23 މެއި 2023 - 17:12

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީގެ ފަސް މެންބަރަކު ސޮއި ނުކުރައްވާ ކަން އެނގިއްޖެ އެވެ.
"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރެއްވުމަށް އެމްޑީޕީން ވަކިވި މައްސަލާގައި އީވާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ އިއްތިފާގުން ވަނީ ފާސް ކޮށްފަ އެވެ.
އެ މައްސަލަ މަޖިލިހުގެ އިދާރާ އަށް ހުށަހެޅީ 50 މެންބަރުންގެ ސޮޔާ އެކު އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 49 މެންބަރުންނާއި ވަކި ޕާޓީ އަކަށް ނިސްބަތް ނުވާ މެންބަރެއް ކަމަށްވާ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އެވެ.
ޖޭފޯ އަކީ އެމްޑީޕީއާ ވަރަށް އަވަހަށް ގުޅިވަޑައިގަންނަވާނެ މެމްބަރެއް ކަމަށް ވަނީ އެނގިފަ އެވެ.
1. ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު
2. ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު
3. މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް
4. ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް)
5. ބިލެއްދޫ ދާއިރާގެ މެންބަރު އަހުަމަދު ހަލީމް (ދޮންބިލެއް)
މީގެ ތެރެއިން ދޮންބިލެއް ހަލީމާއި އަހުމަދު ރަޝީދަކީ ވަރަށް ފާޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަޅީގައި އުޅުއްވާ މެންބަރުންނެވެ. ނަމަވެސް މިދިޔަ ހަފުތާގައި ދުވަހު އެމްޑީޕީން ވަކިވި މެންބަރުންގެ ތެރޭގައި އެ ދެ މެންބަރުން ނުހިމެނެ އެވެ.
ސިރާޖަކީ ވެސް މީގެ ކުރިން ނަޝީދު ފަޅީގައި ހުންނެވި މެންބަރެކެވެ. އެކަމަކު، އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ސިރާޖު ވަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފަ އެވެ. އެކަމަކު، ފަހަކަށް އައިސް އެހާ ގުޅުން ރަނގަޅު ނޫން ކަމަށް ވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ އީވާ މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެ އެވެ.