26 ޖެނުއަރީ 2017 - 09:40

ވީގޯ، ސްޕެއިން (ޖެނުއަރީ 26) – ބަލިނުވެ 40 މެޗު ފުރިހަމަކޮށް ސްޕެއިން ފުޓްބޯޅައިގެ ރެކޯޑެއް ދާދި ފަހުން ގާއިމްކުރި ރެއާލް މެޑްރިޑް އޭގެ ފަހުން ވެއްޓުނު އަޑިގަނޑުން އަރައިނުގަނެ އިތުރު މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ. ރޭ އެ ޓީމު ވަނީ ސެލްޓާ ވީގޯއާ 2-2 އިން އެއްވަރުވެ ސްޕެނިޝް ކަޕުގެ ކުއާޓާ ފައިނަލުން ކަޓައިފަ އެވެ.
މެޑްރިޑުގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން 2-1 އިން ބަލިވެފައިވަނިކޮށް ރޭ ރަށުން ބޭރުގައި 2-2 އިން އެއްވަރުވުމާ އެކު ދެ ލެގުން ސެލްޓާ އަށް ކުރި ލިބުނީ 4-3 އިންނެވެ.
ސްޕެނިޝް ލީގުގައި މި މަހުގެ 16 ވަނަ ދުވަހު ސެވިއްޔާ އަތުން 2-1 އިން ބަލިވެ މެޑްރިޑުގެ ބަލިނުވުމުގެ ސިލްސިލާ އަށް ނިމުމެއް އައިސްފައިވާއިރު އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ދެ މެޗުން އެއްވަރުވެ ދެ މެޗުން ވަނީ ބަލިވެފަ އެވެ.
ރޭގެ މެޗުގައި ސެލްޓާ އަށް ލީޑު ލިބުނީ 44 ވަނަ މިނެޓުގައި މެޑްރިޑުުގެ ޑެނީލޯ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މެޗުގެ 62 ވަނަ މިނެޓުގައި މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑެއް ޖަހައި އެއްވަރުކޮށް އެ ޓީމުން އުއްމީދު އާކުރި އެވެ. އެކަމަކު 85 ވަނަ މިނެޓުގައި ސެލްޓާގެ ޑެނިއަލް ވޭސް ޖެހި ލަނޑާ އެކު އެ ޓީމުން އަނެއްކާ ވެސް ތަފާތު ބޮޑުކުރި އެވެ. އޭގެ ފަހުން 90 ވަނަ މިނެޓުގައި ލޫކަސް ވަސްކޭޒް މެޑްރިޑަށް އަނެއްކާ ވެސް އެއްވަރުކޮށްދިނެވެ. އެކަމަކު އެގްރިގޭޓުން ހަމަކޮށް އަވޭ ގޯލުން ކުރި ހޯދަން މެޑްރިޑަށް މަދުވީ އެންމެ ގޯލެކެވެ.
ކުއާޓާ ފައިނަލުގެ އަނެއް މެޗުގައި ރޭ އެއިބާއާ 2-2 އިން އެއްވަރުވި ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން 5-2 އިން ކުރި ހޯދައި އެތުލެޓިކޯ މެޑްރިޑް ވަނީ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އެ ޓީމު ފުރަތަމަ ލެގުން މޮޅުވީ 3-0 އިންނެވެ. ރޭގެ މެޗުގައި ހޯސޭ ޖިމެނޭޒްގެ ގޯލުން އެތުލެޓިކޯ އިން ލީޑު ނެގި ނަމަވެސް އެއިބާ އިން ފަހަތުން އަރައި ދެ ލަނޑު ޖެހި އެވެ. އެތުލެޓިކޯ އަށް މެޗުގެ ފަހުކޮޅު އެއްވަރުކޮށްދިނީ ހުއަންފްރެން އެވެ.
ކުއާޓާ ފައިނަލުގައި ބާސެލޯނާ އިން މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ރެއާލް ސޮސިއެޑާޑާ ދެކޮޅަށެވެ. ފުރަތަމަ ލެގުން ބާސެލޯނާ ވަނީ 1-0 އިން މޮޅުވެފަ އެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެގަޑިން 1:15 ގަ އެވެ.