ޕީއެސްޖީ އިން ފްރެންޗް ލީގުގެ ރެކޯޑް ހެދުމާ ގާތަށް
ޕީއެސްޖީ އިން ފްރެންޗް ލީގުގެ ރެކޯޑް ހެދުމާ ގާތަށް

ކިލިއަން އެމްބާޕޭގެ ގޯލުތަކާ އެކު 2-1 އިން އޮޒޭ ބަލިކޮށް މި ސީޒަނުގައި ވެސް ލީގު ހޯދުމާ ގާތަށް ޕީއެސްޖީ ޖެހިލައިފި އެވެ.

ފްރެންޗް ލީގުގެ ޗެމްޕިއަންކަން އެންމެ ގިނައިން ހޯދައިފައިވާ ލިސްޓުގައި ޕީއެސްޖީއާ އެކު މިހާރު އޮތީ މާސޭ އާއި ސެއިންޓް-އެޓިއެން އެވެ. މި ތިން ޓީމުން ވެސް ވަނީ 10 ފަހަރު ފްރެންޗް ލީގު ކާމިޔާބު ކޮށްފަ އެވެ. މި ސީޒަނުގެ ޗެމްޕިއަންކަން ހޯދައިގެން 11 ތައްޓާ އެކު އެ ރެކޯޑް ޕީއެސްޖީ އަށް އަމިއްލަ ކުރެވޭނެ އެވެ.

ރަށުން ބޭރުގައި ހޯދި މޮޅުގައި ޕީއެސްޖީގެ ލަނޑުތައް އެމްބާޕޭ ޖެހީ މެޗުގެ ފުރަތަމަ 10 މިނިޓުގަ އެވެ. ދެ ވަނަ ހާފުގައި ޕީއެސްޖީ ކޮޅަށް އޮޒޭގެ ގޯލު ޖެހީ ލެސީން ސިނަޔޯކޯ އެވެ.

އެމްބާޕޭ، 24، ވަނީ މި ސީޒަނުގައި ކުޅުނު 41 މެޗުގައި 40 ގޯލު ޖަހައިފަ އެވެ.

ފްރެންޗް ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ 84 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލެންސް އަށް ލިބިފައިވަނީ 78 ޕޮއިންޓެވެ. ތިން ވަނައިގައި މާސޭ އޮތްއިރު ހަތަރު ވަނައިގައި އޮތީ މޮނާކޯ އެވެ.

ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ދެ މެޗެވެ. ޕީއެސްޖީ އަންނަ ހޮނިހިރު ދުވަހު ލީގުގައި ނުކުންނާނީ ރޭސިން ސްޓްރޯސްބާގާ ދެކޮޅަށެވެ. އެ މެޗު އެއްވަރުކޮށްލައިގެން ޕީއެސްޖީ އަށް ލީގު ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ.

ޕީއެސްޖީ އިން ވަނީ މިދިޔަ 10 ސީޒަނުގެ ތެރެއިން އަށް ސީޒަނުގައި ފްރެންޗް ލީގު ކާމިޔާބު ކޮށްފަ އެވެ.