑުވެފައިވާ މިންވަރުގެ ހަގީގަތެވެ.

ރާއްޖޭގައި، ފުރަތަމަ ގިނަ ޕާޓީތަކެއް އެކުލެވިގެން 2008 ގައި ބޭއްވި ރިޔާސީ އިންތިހާބުން މައުމޫން ނާކާމިޔާބުވެވަޑައިގަތް ފަހުން ރައްޔިތުންގެ ތާއީދުގެ ހުޅުކޮޅު ނިވުނަ ނުދޭން އެކި ގޮތްގޮތުން އެމަނިކުފާނު ހިތްވަރު ކުރެއްވި އެވެ.

އެކަމަކު އެ މަސައްކަތް ކާމިޔާބެއް ނުވި އެވެ. މައުމޫން އިސްވެ އުފެއްދެވި ޑީއާރުޕީ އާއި ޕީޕީއެމްގެ ލަގަނު ދޫވެ، އަތުން ބީވީ އެވެ. އަދި މިހާރު އުމުރުފުޅުން 85 އަހަރުފުޅުގައި، މައުމޫން އެންމެ ފަހުން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށް 3،000 މެމްބަރުން ހަމަނުކުރެވިގެން އުވާލަނީ އެވެ.
އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމުމުން، އެ ޕާޓީގެ ރައީސް އަދި މައުމޫންގެ ދޮށީ ދަރިކަލުން ފާރިސް މައުމޫން ގޯސްކުރެއްވީ އެ ކޮމިޝަނެވެ.
ޕާޓީ އުވާލުމުގެ މި މަރުހަލާއަކީ ގައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަނާއި ލާއިންސާނީ އަމަލުތައް ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވެ، އެއީ، ފާރިސް ވިދާޅުވި ގޮތުގައި، އާއްމުވެފައިވާ އުސޫލަކަށް ވަނީ ވެފަ އެވެ.
އޭގެ ފަހުން އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް އަށް ދެން ގޯސްވީ ގާނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި، ސިޔާސީ ޕާޓީއާ ބެހޭ ގާނޫނުގައި 3000 މެމްބަރުން ހަމަކުރަން އޮންނަ ލިމިޓާ މެދު ވިސްނާލަންޖެހެ އެވެ.
"މިހިރަ އާބިޓްރަރީ ފިގާސްތަކަކީ، ހަގީގަތުގައި ގާނޫނު އަސާސީ ހުއްދަ ކުރާ ކަމެއްތޯ؟" އެކަން ހައި ކޯޓާ ހަމައަށް ގެންދަން ޕާޓީން ވިސްނަމުންދާކަން ހާމަކުރައްވަމުން ފާރިސް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އެންމެ ފަހުން، ނުސީދާކޮށް ނަމަވެސް ރައްޔިތުން ވެސް ގޯސްކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ، ރައްޔިތުން މިހާރު ސިޔާސީ ޕާޓީތަކަށް ވަންނާކަށް ބޭނުމެއް ނުވެ އެވެ.
"ހަގީގަތަކީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުމެއް ނުވޭ ސިޔާސީ ޕާޓީތަކަށް ސޮއި ކުރާކަށް. ޕާޓީގެ މެމްބަރުކަމެއް ވެސް ބޭނުމެއް ނުވޭ ހަގީގަތުގައި،" އެމްއާރުއެމަށް މެމްބަރުން ހަމަނުވި ސަބަބު ސިފަކުރައްވަމުން ފާރިސް ވިދާޅުވި އެވެ.
ފާރިސް އަށް ފަހު އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއާރުއެމްގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވަނީ ޕާޓީން ކުރާ ތުހުމަތުތައް މުޅިން އެހެން މިސްރާބަކަށް އަނބުރާލައްވައިފަ އެވެ.
ނާދިރާ ވިދާޅުވި ގޮތުގައި، އީސީން އެމްއާރުއެމް އުވާލަން ނިންމީ މައުމޫންގެ ވެރިކަން މާ ރަނގަޅު ކަމަށް މިހާރު ވަރަށް ގިނަ މީހުން ބުނާތީ އެ ޕާޓީ އަށް އޮތް ތާއީދު ފަނޑުކޮށްލުމަށެވެ.
"މިއަދު ގިނަ ބަޔަކު ގަބޫލުކުރޭ އެއްކަލަ ރައީސް މައުމޫންގެ 30 އަހަރު މި ގައުމު ގެންދިޔަ ގޮތް މާ ރަނގަޅު ކަމަށް. މިއަދު ވަރަށް ގިނަ ބައެއްގެ ދުލުން ދައްކާ ވާހަކަ މިއީ. އެ ކަން ހުއްޓުވޭނީ ވެސް މި ކަހަލަ ކަންކަން ކޮށްގެން ކަމަށް ހީވާ ނަމަ އަޅުގަނޑު ދަންނަވާނީ އެކަމެއް ނުހުއްޓޭނެއޭ،" ނާދިރާ ވިދާޅުވި އެވެ.
އެ ވިސްނުން، މައުމޫނާއެކު ޑީއާރުޕީގައި އިސްކޮށް މަސައްކަތް ކުރައްވައި، އެ ޕާޓީގެ ނައިބު ލީޑަރުކަން ވެސް ކުރެއްވި އުމަރު ނަސީރު ސިފަކުރެއްވީ ހަގީގީ މައްސަލައިގެ ގޮތުގަ އެވެ.
އެއީ އުމަރު ވިދާޅުވި ގޮތުގައި މާޒީގެ ވަސްވާހުގައިޖެހި، ކޮންމެ ސިޔާސީ ލީޑަރަކާ ވެސް ބައްދަލުކުރާނެ ހަގީގަތް ގަބޫލުނުކުރުމެވެ.
އޭނާ ވިދާޅުވީ ސިޔާސީ ލީޑަރުންގެ މަގުބޫލުކަން އެންމެ މައްޗަށް އަރާފައި، ދެން ތިރިއަށް ވެއްޓޭނެކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.
"އެހެން ގައުމުތަކުގަ ތާއީދުގެ އެ ކާވް އެންމެ މައްޗަށް އަރާފައި، ތިރިއަށް ލަނބާލާ ވަގުތު ސިޔާސީ ލީޑަރުން ރިޓަޔާ ކުރައްވާނެ. އޭރަށް އޮފުކަން މަތީގަ ސިޔާސީ ކެރިއާ ނިންމާލެވޭނީ،" އުމަރު ވިދާޅުވި އެވެ.
މައުމޫން އިސްވެ އުފެއްދެވި ދެ ޕާޓީ ގެއްލި، ތިންވަނަ ޕާޓީ އުވާލުމާ ހަމައަށް ދިޔައީ، ސިޔާސީ ގޮތުން މާބޮޑު ގޯހެއް ހެއްދެވިގެން ކަމަކަށް އުމަރު ގަބޫލެއް ނުކުރައްވަ އެވެ.
ސިޔާސީ ޕާޓީތަކުގައި ވެސް "ނެޗުރަލް އެވެލިއުޝަނެއް" އޮންނަ އިރު، އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ ލަގަނު އެހެން މީހަކަށް ދިނުމަށްފަހު، އަނބުރާ ނުހޯދޭނެ އެވެ.
އެ ހަގީގަތް މިހާރު މައުމޫނާ އަރާހަމަކޮށްފައިވާއިރު، އުމަރު ވިދާޅުވީ އެކަން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވެސް މިވަގުތު ތަޖުރިބާކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ޕާޓީގެ ތެރެއިން އެހެން ބޭފުޅަކަށް ދޫދެއްވައިފިނަމަ، އެމަނިކުފާނަށް ވެސް މިހާރު ހުންނެވި މަގާމު އަނބުރާ ނުހޯއްދެވޭނެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު އެއީ ގިނަ ސިޔާސީ ލީޑަރުންނަށް ކުރިމަތިލާން ދަތިވާ ހަގީގަތެއްގެ ގޮތުގައި އުމަރު ސިފަކުރެއްވި އެވެ.
"ޑިމޮކްރެޓެއް ވިޔަސް، އޮޓޮކްރެޓެއް ވިޔަސް އަދި މޮނާކެއް ވިޔަސް އާޚިރުގައި ހަމަ އެއް ތަނެއްގަ ޖެހޭނީ. މި ސިޔާސީ ހަގީގަތް ބައްދަލުކުރާނެ،" އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިގެން ހުންނެވި އުމަރު ވިދާޅުވި އެވެ.
އެއް އިރެއްގައި ރައްޔިތުންގެ ފުރިހަމަ ތާއީދާއި، ވެރިކަމުގެ އިއްޒަތާއި ލައްޒަތާއި މުތުލަގަށް އާރާއި ބާރު ލިބިވަޑައިގެން ހުންނެވި މައުމޫނަށް މިހާރު ކުރިމަތިވެފައިވާ ހާލަތަކީ އުމަރު ވެސް ސިފަކުރެއްވި ގޮތުންނަމަ، މިވަގުތު ސިޔާސީ މައިދާނުގައި ތިއްބެވި އަދި މުސްތަގުބަލުގައި ނުކުންނަވާނެ ސިޔާސީ ލީޑަރުންނަށް ވެސް ވަރުގަދަ ފިލާވަޅެކެވެ. އަދި ވިސްނާ ފިކުރުކުރި ކޮންމެ މީހަކަށް އެތައް އިބުރަތެކެވެ.