22 މެއި 2023 - 14:44

މާލޭގައި ވައްކަން ކުރި ކަމަށް ތުހުމަތުވާ މީހަކު މަގުމަތީގައި ބައިންދައިގެން ބަޔަކު މީހުން އޭނާގެ ގަޔަށް ދަވާދު އަޅައި، އެ ހޭކި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ވައްކަން ކުރި ކަމަށް ތުހުމަތުވާ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެންމީހާ އެ އިދާރާގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.
މާފަންނުގައި ހުރި ފިހާރައަކުން ވައްކަން ކުރި ކަމަށް ތުހުމަތުވާ އެ މީހާ ބަޔަކު ހިފަހައްޓައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ ރޭ ކަމަށް ފުލުހުން ބުންޏެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ އެ ކަން ކުރި މީހުން އެ ތަނުން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ މައްސަލައާ ގުޅިގެން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު ބަލައި ވައްކަން ކުރި ކަމަށް ބެލެވޭ މީހާ އާއި އޭނާގެ ގައިގައި ދަވާދު ހޭކުމުގެ އަމަލު ހިންގި މީހުން ދެނެގަނެ، އަންނަނީ ތަހުގީގު ކުރަމުންނެވެ.
ވައްކަން ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާގެ ބޮލަށް ހުދުކުލައިގެ ދަވާތު ފާޓާއެއް އަޅައި، އޭނާގެ ގައިގައި ހޭކި އެވެ. އަދި އޭނާ އަމިއްލަ އަށް ވެސް ގައިގައި ދަވާދު ހޭކުވި ތަން ވީޑިއޯ އިން ފެނެ އެވެ. އަދި ދަވާދު އެޅި ދަޅުންނާއި ބައެއް މީހުންގެ އަތުންނާއި ފައިން ވެސް އެ މީހާގެ ގައިގައި ޖަހަ އެވެ.
އެ މީހާ ވަގަށް ނެގި އެއްޗެއް ނޭނގެ އެވެ.