22 މެއި 2023 - 12:53

އިންޑިއާގެ ބެންގަލޫރުގައި އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމަށް 30 ކުޅުންތެރިންގެ ސްކޮޑަކާ އެކު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ރޭ ފަރިތަކުރުންތައް ފަށައިފި އެވެ.
އެފްއޭއެމުން މިދިޔަ ބުދަ ދުވަހު ވަނީ މުބާރާތަށް ތައްޔާރު ވާން 40 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އިއުލާން ކޮށްފަ އެވެ. ނަމަވެސް ރޭ ގަލޮޅު ދަނޑުގައި ފަރިތަކުރުންތައް ފެށީ އޭގެ ތެރެއިން 10 ކުޅުންތެރިން ބާކީ ކޮށްފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސްކޮޑުން ބާކީވި ގިނަ ކުޅުންތެރިން ޓީމާ ނުގުޅުނީ އަމިއްލަ ސަބަބުތަކާ ހުރެ އެވެ. ސްކޮޑުން ބާކީވި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މާޒިޔާގެ ހަސަން ނަޒީމް (ޗޯޓު) އާއި އީގަލްސްގެ ކެޕްޓަން އަހުމަދު ރިޒުވާން (ރިޒޭ) އާއި އެ ޓީމުގެ މިޑްފީލްޑަރު އަހުމަދު ހަސަން (އައްމަޑޭ) އާއި ގްރީން ސްޓްރީޓްސްގެ އަންސަރު އިބްރާހިމް (އަންކޮ) އާއި މުހައްމަދު ޖައިލަމް (އޮގީ) އާއި ބުރު ސްޕޯޓްސްގެ ފާރޫގު އިސްމާއިލާއި މުހައްމަދު ސާއިފާއި ސުޕަ ޔުނައިޓެޑް ސަސްގެ ވިޝާހު އަބްދުލް މަޖީދާއި ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) އަދި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ ޝިފާން ހަސަން (ޝިފާންޓެ) އެވެ.
◄ މާޒިޔާ (14): ސަމޫހު އަލީ (ސަމުއްޓެ) އަހުމަދު ނޫމާން (ހެލްމެޓް) ހުސެއިން ސިފާއު (ކުރޯ)، އިބްރާހިމް އައިސަމް، ހައިޝަމް ހަސަން (ބިޑި)، ހަސަން ރާއިފް އަހުމަދު (ހަންނަ)، ހުސެއިން ނިހާން (ނިހާޓް)، ހަސަން ޝިފާޒް (ޑުންގާ)، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެއިން ޝަރީފް، ނާއިޒް ހަސަން (ދާދު)، މުހައްމަދު އިރުފާން، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ފައިސަލް
◄ އީގަލްސް (4): އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)، ހުމެއިދު ހުސެއިން، މުހައްމަދު ޝަފީއު (ޗެކް)
◄ ސަސް (4): މުހައްމަދު ޝަހާއު (ބޭލް)، އަހުމަދު އައިހަމް (ފަތޯ)، މުހައްމަދު ނިޒާމް (ޕީކޭ)، އަހުނަފް ރަޝީދު (އަހުއްކޮ)
◄ ބުރު ސްޕޯޓްސް (3): އިބްރާހިމް އުސާމާ ހަސަން މަޖީދު، މުހައްމަދު ނާއިމް، ޝައިހާން އަލީ
◄ ޔޫވީ (3): އަހުމަދު ބައްށަމް މުހައްމަދު ނައީމް (ބައްކު)، އަލީ ނާޖިހު (ނާޖީ)، ޝަނާން ރަޝާދު
◄ ވެލެންސިއާ (1): އިބްރާހިމް ވަހީދު ހަސަން (އިއްބެ)
◄ ޓީސީ ސްޕޯޓްސް (1): އަހުމަދު މާއިޝް ރަޝީދު
ގައުމީ ސްކޮޑުން މި ފަހަރު މުޅިން އަލަށް ޖާގަ ހޯދީ ސަސްގެ އަހުމަދު އައިހަމް (ފަތޯ) އާއި މުހައްމަދު ނިޒާމް (ޕީކޭ)ގެ އިތުރުން ބުރު ސްޕޯޓްސްގެ އިބްރާހިމް އުސާމާ ހަސަން މަޖީދާއި ޝައިހާން އަލީ އަދި ޔޫވީގެ ޝަނާން ރަޝާދާއި ޓީސީ ސްޕޯޓްސްގެ އަހުމަދު މާއިޝް ރަޝީދު އެވެ.
އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯއާ އެކު، މާލޭގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ފަހު، މުބާރާތުގެ ކުރިން އިތުރު ތަމްރީނުތަކަށް ގައުމީ ޓީމް ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ޖަޕާނަށް ފުރާގޮތަށް ހަމަޖެހިފަ އެވެ. ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އަލީ ސުޒޭނަކީ އެންމެ ފަހުން 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމަށް އިރުޝާދު ދިން ކޯޗެވެ.
މި އަހަރުގެ މުބާރާތަކީ ސަރަހައްދުން ބޭރު ގައުމުތަކެއް ހިމަނައިގެން ކުރިއަށް ގެންދަ ފުރަތަމަ ސާފް ޗެމްޕިއަންޝިޕެވެ. ލެބަނަން އާއި ކުވެއިތަށް ދައުވަތު ދީގެން މި އަހަރުގެ މުބާރާތުގައި ވަނީ ބައިވެރި ކޮށްފަ އެވެ.
ސާފް ޗެމްޕިއަންޝިޕްގައި 8 ގައުމަކުން ވާދަ ކުރާއިރު، ޓީމުތައް ވަނީ ދެ ގުރޫޕަކަށް ބަހާލައިފަ އެވެެ. ރާއްޖެ ހިމެނެނީ ލެބަނަން އާއި ބަންގްލަދޭޝް އަދި ބޫޓާނާ އެކު ގުރޫޕް ބީގަ އެވެ. ގުރޫޕް އޭގައި ހިމެނެނީ އިންޑިއާ އާއި ކުވެއިތާއި ނޭޕާލް އަދި ޕާކިސްތާނެވެ. ފީފާގެ ސަސްޕެންޝަނުގެ ސަބަބުން ސްރީ ލަންކާ އަށް މުބާރާތުގައި ވާދައެއް ނުކުރެވެ އެވެ.