އިތުބާރު ނެތްކަމުގެ މައްސަލަ: ޝާހިދަށް 14 ދުވަހުގެ ނޯޓިސް ފޮނުވައިފި
އިތުބާރު ނެތްކަމުގެ މައްސަލަ: ޝާހިދަށް 14 ދުވަހުގެ ނޯޓިސް ފޮނުވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޖަވާބުދާރީވާން ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ނޯޓިސް ފޮނުވައިފި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ، ފޮރިން މިނިސްޓަރަށް 14 ދުވަހުގެ ނޯޓިސް ފޮނުވީ އިއްޔެ ކަމަށެވެ.

ފޮރިން މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ޗާގޯސްގެ މައްސަލާގައި އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ ކޯލިޝަންގެ 13 މެންބަރެއްގެ ސޮޔާ އެކު އެވެ.

އޭނާގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މަގާމުން ވަކިކުރަން ވެސް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުން ވަކިކުރުމުގެ މައްސަލައެއް ވެސް މަޖިލީހަށް ވައްދަން ސޮއި ހަމަކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ރައީސާ ދެކޮޅަށް މިހާތަނަށް ވިއްސަށް ވުރެ ގިނަ ސޮއި ހޯދާފައިވާ ކަމަށް އެނގިފައި ވެ އެވެ.

މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ 10 މެންބަރެއްގެ ސޮޔާއެކު މަޖިލިހަށް ހުށަހެޅެ އެވެ. އެކަމަކު އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.