23 މެއި 2023 - 19:52

ނޭޕާލުގެ ކަތަމަންޑޫގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) އަންހެނުންގެ ވޮލީބޯޅަ ޗެލެންޖް ކަޕުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެ، މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު ގެއްލިއްޖެ އެވެ.

މިއަދު ހަވީރު އުޒްބަކިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުން ބަލިވީ ސީދާ ތިން ސެޓުންނެވެ. އުޒްބަކިސްތާނުން ސެޓްތައް ގެންދިޔައީ 25-18، 25-14 އަދި 25-4 އިންނެވެ.

އިއްޔެގެ މެޗުގައި ވެސް ސްޓާޓްކުރި ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ)، އާމިނަތު ރިޔާސާ، ފާތިމަތު ޖޫޒާން ޒަރީރު، އާމިނަތު ޝަހާ ޝާމިން، ނަރީމާ އިދުރީސް އަދި ލިބަރޯ ފައިހާ މުހައްމަދު ވަނީ މިއަދުގެ މެޗުގެ ސްޓާޓިންގައި ވެސް ހިމެނިފަ އެވެ. އިއްޔެގެ މެޗުގައި އަނިޔާވި އައިޝަތު މާޖިދާގެ ބަދަލުގައި މިއަދުގެ މެޗުގައި ސްޓާޓުކުރީ މަރިޔަމް އަޒުމާ އެވެ.
މެޗުގައި ފުރަތަމަ ޕޮއިންޓު ހޯދީ ރާއްޖެއިންނެވެ. ނަމަވެސް އުޒްބަކިސްތާނުން ފޮނުވި ބޯޅަތައް ރާއްޖޭގެ ކުލުންތެރިންނަށް ރިސީވް ނުކުރެވިގެން އުޒްބަކިސްތާނުން ކުރިއަށް ދިޔައީ ހަތަރު ޕޮއިންޓުގެ ލީޑެއް ދަމަހައްޓަމުންނެވެ. ނަމަވެސް ހައްވަ އާއި ނަރީމާ އަދި ޝަހާ ހޯދައިދިން ޕޮއިންޓުތަކާ އެކު 15-15 އިން ނަތީޖާ އެއްވަރު ވެސް ކުރި އެވެ.
ރާއްޖެއިން އެއްވަރު ކުރުމުން އުޒްބަކިސްތާނުން ޓައިމްއައުޓެއް ނެގި އެވެ. ޓައިމްއައުޓަށް ފަހު ފުރަތަމަ ބޯޅައިގައި ޝަހާގެ ރަނގަޅު ރިސީވް އަކާއި ހައްވަގެ އެޓޭކަކުން ޕޮއިންޓެއް ހޯދައި ރާއްޖެއިން ލީޑު ނެގި އެވެ. އެކަމަކު ދެން ފެނުނީ އުޒްބަކިސްތާނުން ރާއްޖެއަށް ފުރުސަތެއް ނުދީ ޖެހިޖެހިގެން އަށް ޕޮއިންޓް ހޯދައި ފަރަގު ބޮޑުކުރި ތަނެވެ. ޓައިމްއައުޓްގެ ބޭނުން އެންމެ ރަނގަޅަށް ހިފައި އުޒްބަކިސްތާނުން މި ސެޓް ގެންދިޔައީ 25-18 އިންނެވެ.
ދެވަނަ ސެޓުގެ ފުރަތަމަ ޕޮއިންޓު އުސްބަކިސްތާނުން ހޯދި ނަމަވެސް ފެށުން ދިޔައީ އެއްވަރު ކޮށެވެ. އޭގެ ފަހުން އުޒްބަކިސްތާނުން ހަތަރު ޕޮއިންޓުގެ ލީޑެއް ނަގާފައި ވަނިކޮށް ހައްވަގެ އެޓޭކަކުން ރާއްޖެއިން 9-8 އިން ޕޮއިންޓަކަށް ފަރަގު ކުޑަ ވެސް ކުރި އެވެ. ނަމަވެސް އުޒްބަކިސްތާނުގެ އެޓޭކްތައް ނުހުއްޓުވި ރާއްޖެއަށް މި ސެޓް ގެއްލުނީ 25-14 އިންނެވެ. ނަރީމާ އާއި ފާތިމަތު ޝަމްހާ ވެސް މި ސެޓުގައި ރާއްޖެއަށް ޕޮއިންޓު ހޯދައިދިނެވެ.
ތިންވަނަ ސެޓުގައި ވެސް ފުރަތަމަ ޕޮއިންޓް ހޯދީ އުޒްބަކިސްތާނުން ނެވެ. ރާއްޖެއަށް ފުރަތަމަ ޕޮއިންޓް ލިބުނީ އުޒްބަކިސްތާނުން ތިން ޕޮއިންޓް ހޯދި ފަހުންނެވެ. އެއަށް ފަހު ވެސް އުޒްބަކިސްތާނުން ފޮނުވާލި ބޯޅަތައް ރިސީވް ނުކުރެވި، ފަރަގު ހަ ޕޮއިންޓަށް ފުޅާވި އެވެ. ހައްވަ ރާއްޖެއަށް ދެވަނަ ޕޮއިންޓެއް ހޯދައިދިން ނަމަވެސް ތިންވަނަ ޕޮއިންޓެއް ރާއްޖެއަށް ލިބުނީ އުޒްބަކިސްތާނުން 11 ޕޮއިންޓް ހަމަކޮށްފައި ވަނިކޮށެވެ. ރާއްޖެއަށް މި ޕޮއިންޓް ހޯދައިދިނީ ޝަހާ އެވެ.
އުޒްބަކިސްތާނުން ފަސޭހަކަމާ އެކު ރާއްޖޭގެ މައްޗަށް ކޮންޓްރޯލް ހޯދައި، 17-3 އިން 14 ޕޮއިންޓްގެ ލީޑެއް ހޯދައިފައި ވަނިކޮށް ރާއްޖެއަށް ހަތަރުވަނަ ޕޮއިންޓެއް ލިބުނީ އުޒްބަކިސްތާނުގެ ސާވިސް ގޯސް ވެގެންނެވެ. ރާއްޖެއަށް އިތުރު ޕޮއިންޓެއް ނުހޯދި، ފަސޭހަ ކަމާއެކު އުޒްބަކިސްތާނުން މި ސެޓް ގެންދިޔައީ 25-4 އިންނެވެ.
ފުރަތަމަ މެޗުގައި ކަޒަކިސްތާނާ ވާދަކޮށް ވެސް ރާއްޖެ ވަނީ ސީދާ ތިން ސެޓުން ބަލިވެފަ އެވެ. ދެ ބައްޔާ އެކު ރާއްޖެއަށް މިވަނީ ސެމީ ފައިނަލްގައި ކުޅުމުގެ ފުރުސަތު ގެއްލިފަ އެވެ. ނަމަވެސް މުބާރާތުގެ ދެ ގުރޫޕުން ވެސް ސެމީއަށް ނުހޮވޭ ޓީމްތަކުގެ މެދުގައި ކުޅޭ ރޭންކިން މެޗުތައް ކުޅޭނެ އެވެ.
ރާއްޖެ ހިމެނޭ ގުރޫޕުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށް ފަހު ކަޒަކިސްތާނުން ސްރީލަންކާ ބަލިކުރީ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓު ކަޒަކިސްތާނުން ފަސޭހަ ކަމާއެކު 25-16 އިން ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓު އެޓީމަށް ކާމިޔާބު ކުރެވުނީ 28-26 އިންނެވެ. ތިންވަނަ ސެޓު ލަންކާއިން 25-18 އިން ކާމިޔާބު ކޮށްފައި ވަނިކޮށް ކަޒަކިސްތާނުން މެޗު ކާމިޔާބު ކުރީ ހަތަރުވަނަ ސެޓު 29-17 އިން ކާމިޔާބު ކޮށްގެންނެވެ.
މި ގުރޫޕުން އުޒްބަކިސްތާނާއި ކަޒަކިސްތާނަށް ވަނީ ސެމީގެ ޖާގަ ޔަގީން ވެފަ އެވެ.
މާދަމާ ހަވީރު ރާއްޖެ ގަޑިން 5:45 ގައި ރާއްޖޭން ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ލަންކާއާ ދެކޮޅަށް ނުކުންނާނެ އެވެ.