23 މެއި 2023 - 10:50

ޖަޕާނުގައި އަންނަ ޖުލައި މަހު ބާއްވާ ފީނާ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި އެތުލީޓުން ހޮވައިފި އެވެ.
ޖުލައި 14-30 އަށް އެ ގައުމުގެ ފުކުއޯރާގައި ބާއްވާ މުބާރާތުގައި ވާދަކުރާ އެތުލީޓުން ހޮވުމުގެ ޓްރަޔަލްގައި އަންހެން ދެ ފެތުންތެރިންނާއި ފިރިހެން ދެ ފެތުންތެރިން ހޮވި އެވެ. މުބާރާތަށް ހޮވި ހަތަރު ފެތުންތެރިންނަކީ އަލީ އިމްއާނާއި ހަމްނާ އަހުމަދާއި މެރާލް އައިން ލަތީފް އަދި މުހައްމަދު ރިހާން ޝިހާމެވެ.
އަންހެން ޓްރަޔަލްސްގެ އެއްވަނަ ހޯދީ 3،869 ޕޮއިންޓާ އެކު މެރާލް އެވެ. އޭނާ ވަނީ ދެ ވަނަ އަށް ދިޔަ ހަމްނާ އަށް ވުރެ 500 ޕޮއިންޓް އިތުރަށް ހޯދައިފަ އެވެ. ހަމްނާގެ ފަހަތުން ޓްރަޔަލްގެ ތިންވަނަ އަށް ދިޔައީ އީން އައްބާސް ޝަރީފެވެ. ތަޖުރިބާކާރު ފެތުންތެރިޔާ އައިޝަތު ސައުސަން ދިޔައީ ހަތަރުވަނައަށެވެ.
ފިރިހެނުންގެ ޓްރަޔަލްސް އިން އެއްވަނަ ހޯދީ އިމްއާނެވެ. އޭނާ 3،285 ޕޮއިންޓް ހޯދި އެވެ. ދެވަނަ ހޯދި ރިހާން ހޯދީ 3،169 ޕޮއިންޓެވެ. މުބާލް އައްޒާމް އިބްރާހިމް ތިންވަނައިގައި ނިންމާލިއިރު ހަތަރުވަނަ އަށް ދިޔައީ މުހައްމަދު ޖޫދު ފަޔާޒެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކުރި ސްވިމިން ސްކޮޑްގައި ހިމެނުނީ ހަމްނާ އާއި ސައުސަންގެ އިތުރުން މުބާލް އާއި މުހައްމަދު އާން ހުސެއިން އެވެ. މި އަހަރުގެ ޓްރަޔަލްގައި އާން ނުހިމެނެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ވަނީ ގައުމީ 10 ރެކޯޑެއް މުގުރާލައިފަ އެވެ.