ފުލުހަށް އަނިޔާކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ފުލުހަށް އަނިޔާކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ހުޅުމާލޭގައި ފުލުހަކަށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިއްޔެ އިތުރުކޮށްފި އެވެ.

އެންމެން ވެސް ދަންނަ، ކުށްކުރާ ގްރޫޕަކުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ތަޅައި އަނިޔާކުރީ ގަލޮޅު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ސާޖަންޓަކަށެވެ. އެ މައްސަލައާ ގުޅިގެން ހަމަ އެ ރޭ ހަތަރު މީހަކު ހައްޔަރުކުރި އެވެ.

އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަން އިއްޔެ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 21 އަހަރުގެ ފިރިހެނެއްގެ ބަންދަށް 15 ދުވަސް، 33 އަހަރު މީހެއްގެ ބަންދަށް ފަސް ދުވަސް އަދި 42 އަހަރާއި 44 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވެ އެވެ.

މާރާމާރީގައި އަނިޔާވި ފުލުހަށް ފަރުވާ ދިނުމަށް ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް، ފަރުވާ ދިނުމަށްފަހު ހަމަ އެ ރޭ ދޫކޮށްލާފައިވެ އެވެ. ހޮސްޕިޓަލުން ބުނީ އެ މީހާއަށް ސީރިއަސް އަނިޔާތައް ލިބިފައިނުވާ ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ގޭންގު ހަމަލާއިން ސަލާމަތްވާން ފުލުސް މީހާ ކުރި މަސައްކަތަށް ތައުރީފުކުރައްވައިފަ އެވެ.