އަހްމަދިއްޔާގެ އެންމެ ހިދުމަތްތެރި އެއް މުވައްޒަފު ޝާކިރު ނިޔާވެއްޖެ
އަހްމަދިއްޔާގެ އެންމެ ހިދުމަތްތެރި އެއް މުވައްޒަފު ޝާކިރު ނިޔާވެއްޖެ

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އެންމެ ހިދުމަތްތެރި އެއް މުވައްޒަފު، އިބްރާހިމް ޝާކިރު ރޭ ދަންވަރު ނިޔާވެއްޖެ އެވެ.

އަހްމަދިއްޔާގެ އެންމެ ހިދުމަތްތެރި އެއް މުވައްޒަފު ޝާކިރު ނިޔާވެއްޖެ
އަހްމަދިއްޔާގެ އެންމެ ހިދުމަތްތެރި އެއް މުވައްޒަފު ޝާކިރު ނިޔާވެއްޖެ

އޭނާ ނިޔާވީ ކުއްލިއަކަށް ހަރަކާތް ހުއްޓިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށެވެ. އެންމެ ފަހު ވަގުތު ވެސް ހޭދަކުރެއްވީ ދަރިވަރުންނާ އެކު ސްކޫލުގެ ހިދުމަތުގަ އެވެ.

އަހްމަދިއްޔާގެ އެންމެ ހިދުމަތްތެރި އެއް މުވައްޒަފު ޝާކިރު ނިޔާވެއްޖެ
އަހްމަދިއްޔާގެ އެންމެ ހިދުމަތްތެރި އެއް މުވައްޒަފު ޝާކިރު ނިޔާވެއްޖެ

އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ އަހުމަދިއްޔާގައި ކިޔެވި ދުވަސްވަރުން ފެށިގެން އަދި އޭގެ ފަހުން ވަޒީފާއަށް ގުޅުނު ހިސާބުން ވެސް ޝާކިރަކީ ސްކޫލަށް ގިނަ ކަންތައްތައް ކޮށްދިން މުވައްޒަފެއް ކަމަށެވެ. ވަޒީފާއަށް ވުރެން ބޮޑަށް ހިދުމަތުގައި އޭނާ ދެމިހުންނެވީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެންނެވެ.

ދަރިވަރެއްގެ ގޮތުގައި އުޅުނުއިރު ސްކޫލުގައި ކުރަންޖެހޭ މަސައްކަތްތަކުން ފެށިގެން އިތުރު ހަރަކާތްތަކުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރި އެއް ދަރިވަރަކީ ޝާކިރު، 46، ކަމަށް ރަޝީދު ވިދާޅުވި އެވެ.

އަހުމަދިއްޔާގައި 25 އަހަރު ހިދުމަތްކުރައްވައި ނިޔާވިއިރު ޝާކިރު ހުންނެވީ ޑެޕިއުޓީ ޑިރެކްޓަރަކަށެވެ. އޯ ލެވެލް އަދި އޭ ލެވެލްގެ އިމްތިހާނަށް ސްކޫލުން ކުރަންޖެހޭ އިދާރީ ކަންކަމާއި ބިދޭސީ މުވައްޒަފުންގެ ވިސާ ބެލެހެއްޓެވުމަކީ ޝާކިރުގެ ޒިންމާއެކެވެ.

އެ މަސްއޫލިއްޔަތުގެ އިތުރަށް، އޭނާއަށް އެންމެ ފަހުން އަދާކުރެވުނީ ޝާކިރުގެ އުފަން އަތޮޅު، ލ. އަތޮޅަށް ދަރިވަރުންނާއެކު މިދިޔަ ހޮނިހިރު ދުވަހު ކުރި ދަތުރެވެ. އޭ ލެވެލްގެ ދަރިވަރުންނާ އެކު ފީލްޑް ޓްރިޕަަށް ކުރި ދަތުރު ނިންމާލުމަށްފަހު މާލެ އައީ ރޭ 8:30 ހާއިރެވެ.

އެ ދަތުރަށް ފަހު ވެސް ވަރަށް ހިތްހަމަޖެހިގެން ވާހަކަ ދެއްކި ކަމަށް ރަޝީދު ވިދާޅުވި އެވެ.

"ޓީޗަރުންގެ ޓީމުގައި ޝާކިރު ހިމެނީ އެ އަތޮޅު ބޭފުޅަކަށް ވެފައި ކަންކަން ހަމަޖެއްސުމަށް ފަސޭހަވެދާނެތީ. އެއާޕޯޓަށް ޖެއްސިތަނާ ފުރަތަމަ ވެސް އަޅުގަނޑަށް ގުޅާފައި ބުނެފި މިހާރު މި އާދެވުނީއޭ، ހުރިހާ ކުދިންގެ ހާލު ރަނގަޅޭ. ދެން ބުނިން އެ ކުދިން ގެއަށް ފޮނުވާލާށޭ....އޭގެ ފަހުން، 12 ޖަހާކަށްހާއިރު އަނެއްކާ ވެސް ޝާކިރަށް އަޅުގަނޑު ގުޅިން ދަތުރުގެ ކަންކަމުގެ ބައެއް މައުލޫމާތުތައް ހޯދަން. ވަރަށް ރަނގަޅަށް ވާހަކަ ވެސް ދެއްކި. އޭރު ވެސް ނުބުނެ އެއްވެސް އުނދަގުލެއް ހުންނަ ވާހަކައެއް." ރަޝީދު ވިދާޅުވި އެވެ.

ޝާކިރުގެ ހަރަކާތްތައް ހުއްޓިގެން ހޮސްޕިޓަލަށް ގެންދިޔައީ 3:30-4:00 ހާއިރެވެ. ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލަދީ، ސްކޫލުން ބުންޏެވެ.

އަހުމަދިއްޔާ ސްކޫލަށް އަގު ނުކުރެވޭ ފަދަ ޚިދުމަތްތަކެއް ޝާކިރު ވަނީ ކޮށްދެއްވައިފަ އެވެ. އެހެންވެ ރަޝީދު ސިފަކުރެއްވި ގޮތުގައި އެއީ އެ ސްކޫލުގެ މުހިއްމު "އެއް ތަނބެވެ".

އެތައް އަހަރެއް ވަންދެން ކޮށްދެއްވި ހިދުމަތަށްފަހު ޝާކިރު ނެތްތަން ފޫބައްދަން އުނދަގޫވާނެ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.

"މަސައްކަތަށް ވަރަށް ފަރުވާތެރި، ގަޑިއަށް ފަރުވާތެރި މުވައްޒަފެއް. އަހުމަދިއްޔާއޭ ބުނެފިއްޔާ އެންމެ ކުރީގައި ހުންނާނީ ޝާކިރު. އަހުމަދިއްޔާއަށް ގެއްލުނު، ތަނބެއް ފަދަ މުވައްޒަފެއް އެއީ." ރަޝީދު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓު މެމްބަރުކަން ވެސް ކުރެއްވި ޝާކިރުގެ ޖަނާޒާ އޮންނާނީ މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ. އޭނާ ނިޔާވިއިރު އަނބިކަނބަލަކާއި ހަތަރު ބޭފުޅުން ތިއްބެވެ.