ކަޒަކިސްތާނު އަތުން ރާއްޖެއަށް ނާކާމިޔާބު ނަތީޖާއެއް
ކަޒަކިސްތާނު އަތުން ރާއްޖެއަށް ނާކާމިޔާބު ނަތީޖާއެއް

ނޭޕާލުގެ ކަތަމަންޑޫގައި މިއަދު ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) އަންހެނުންގެ ވޮލީބޯޅަ ޗެލެންޖް ކަޕުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ކަޒަކިސްތާނާ ވާދަކޮށް ނާކާމިޔާބު ވެއްޖެ އެވެ.

ކަޒަކިސްތާނާ ދެކޮޅަށް މިރޭ ކުޅުނު މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. ކަޒަކިސްތާނުން މެޗުގެ ސެޓްތައް ގެންދިޔައީ 25-16، 25-14 އަދި 25-6 އިންނެވެ.

މި މެޗުގައި ރާއްޖޭން ސްޓާޓް ކުރީ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ)، އާމިނަތު ރިޔާސާ، ފާތިމަތު ޖޫޒާން ޒަރީރު، އާމިނަތު ޝަހާ ޝާމިން، އައިޝަތު މާޖިދާ، ނަރީމާ އިދުރީސް އަދި ލިބަރޯ ފައިހާ މުހައްމަދެވެ.

ކަޒަކިސްތާނުގެ ސާވިސް ބޭރަށް ގޮސްގެން ރާއްޖެއިން މެޗު ފެށީ ލީޑަކާ އެކު އެވެ. އަދި އެ ޓީމުގެ އެޓޭކެއް ބްލޮކް ކޮށްގެން ރިޔާސާ ހޯދައިދިން ޕޮއިންޓުން ރާއްޖެއިން އިތުބާރު ހޯދި އެވެ. ކަޒަކިސްތާނުގެ އިތުރު އެޓޭކެއް ބޭރަށް ގޮސްގެން ރާއްޖެ އަށް ތިންވަނަ ޕޮއިންޓެއް ލިބުނު ނަމަވެސް ޖެހިގެން އައި ބޯޅައިގައި ރާއްޖެ އަށް ފަސޭހަ ބްލޮކެއް ގެއްލިގެން ކަޒަކިސްތާނުން ފުރަތަމަ ޕޮއިންޓެއް ހޯދި އެވެ.

ކަޒަކިސްތާނުން ރާއްޖެ ކައިރިން ހަތަރު ޕޮއިންޓް ހަމަކޮށް ޕޮއިންޓެއްގެ ލީޑު ނެގި އިރަށް ރާއްޖޭން އެއްވަރުކޮށް، ހައްވަގެ ސާވިސް އަކުން ލީޑު ވެސް ނެގި އެވެ. އޭގެ ފަހުން ޝަހާ އާއި މާޖިދާ ހޯދައިދިން ޕޮއިންޓުތަކުން ރާއްޖެ ކުރީގައި އޮތް ނަމަވެސް ކަޒަކިސްތާނުން ދިޔައީ ރާއްޖެ އަށް ބޮޑު ލީޑެއް ނުދީ ވޭތޯ މަސައްކަތް ކުރަމުންނެވެ.

މި ސެޓުގެ މެދަކާ ހަމައަށް ދިޔައިރު ވެސް ރާއްޖެ އަށް ފުރުސަތު އޮތެވެ. ދެ ޕޮއިންޓުގެ ލީޑަކާ އެކު 15-13 އިން ރާއްޖެ ކުރީގައި އޮތް ނަމަވެސް އެ ހިސާބުން ކަޒަކިސްތާނުން އެ ޓީމުގެ އެޓޭކްތަކާއި ބްލޮކްތައް ވަރުގަދަކޮށް، 25-16 އިން ސެޓް ކާމިޔާބު ކުރި އެވެ.

ދެވަނަ ސެޓު ވެސް ފެށިގެން ކަޒަކިސްތާނުން ދިޔައީ އެ ޓީމުގެ ވަރުގަދަ އެޓޭކްތައް ކާމިޔާބު ކުރަމުންނެވެ. މި ސެޓް 25-14 އިން އެ ޓީމުން ކާމިޔާބު ކުރީ ރާއްޖެއަށް ލީޑު ހޯދާނެ ފުރުސަތެއް ނުދީ އެވެ.

ދެވަނަ ސެޓުގެ މެދަކާ ހަމައިން ރާއްޖޭގެ ޓީމުގެ މާޖިދާ އަށް އަނިޔާ ވެގެން ވަނީ ޒުވާން ކުޅުންތެރިޔާ މާޔާ ހުސައިން ސޮލާހު ކުޅެން އަރުވައިފަ އެވެ. މިއީ ގައުމީ ޖޯޒީގައި މާޔާގެ ފުރަތަމަ ފެނިލުމެވެ.

ތިން ވަނަ ސެޓުގެ ފުރަތަމަ ޕޮއިންޓް ހޯދީ ރާއްޖެއިންނެވެ. އެއީ މާޖިދާގެ އެޓޭކެއް އެ ޓީމުގެ ބްލޮކުގައި ޖެހި ބޭރަށް ދިޔުމުންނެވެ. ނަމަވެސް އޭގެ ފަހުން ކަޒަކިސްތާނުން ވަނީ ރާއްޖެ އަށް ލީޑު ހޯދާނެ އިތުރު ފުރުސަތެއް ނުދީ، 25-6 ގެ ބޮޑު ތަފާތަކުން ސެޓް ކާމިޔާބު ކޮށްފަ އެވެ.

މިއީ އޭޕްރީލް މަހު ގައުމީ އަންހެން ޓީމުގެ ކޯޗުކަމާ ހަވާލުވި ތައިލެންޑްގެ ތަޖުރިބާކާރު ކޯޗު ވިޗީޕޮން ފޯންޗާޓްޔިންޗީޕްގެ އިރުޝާދުގެ ދަށުން ރާއްޖޭން ކުޅުނު ފުރަތަމަ މެޗެވެ.

ރާއްޖެ އާއި ކަޒަކިސްތާނު ހިމެނޭ ގުރޫޕް ބީގައި ދެން ހިމެނެނީ ސްރީ ލަންކާ އާއި އުޒްބަކިސްތާނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު މި ދެޓީމުގެ ކުރިމަތިލުން އުޒްބަކިސްތާނުން ކާމިޔާބު ކުރީ ވެސް ސީދާ ތިން ސެޓުންނެވެ. އުޒްބަކިސްތާނުން މެޗުގެ ސެޓްތައް ގެންދިޔައީ 27-25، 25-20 އަދި 25-14 އިންނެވެ.

ރާއްޖޭން ގުރޫޕް ސްޓޭޖުގައި ކުޅޭ ދެވަނަ މެޗުގައި ނުކުންނާނީ އުޒަބަކިސްތާނާ ދެކޮޅަށެވެ. މެޗު ފަށާނީ މާދަމާ ހަވީރު ރާއްޖެ ގަޑިން 5:45 ގައެވެ.