26 ޖެނުއަރީ 2017 - 06:16

ލޭޒާ ބޭނުންކޮށްގެން ކަނޑާނަގައި، ލޭބަލް ހަދާ މީހަކު ލައްވައި މަސައްކަތެއް ކުރުވަން އުޅުމުގެ ތެރޭގައި ފާހަގަކުރެވުނު ކަމެކެވެ. އޭނާ ގެންގުޅުނީ ސެމްސަންގް ގެލެކްސީ އެސް7 އެޖް އެކެވެ. ފޮޓޯއެއް ނަގަން ކެމެރާ ޖެއްސުމާ އެކު އެއްކޮޅުން އަނެއްކޮޅަށް ފިޔާތޮށި ކުލައިގެ ރޮނގެއް ސްކްރީނަށް އެރި އެވެ.
އަހަރެން ހީކުރިީ އޭނާ ބޭނުންކުރަނީ އަހަރެން ނުދަންނަ ކެމެރާ އެޕްލިކޭޝަނެއް ކަމަށެވެ. އަދި ފިޔާތޮށި ކުލައިގެ ރޮނގަކީ ސީދާތޯ ބަލަން ބޭނުންކުރާ މިނެއް ކަމަށެވެ. އެހެން ހިތައި "ހާދާ މޮޅު އެޕްލިކޭޝަނެއް، ކޮން އެއްޗެއްތޯ" އެހީމެވެ. އޭނާ ބުނީ އެއީ އެޕްލިކޭޝަނަކުން ވާ ގޮތެއް ނޫން ކަމަށެވެ. އެއީ ގެލެކްސީ އެސް7 އެޖް ފޯނުތަކަށް ދިމާވާ މައްސަލައެއް ކަމަށެވެ.
ގެލެކްސީ އެސް7 އެޖްގެ ސްކްރީނަށް އަރާ ފިޔާތޮށި ރޮނގާ ބެހޭ ގޮތުން އޭނާ ކިޔައިދިނެވެ. އަހަރެން ވެސް އިންޓަނެޓް ހާވާލީމެވެ. ކަމަކު ދާކަށް ނެތެވެ. ސްމާޓްފޯނުތަކަށް ދިމާވާ ވަރަށް ގިނަ މައްސަލަތައް އަހަރެން ދިރާސާކުރަމެވެ. މި އޮތީ އަތްދަށުން ގޮސްފަ އެވެ. ވަރަށް މުހިންމު މައްސަލައެކެވެ.
ސެމްސަންގް ގެލެކްސީ އެސް7 އެޖް ބޭނުންކުރާ ކިތަންމެ ބަޔަކަށް ވަނީ މި މައްސަލަ ދިމާވެފަ އެވެ. ހައްލެއް ލިބޭތޯ އެތައް ތަނަކަށް ދުވެ، ފޯރަމްތަކުގައި ވަނީ ޝަކުވާ ވެސް ކޮށްފަ އެވެ. ދާއިމީ ހައްލެއް އަދި ނެތެވެ.
އެ މައްސަލަ އަށް އޮތް ވަގުތީ ހައްލަކީ ފޯނުގެ މަތީ ކޮޅުގައި ޑިސްޕްލޭ އަށް ވާ ގޮތަށް ހިފަހައްޓައި އޮބާލުމެވެ. ފިޔާތޮށި ރޮނގު ގެއްލި ދެ އެވެ. އެކަމަކު އެ ރޮނގު އަނބުރާ އަންނަ ކަމަށް ބޭނުންކުރާ މީހުން ބުނެ އެވެ.
ފޯނުގެ ޑިސްޕްލޭ ރިސެޓްކޮށްލުމުން ވެސް އެ ރޮނގު ގެއްލޭ ކަމަށް ވެ އެވެ. އެކަމަކު ހިނދުކޮޅަކަށެވެ. ބޮޑަށް ބުރަވެވެނީ އެއީ ހާޑްވެއާގައި އުޅޭ މައްސަލައެއް ކަމަށެވެ. އެއީ ބޮޑު މައްސަލައެއްގެ ފެށުން ކަމަށް ގިނަ ބަޔަކު ބުނެފައި ހުރެ އެވެ. އެ އަށް ވުރެ ބޮޑު މައްސަލައަކަށް ވާނީ ޑިސްޕްލޭއިން އެކައްޗެއް ވެސް ނުފެނުމެވެ.ެ
ސެމްސަންގް ގެލަކްސީ އެސް7 އެޖް ބޭނުންކުރާ މީހުންގެ ތެރެއިން އެ މައްސަލަ ތަޖުރިބާކުރި މީހުން ބުނާ ގޮތުގައި، ދުވަސްކޮޅެއް ވަންދެއް އެ ރޮނގު އެރުމަށް ފަހު، މުޅި ޑިސްޕްލޭ ކަޅުވެ އެވެ. އެ އަށް ފަހު ދެން އެކައްޗެއް ވެސް ސްކްރީނުން ނުފެނެ އެވެ.
ސެމްސަންގް އޮފިޝަލް ބްލޮގްގައި އެ މައްސަލަ އަށް އަދި ހައްލެއް ދައްކާފައެއް ނެތެވެ. އެކަމަކު ފޯނުތައް ބަލުމުން ދާ ކަމަށް ބުނެފައި ވެ އެވެ. ވޮރަންޓީ އޮން ނަމަ ސެމްސަންގް ފިހާރަ އަށް ގޮސް މައްސަލަ ބަލައިދިނުމަށް އެދެވިދާނެ އެވެ. ޑިސްޕްލޭ ހިލޭ ބަދަލުކޮށްދިނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.