ޗެމްޕިއަން ބާސެލޯނާ އަނެއްކާވެސް ބަލިވެއްޖެ
ޗެމްޕިއަން ބާސެލޯނާ އަނެއްކާވެސް ބަލިވެއްޖެ

ވަޔޮޑޮލިޑް (މެއި 24) - ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ކަށަވަރު ކުރުމަށް ފަހު ބާސެލޯނާ ކުޅުނު ދެ ވަނަ މެޗުން ވެސް ބަލިވެއްޖެ އެވެ.

ލީގުގައި ރޭ ރަށުން ބޭރުގައި ރެއާލް ވަޔޮޑޮލިޑް އަތުން ބާސެލޯނާ ބަލިވީ 3-1 އިންނެވެ. ބާސެލޯނާ އަށް މެޗުގެ މުހިއްމުކަން ނެތަސް، މޮޅާ އެކު ވަޔޮޑޮލިޑް ވަނީ ރެލިގޭޝަނުން ސަލާމަތްވުމުގެ އުއްމީދު އާކޮށްފަ އެވެ.

ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ މިދިޔަ ހަފްތާ އެސްޕަންޔޯލް ބަލިކޮށްގެންނެވެ. އޭގެ ފަހުން އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް އަތުން ވަނީ ބަލިވެފަ އެވެ.

މޮޅާ އެކު ވަޔޮޑޮލިޑް މިހާރު ވަނީ 17 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އެޓީމަށް 36 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު 18 ވަނައިގައި އޮތް ގެޓަފޭ އަށް 35 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ. ލީގުގައި ބާކީ އޮތް ދެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެގެން ވަޔޮޑޮލިޑް ރެލިގޭޓް ނުވެ ސަލާމަތް ވެވޭނެ އެވެ.

މެޗު ފަށައިގެން ދެ ވަނަ މިނިޓުގައި ވަޔޮޑޮލިޑް އަށް ލީޑު ލިބުނީ ބާސެލޯނާގެ ޑިފެންޑަރު އަންޑްރެއަސް ކްރިސްޓެންސެން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ވަޔޮޑޮލިޑް އިން ލީޑު ފުޅާކުރީ 22 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކައިލް ލަރިން އެވެ.

ވަޔޮޑޮލިޑްގެ ތިން ވަނަ ގޯލު 73 ވަނަ މިނިޓުގައި ޖެހީ ގޮންޒާލޯ ޕްލާޓާ އެވެ. ތިން ގޯލު ފަހަތުގައި އޮވެ ބާސެލޯނާގެ ހަމައެކަނި ގޯލު 84 ވަނަ މިނިޓުގައި ޖެހީ ރޮބާޓް ލެވަންޑޯސްކީ އެވެ.

ބާސެލޯނާ އިން ވަނީ މެޗުގައި ގިނަ ހަމަލާތަކެއް ވަޔޮޑޮލިޑްގެ ގޯލާ އަމާޒުކޮށްފަ އެވެ. އެކަމަކު އެޓީމަށް ދިމާވީ ނިންމާލުމުގެ މައްސަލަ އެވެ.

މިދިޔަ ސީޒަނަށް ފަހު ބެޔާން މިއުނިކް ދޫކޮށް ބާސެލޯނާ އަށް ބަދަލުވި ލެވަންޑޯސްކީ ވަނީ ލީގުގައި މިހާތަނަށް ކުޅުނު 32 މެޗުގައި 23 ގޯލު ޖަހައިފަ އެވެ. ސްޕެނިޝް ލީގުގެ ކްލަބަކަށް ބަދަލުވެ ފުރަތަމަ ސީޒަނުގައި އެންމެ ގިނަ ލީގު ގޯލު މިހާތަނަށް ޖެހީ ކުރިން ބާސެލޯނާ އަށް ކުޅުނު ސަމުއެލް އެޓޫ އެވެ. އެޓޫ ވަނީ 2004/2005 ވަނަ ސީޒަނުގައި ކުޅުނު 37 ލީގު މެޗުގައި 24 ގޯލު ޖަހައިފަ އެވެ. އެ ރެކޯޑާ ހަމަކުރުމަށް ލެވަންޑޯސްކީ އަށް ބޭނުންވަނީ އެއް ގޯލެވެ.