26 ޖެނުއަރީ 2017 - 09:47

ލިވަޕޫލް (ޖެނުއަރީ 26) - އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި ރޭ ރަށުން ބޭރުގައި ލިވަޕޫލް އަތުން 1-0 އިން ހޯދި މޮޅާ އެކު 38 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ސައުތެމްޓަން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ސައުތެމްޓަން ދަނޑުގައި ކުޅުނު މެޗުން ވެސް އެ ޓީމު މޮޅުވީ 1-0 އިންނެވެ. އެ ޓީމު ފައިނަލުން ޖާގަ ހޯދާފައިވަނީ ބައިކޮޅަށް ލަނޑެއް ނުވަދެ އެވެ. މިއީ ބައިކޮޅަށް ލަނޑެއް ނުވަދެ މި މުބާރާތުގެ ފައިނަލުން ޓީމެއް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރީ ޝޭން ލޯންގް އެވެ. އޭނާ މި ލަނޑު ޖެހީ ކައުންޓަ އެޓޭކެއްގަ އެވެ.
މެޗުގެ ފުރަތަމަ ހާފްގައި ސައުތެމްޓަނަށް ލަނޑު ޖަހަން ހުސް ދެ ފުރުސަތު ލިބުނެވެ. ލިވަޕޫލް އޭރިއާ ތެރެއިން ނޭތަން ރެޑްމަންޑް ދިން ބޯޅައަކުން ހުސްކޮށް ހުރެފައި ޑޫސަން ޓަޑިޗް ފޮނުވާލި ބޯޅަ ލިވަޕޫލް ކީޕަރު ލޮރިސް ކާރިއަސް ވަނީ މަތަކޮށްފަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އެ ޓީމުގެ ކެޕްޓަން ޝޯން ޑޭވިސް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
ދެ ވަނަ ހާފްގެ ކުރީކޮޅު ލިވަޕޫލްގެ އެމްރޭ ޗާން އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ ސައުތެމްޓަން ކީޕަރު ފްރޭޒާ ފޮސްޓާ އަތުގައި ޖެހިފައި ގޯލަށް ވަންނަން ދަނިކޮށް އޭނާ ވަނީ ގޯލު ރޮނގުމަތިން ބޯޅަ ބޭރުކޮށްލައިފަ އެވެ.
މި ހާފްގައި ލަނޑު ޖަހަން ލިވަޕޫލްގެ ޑެނިއަލް ސްޓަރިޖަށް ހުސް ދެ ފުރުސަތު ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. އޭނާ ފޮނުވާލި ދެ ހަމަލާ ވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އަދި ފިލިޕޭ ކޯޓީނިއޯ އަށް ލިބުނު ބޯޅަ އޭނާ އަތުން ވެސް ބޭކާރުވީ އެވެ.
ސައުތެމްޓަން މޮޅުވި ލަނޑު ލޯންގް ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މެޗުގެ ފަހު 15 މިނިޓް ތެރޭ ކުޅެން ނުކުތް ޖޯޝް ސިމްސް ދިން ބޯޅައަކުންނެވެ.
ސައުތެމްޓަންގެ ކޯޗު ކްލައުޑޭ ޕުއެލް ބުނީ މިއީ ޓީމެއްގެ ގޮތުގައި އެ ޓީމުން ކުރަމުން އައި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"ތަފާތު އުނދަގޫ ހާލަތްތަކުގައި އަހަރެމެން ކުޅެމުން އައީ. އަބަދުވެސް ޓީމުގެ މުހިއްމު ކުޅުންތެރިޔަކު އަނިޔާގެ ސަބަބުން ނުލައި ކުޅެން ޖެހިފައި އޮންނަނީ. އެކަމަކު ދެން ތިބި ކުޅުންތެރިން ޓީމަށް އައިސް އެ ކުރާ ހިތްވަރާ އެކު މިއީ ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުގެ ނަތީޖާ،" ޕުއެލް ބުންޏެވެ.
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ މެޗުގެ ގެއްލުމުގައި ދެ ސަބަބެއް ވާކަަމަށާއި އެއީ ރެފްރީންގެ ގޯސް ނިންމުންތަކުގެ ސަބަބުންނާއި ލަނޑު ޖަހަން ލިބުނު ފުރުސަތުތައް ނަގާލުމުން ކަމަށެވެ.
މިއީ 2003 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލަށް ފަހު ސައުތެމްޓަން ކުޅޭ ފުރަތަމަ ފައިނަލެވެ. އެ ޓީމު ފައިނަލުގައި ނުކުންނާނީ ދެ ވަނަ ސެމީގައި ހަލް ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.