24 މެއި 2023 - 09:24

އާދިއްތަ ދުވަހާ ގުޅޭ
ފޯނަށް މެސެޖެއް އައި އަޑުއިވުނެވެ. އެ ދަނޑިވަޅުގައި މެސެޖުކުރާނީ ސީމާ ނޫން އެހެން ކާކުހެއްޔެވެ؟ ފައިސަލްގެ ހިތަށްއެރީ އެހެންނެވެ. ޓަކީގެ އަޑު ކެނޑުނުތާ އިރުކޮޅެއްވުމުން ފައިސަލް ދޮރު ހުޅުވައިލިއެވެ. އެކަކު ވެސް ފެންނާކަށް ނެތެވެ. ފައިސަލް ނިންމީ ދޮރު ނުހުޅުވުމުން ސީމާ ދިޔައީކަމުގައެވެ. އެހެންކަމުން ދޮރު ލައްޕައިލިއެވެ. އެ ވަގުުތު ސީމާގެ ކޮޓަރީގެ ދޮރު ހުޅުވައިލި އަޑުއިވުނެވެ. ފައިސަލް ދެނެއް ދޮރެއް ނުހުޅުވައެވެ. މެސެޖުގައި އޮތީ ކީކޭތޯ ފައިސަލް ބަލައިލިއެވެ. އެއީ ސީމާގެ މެސެޖެއް ނޫނެވެ. އެ ދުވަހު ފައިސަލް ކުރި ވިޔަފާރިއެއްގައި ކާޑު ބޭނުންކުރުމުން ބެންކުން ފޮނުވި މެސެޖެކެވެ. ލިބުނުލެއް ލަހީއެވެ. ބައެއް ފަހަރު އެހެން ވެއެވެ.
ހެނދުނުވިއެވެ. މެންދުރުވިއެވެ. އާމިރާއެއް ނުގުޅިއެވެ. މެސެޖަކަށް ޖަވާބެއް ވެސް ނުދިނެވެ. އެއީ އާމިރާގެ ނަންބަރުކަން ފައިސަލަށް ޔަގީންވާނީ ވެސް އާމިރާ ކޮންމެވެސް ޖަވާބެއްދިނީމައެވެ. ފައިސަލަށް ވިސްނަން އޮތީ އެންމެ ކަމެއް ނޫނެވެ. ސީމާއަށް ދެވުނު ނައްސި މެސެޖަށް ވެސް ފައިސަލް ގޮތެއް ނިންމަން އެބަ ޖެހެއެވެ. އެ ކަމާ މެދު ފައިސަލް ވަރަށް ފުންކޮށް ވިސްނިއެވެ. ސީމާއަކީ ހުތުރު ކުއްޖެއް ނޫނެވެ. ޒިޔާން ދެކެ ސީމާ ނުލާހިކު ލޯބިވެއެވެ. އާމިރާޔާ ދާދި އެއްވަރަކަށް ސީމާއަށް ޒިޔާން އެނގޭނެއެވެ. ޒިޔާނަށް ވެސް ސީމާ ކަމުދެއެވެ. ޔަގީނުން ވެސް ސީމާއަށް ވުރެ ރަނގަޅު ދޮންމަންމައެއް ޒިޔާނަކަށް ނުލިބޭނެއެވެ. އެ ހިސާބަށް ވެސް ފައިސަލް ވިސްނިއެވެ. ސިކުނޑީގައި ގޮޅިތަކެއް ކުރަހައި، އެ ގޮޅިތަކުގައި ރަނގަޅުފާހަގަލާން ފެށިއެވެ. ސީމާގެ ސިފައެވެ. އޯގާވެރިކަމެވެ. ޒިންމާދާރުކަމާއި، ތެދުވެރިކަމެވެ. ފާހަގަޖަހަމުން ގޮސް އެންމެ ފަހު ގޮޅިޔާ ހަމައިން ފައިސަލް ހުއްޓުންއެރިއެވެ. އެ ގޮޅީގައި ޖަހަން ފައިސަލަށް މަޖުބޫރުވީ ނުބައިފާހަގައެކެވެ.
އޮފީހުގައި އޮތް ބައްދަލުވުމެއް ނިންމައިފައި ފައިސަލާއި ސިރާޖަށް ނުކުމެވުނީ އެކުއެކީގައެވެ. ޖަލްސާކޮޓަރިން ނުކުމެ ސަރައްކާލީގެ އެއްފަރާތެއްގައި ދެމީހުން ވާހަކަދައްކަން މަޑުކޮށްލިއެވެ.
"ކަލޭ މިއަދު ހާދަ ޓެންޝަންގަ ހުރިހެން ހީވެޔޭ!" ސިރާޖު ބުންޏެވެ. "އެމްޑީ ބުނި އެއްޗަކުން ނެއްޓީ ދޯ؟"
"ތެދަށް ބުނަންޏާ، އެމްޑީއަކަށް ނޭނގޭ އެކައްޗެއް ވެސް،" ޖަވާބުގައި ފައިސަލް ބުންޏެވެ. "އަހަރުމެން މިތާ އުޅެ ކުރަލި ފަހުން، އިހަށް ދުވަހު މި ތަނަށް އޭނަ ވައްޓާލީ. އަހަންނާ ދިމާއަށް... ކޮން ވާހަކައެއް މި ދެއްކެނީ؟ މީޓިން މިހާރު ނިމިއްޖޭ! ހިނގާބަލަ ކެންޓީނަށް."
ދެމީހުން އެކުގައި ހިނގައިގަތެވެ. އެ ވަގުތު ޒަހްވާ އަންނަތަން ފެނުނެވެ. ޒަހްވާއަކީ އޮފީހުގެ "ޑާލިންގް" އެވެ. އޭނަ ރީތިނުވާ މީހެއް، އޭނަޔާ ވާހަކަދައްކައިލާ ހިތްނުވާ މީހެއް އޮފީހަކު ނޫޅެއެވެ. ފިރިހެނެއް އަންހެނެއް ކިޔާނެކަމެއް ނެތެވެ. ޒަހްވާއަކީ އެ ކަހަލަ ކުއްޖަކީއެވެ. ހިނގާނީ އެހައި ރަނޑުކޮށެވެ. ކުލަފަތިވެފައި، އިސްކޮޅުން ދިގެވެ. ބުރުގާއަޅައިފައިހުންނަލެއް އެހައި ރީއްޗެކެވެ. ހެދުމުގެ ކުލަތައް އެހައި ނަލައެވެ. ކޮންމެ މީހަކާ ވެސް ކިބުރުވެރިކަމެއް، ތަފާތެއް ނެތި ވާހަކަދައްކައެވެ.
"ޖިންނީންގެ ކިބައިން ސަލާމަތްވާން ކިޔާ ދުއާއެއް އެނގެންޏާ ބުނެބަލަ!" މަޑުމަޑުން ސިރާޖު ބުންޏެވެ. "ހެޔޮނުވާނެ! މަގޮލާ އަވަލަވައި ނިމިއްޖެ! ހިތަށްއަރާ އެއްޗެހި ދުލުން ބުނަން ބިރު ވެސް ގަނޭ."
"މިއަދު ގުޅާނަން ސަތޫއަށް،" ފައިސަލް ސަމާސާ ގޮތަކަށް، މަޑުމަޑުން ބުނެލިއެވެ. "އަހަރެން ކައިރީގަ ބުނެފައޮންނަނީ ކަލޭ.."
"ހައި ދެ ކުދިން." އަރައިހަމަވުމުން ޒަހްވާ ހިނިތުންވެލައިފައި ގޮވައިލިއެވެ.
ސިރާޖަށް އުޅުނީ ޒަހްވާ ފަހަތުން ދެވޭށެވެ. އެ ކަމަށް ވިސްނައިގެންހުރި ފައިސަލް ކުއްލިއަކަށް ސިރާޖުގެ އަތުގައި ނުހިފި ނަމަ، ސިރާޖަށް ދެވުނީހެވެ.
"ޝުކުރިއްޔާ!" ސިރާޖު ބުންޏެވެ. "ކަލެޔާ ނުލައި މަ ކިހިނެއް އުޅޭނީ؟"
ކެންޓީނަށް ވަދެފައި، އެއްޗެހި ނަގައިގެން ދެމީހުން އިށީނެވެ.
"މުޅި ތަނުގަ ވެސް ޒަހްވާ ވަސް." ސިރާޖު ބުނެލިއެވެ.
"ހެދިކާޔާ ޒަހްވާޔާ އޮޅޭ ހިސާބަށް ދިޔައިމަ ތީ ބޮޑުވަރު،" ކިރިމުޖެހި ބަނަހުން ތަންކޮޅެއް ކައިލަމުން ފައިސަލް ބުންޏެވެ. "އަހަރެން މި އުޅޭ ގޮތަށް އުޅެން ދަސްކޮށްބަލަ! ނަގިލި ކަހައިލީމަ ވެސް ހުރި ތަނުން ގުޑާނުލަމޭ! އާމިރާއަށް ފޯނު ވެސް ކޮށްފިން. ނުނެގި. މެސެޖު ވެސް ފޮނުވިން. ޖަވާބެއް ނައި."
"ދަންވަރު ދޯ ގުޅީ؟" ސިރާޖު އެހިއެވެ. "މަ ދަންނަމޭ ކަލޭ! މެސެޖުގަ ކީކޭ ލިޔުނީ؟"
ފައިސަލް ނުބުނަން އުޅުނެވެ. ވާހަކައޮޅުވައިލަން ވެސް އުޅުނެވެ. އެ ކަން ކާމިޔާބެއް ނުވިއެވެ.
"ގުޅާބަލާށޭ!" އެންމެ ފަހުން ފައިސަލް ބުންޏެވެ.
"ނޭނގޭ ނަންބަރަކުން ދަންވަރު ގުޅާފަ، ގުޅާބަލާށޭ ކިޔާފަ މެސެޖެއް ފޮނުވީމަ މަ ވެސް ނުގުޅާނެ،" ސިރާޖު ބުންޏެވެ. "މީ ފައިސަލޭ! ވަރަށް މުހިންމު ކަމަކުއޭ! ގުޅާލަދީބަލާށޭ! އެހެން ދޯ ބުނަންވާނީ. ޒިޔާން ދެކެ ކަލޭ ނުވޭ ލޯތްބެއް."
ސިރާޖު އެންމެ ފަހުން ބުނި ޖުމުލަ ފައިސަލަކަށް ބަލައެއްނުގަނެވުނެވެ. ހިތްހަމަނުޖެހުނުކަން ފައިސަލްގެ މޫނުމަތިން ފާޅުވިއެވެ.
"އަހަންނަށް އެނގޭ ސިރާޖު ތި އުޅެނީ އަހަންނާ އާމިރާ އެއްގަލަކަށް އަރުވަންކަން،" ފައިސަލް ބުންޏެވެ. "އެކަމަކު މިހާރު ތިހިރީ އެ ސައިޑަށް ގޮސް ހުސްވެފަ. އަހަރެންގެ ނަންބަރު ފެނުނީމަ އާމިރާއަށް ކީއްވެ ނޭނގެންވީ؟ ޒިޔާންގެ ނަންބަރު ނޭނގިގެންތަ އޭނަ ނުގުޅާ އެ ހުންނަނީ؟ ޒިޔާންގެ ފޯނުން ފުރަތަމަ ކޯލު ގުޅާފަ އޮންނާނީ އާމިރާއަށް. ތެދެއް ތި ބުނީ. އަހަރެން ބޭނުމެއް ނޫން އާމިރާޔާ ގުޅާކަށް. ވަރިހަމަ އޭނަ ދުވަހަކު ނުގުޅިޔަސް. ކާކަށްޓަކާ އާމިރާއަށް ގުޅާ، މެސެޖު މި ކުރީ؟ ބުނެބަަލަ! ކޮންމެ އެއްޗެއް ކިޔަސް އަހަންނަށް އޯކޭ! އެކަމަކު ޒިޔާން ދެކެ އަހަރެން ލޯތްބެއް ނުވެޔޭ ދެން ނުބުނައްޗޭ!"
ސިރާޖު މާފަށްއެދުނެވެ. ވިސްނައިނުލައި ބުނެވުނު އެއްޗެއްކަމަށް އެއްބަސްވިއެވެ. އެ ތަނުގައި ތިބެފައި، ސިރާޖުގެ ފޯނުން އާމިރާއަށް ގުޅިއެވެ. އާމިރާ ފޯނެއް ނުނެގިއެވެ. ފައިސަލަށް ފޯނެއްއައެވެ. ފޯނު ބަލައިލި އިރު ގުޅަނީ ސީމާއެވެ. ފައިސަލްގެ ބޮލުގައިރިއްސައިލިއެވެ. އެ ގަޑީގައި ޒިޔާން ވާނީ މަދަރުސާގައެވެ. ޒިޔާންގެ ކަމަކާ ސީމާއެއް ނުގުޅާނެއެވެ. ދެން ހަދާނެ ގޮތަކާ މެދު ވިސްނަން ފައިސަލަށް އިނދެވުނީއެވެ. ސިރާޖަށް އެ މަންޒަރު ފެނުނެވެ. އަރިވެލައިފައި ފައިސަލްގެ ފޯނަށް ބަލައިލިއެވެ. އަޑުކަނޑައިލައިފައި ފައިސަލް ޖީބަށް ފޯނުލިއެވެ.
"ކަލޭ ކީއްކޮށްގެން ތި އުޅެނީ؟" ސިރާޖު ސުވާލުކުރިއެވެ.
ކިޔައިނުދޭން ނިންމައިގެންހުރި ވާހަކަ ކިޔައިދޭން ފައިސަލަށް މަޖުބޫރުވިއެވެ. އެ ކަން ފެށުނު ގޮތާއި، ގޮސްފައިވާ ހިސާބު ކިޔައިދިނެވެ.
"ގޯސްހެދުނީ އަހަންނަށް. ނުބައި މެސެޖެއް ދެވުނީ،" ފައިސަލް އެއްބަސްވިއެވެ. "އެކަމަކު އަހަންނަކީ އިންސާނެއް. އަލިފެއް ނޫން. ސިރާޖު ދުށީމެއްނު ސީމާ. ޒަހްވާ ވަރު ނުވިޔަސް، އަހަރެންނަށް ވަރަށް ކަމުދާ ގޮތެއް ހުރޭ!"
"ތި އޮތީ ނިމިފައެއްނު!" ސިރާޖު ބުނެލި ގޮތުން ހީވަނީ އެއީ އެއްވެސްކަމެއް ނޫންހެންނެވެ. "ކަލެއަށް އޭނަ ކަމުދޭ! އޭނައަށް ކަލޭ ކަމުދޭ! ދެން ކޮބާ މައްސަލައަކީ؟"
"މީހުން ކީކޭ ކިޔާނީ؟" ފައިސަލަށް ނުބައި ފާހަގަ ލެވުނު ގޮޅިއަކީ އެއީއެވެ. "ކުރިން ސުރެ ކަމެއް ހިނގާފަ އޮތީމަ ދޯ، އާމިރާ ދާއިރަށް، ދަރިބަލަން ގެނެއްސަހުރި، އަހަންނަށް ވުރެ ހަގު މަންޖެއަކާ ޓަސްލާފަ އިންނާނީ؟ އެހެނެއްނު މީހުން ކިޔާނީ. އޮތީ އެންމެ ހައްލެއް. ބިޓެއް ހޯދަންވީ. އޭރުން އޭނަ ގެއަށް ގެންނަން ފެށީމަ ސީމާއަށް ކޮންމެވެސް އެއްޗެއް ވިސްނޭނެ."
ފުޓުބޯޅަމެޗުގެ އެންމެ ފަހު ވަގުތުކޮޅެވެ. ޒިޔާންގެ ކުލާސް މުބާރާތް ކުރިޔަށްދަނީއެވެ. ފައިނަލަށް ދިޔުމަށް ޓަކައި އެ މެޗުން ޒިޔާންގެ ޓީމު މޮޅުވާންޖެހެއެވެ. އޭރު އެއްވެސް ޓީމަކަށް ލަނޑެއްނުޖެހެއެވެ. ހަޅޭއްލަވައިލަވައި ފައިސަލްގެ އަޑުހުރީ ފަޅައިގެން ގޮސްފައެވެ. ދަނޑުގެ ބޮޑުބައެއް އޮތީ ފުރިފައެވެ. ކޮންމެ ކުއްޖެއްގެ މުޅި އާއިލާ އެ ތަނުގައި އޮތް ކަހަލައެވެ. ފަހު މިނެޓުގައި ޒިޔާނަށް ލިބުނު ބޯޅައެއް ގޯލަށް ފޮނުވައިލި ތަނާ ކީޕަރު މަތަކުރިއެވެ. ހަޅޭއްލަވައިގަންނަން ފައިސަލް މައްޗަށް ނެގި ދެއަތް ބޮލުގައިއެޅިއެވެ. ފަހު ސިކުންތުކޮޅު ތެރޭގައި ޒިޔާންގެ ޓީމަށް ޕެނަލްޓީއެއް ލިބުނެވެ. ޕެނަލްޓީ ޖަހަންދިޔައީ ޒިޔާނެވެ. ފައިސަލަށް އެއީ މަރުގެ އެތިފަހަރެކެވެ. ގޯލަށް ބޯޅަ ވަދެއްޖެއްޔާ ކޮޅުނެތް ކޮޅަށް އުފަލެވެ. ނުވަދެއްޖެއްޔާ ހަމަ އެހައި ހިތާމައެވެ. ފައިސަލް އެ މަންޒަރު ބެލީ، މޫނުމަތީގައި އަތްއަޅައިގެން ދެ އިނގިލި ދޭތެރެއިންނެވެ. އެ ވަގުތު ފައިސަލްގެ ލޮލުގައި ވަރަށް އެހެން ކަހަލަ މަންޒަރެއް އަޅައިގަތެވެ. އެއީ، ފައިސަލް ގޮތަށް ބަލަންހުރި އެހެން އަންހެންކުއްޖެކެވެ. އެ އަންހެންކުއްޖާއަށް ވެސް ފައިސަލް ފެނުނެވެ. ދެ މީހުން ގާތަށް ހިނިއައެވެ. އެ ކުއްޖާ މޫނުމަތިން އަތްނެގިއެވެ. ޒިޔާން ބޯޅަޖެހިއެވެ. ދާގަނޑުގައި ބޯޅަ ތަތްކޮށްލިއެވެ. ގޯލެއްކަމަށް ނިންމި ކަށިގަނޑުގެ އަޑާއި، މެޗު ނިމުނުކަން އިއުލާނުކުރި ކަށިގަނޑުގެ އަޑު އިވުނީ އެކުއެކީގައެވެ. ފައިސަލް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ޒިޔާން އުރައިލިއެވެ. "މޭން އޮފް ދަ މެޗު" ގެ އިނާމު ވެސް ލިބުނީ ޒިޔާނަށެވެ. އުފަލުގެ މައްޗަށް އުފަލެވެ. އެހެނަސް ފައިސަލްގެ ދެލޮލަށް ފަޅުކަމެއް އިހުސާސްކުރެވުނެވެ. ދެވަނަ ފަހަރަށް ދެކިލަން ބޭނުންވި މޫނެއް ނުފެނުނެވެ. އެއީ ކާކުކަމެއް، ކޮން ނަމެއް ކިޔާ ކުއްޖެއްކަމެއް ނޭނގުނެވެ.
ދަރިފުޅަށް ލިބުނު އުފަލުގައި ފައިސަލް ފުރިހަމައަށް ބައިވެރިވިއެވެ. އައިސްކިރިމު ބޯން ދިޔައެވެ. ގެއަށް އައީ ޕިއްޒާއެއް ހިފައިގެންނެވެ. އެއީ، ފަހަކަށް އައިސް ޒިޔާން އެންމެ އުފާވި ދުވަހެވެ. އެ އުފާ ޒިޔާނަށް ކިހައި މުހިންމުކަން ފައިސަލަށް އެނގެއެވެ.
ފެންވަރައިގެން އައިސް ދެބަފައިން ޕިއްޒާކެއެވެ. ގޭމުކުޅުނެވެ. އެކަމަކު ޓީވީން ވެސް ފައިސަލަށް ފެންނަނީ، ދަނޑުން ފެނުނު އަންހެންކުއްޖާގެ މޫނެވެ. ދެން ނުފެނިދާނެކަމުގެ ބިރުހީވާ، ދެކިލާ ހިތްވާ، ލޯބިލޯބި މޫނެވެ. އެއީ ފައިސަލްގެ ކާކު ހެއްޔެވެ؟ އެކަކު ވެސް ނޫނެވެ. އެކަމަކު ހިތުގައި ތަސްވީރެއް ހަރުލުމަކީ ފައިސަލްގެ ކުށެއް ނޫނެވެ. ޕިއްޒާ ކައިގެން ޒިޔާން ނިދަން ދިޔައެވެ. ގޭމުގަޖެހިފައި ފައިސަލަށް އިނދެވުނީއެވެ. މޭޒުމަތި ސާފުކުރަން ސީމާ އައެވެ. އެއީ ދެމީހުން އެކަނިވި ދަނޑިވަޅެކެވެ. މޭޒު ކައިރިއަށް ހުއްޓިގެން ފައިސަލް ބަލައިލާތޯ ސީމާ އިންތިޒާރުކުރިއެވެ. ގޭމަށް ގެއްލިގެންކަމަށް ހެދިގެން ފައިސަލް އިނެވެ.
"އަހަރެން މިގެއިން ދިޔަސް ހެޔޮތަ؟" ސީމާ އެހިއެވެ.
ނުނިމޭ