ފެޑެރަލް ދިވެހިރާއްޖެއަކަށް ބަދަލުވާން ވެއްޖެ، ނިޒާމީ ވޯޓެއްގެ ހައްގު ދޭން ޖެހޭ: ނަޝީދު
ފެޑެރަލް ދިވެހިރާއްޖެއަކަށް ބަދަލުވާން ވެއްޖެ، ނިޒާމީ ވޯޓެއްގެ ހައްގު ދޭން ޖެހޭ: ނަޝީދު

އެމްޑީޕީ ދޫކޮށްލައްވަން "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ޕާޓީއެއް ރަޖިސްޓްރީކުރެއްވުމުގެ މަސައްކަތްޕުޅާ އެކު އެންމެ ފުރަތަމަ ވާހަކައެއްގެ ގޮތުގައި، އެންމެ ކުޑަވެގެން ނިޒާމީ ވޯޓުގެ ހައްގު ރައްޔިތުންނަށް ދީ، ފެޑެރަލް ނިޒާމަކަށް ރާއްޖެ ބަދަލުވާން ވީ ވަގުތު ޖެހިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ފެޑެރަލް ދިވެހިރާއްޖެއަކަށް ބަދަލުވާން ވެއްޖެ، ނިޒާމީ ވޯޓެއްގެ ހައްގު ދޭން ޖެހޭ: ނަޝީދު
ފެޑެރަލް ދިވެހިރާއްޖެއަކަށް ބަދަލުވާން ވެއްޖެ، ނިޒާމީ ވޯޓެއްގެ ހައްގު ދޭން ޖެހޭ: ނަޝީދު

ހއ. ދިއްދޫގައި ބޭއްވި ތިލައުތުރު އެވޯޑު ދިނުމުގެ ޖަލްސާގައި ނަޝީދު މި ވާހަކަ ދެއްކެވި އިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން، އެމަނިކުފާނު އިސްވެ އުފައްދަވާ ޕާޓީއަށް މެމްބަރުން ހޯދުމާއި ސިޔާސަތުތައް އިއުލާންކުރަން ވަނީ ފަށައިފަ އެވެ.

ނަޝީދު ރޭ ވެސް ވިދާޅުވީ ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގިނަ ކަމަށެވެ. ފެޑެރަލް ނިޒާމަކަށް ބަދަލުވުމާ އެކުގައި ވެރިކަމުގެ ނިޒާމް ނުވަތަ ވެރިކަން ކުރާ ގޮތަށް ބަދަލުގެނައުމަކީ ބޭނުންތެރިކަމެއްގެ ގޮތުގައި އެތައް ދިވެހިން ދެކޭ ކަަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ކުޑަމިނުން އަޅުގަނޑުމެންގެ ވާޖިބެއް އެއީ ރައްޔިތުންނާ ހަމައަށް މި މައްސަލަ ގެންދިއުން، ފެންނަ ނުފެންނަ ވޯޓަކާ ހަމައަށް ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އަޅުގަނޑުމެން ނިންމުން. އެއީ އަޅުގަނޑުމެންގެ އެންމެންގެ ހައްގެއް،" އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ވަކާލާތުކުރައްވާ ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މީގެ 15 އަހަރު ކުރީގައި ނިޒާމީ ވޯޓު ނަގާފައި އޮތް ކަމަށް ވިޔަސް އެ ވޯޓު އަލުން ނަގަން ޖެހެ އެވެ. އެންމެ ފަހުން ނެގި ވޯޓުގައި ރައްޔިތުން ނިންމީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ހިންގުމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޒަމާނުއްސުރެން ރާއްޖޭގައި ދާޚިލީ ބޮޑެތި މައްސަލަތަކެއް އުފެދިފައިވާ ކަމަށާއި ވަކިވެގަތުމުގެ ރޫހާއި ބަޣާވާތުގެ ކުލަވަރުތައް ހުންނަ ކަމަށެވެ. ނުވިސްނައިފި ނަމަ މިކަންކަމުން ލިބޭނެ ގެއްލުން ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.

"މިއަދު ފެޑެރަލް ނިޒާމަކަށް އަޅުގަނޑުމެން ބަދަލުވާން ނުވިސްނައިފި ނަމަ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ހަޔާތުގައި ވަރަށް ހިތާމަވެރި މަންޒަރެއް ފެނިދާނެއޭ. އިގްތިސާދީ ތަނަވަސްކަމާ އެކީގައި ފަލްސަފާއެއް ގަބޫލުކުރެވެން ފެށީމާ ދެން ކާމިޔާބު ހޯދަން ޒުވާނުން ނުނިކުންނާނެ ކަމަށް އިންސާނީ ތަޖުރިބާއަށް ވެސް ގައުމުތަކުގެ ހަޔާތަށް ވެސް ދައްކާފައެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ފެޑެރަލް ނިޒާމުގައި ކޮންމެ ސަރަހައްދެއް ހިނގާނީ ވަކި ސަރުކާރެއްގެ ގޮތުގަ އެވެ. ގައުމީ ސަރުކާރާ ސަރަހައްދީ ސަރުކާރުތަކުން ވެރިކަންކުރުމުގެ ބާރު ހިއްސާކުރާނެ އެވެ. އެ ސަރަހައްދެއްގެ ކަންކަން ނިންމާނީ އެ ސަރަހައްދެއްގެ ސަރަހައްދީ ސަރުކާރުންނެވެ. ތިލަދުންމަތި މިސާލަކަށް ނަގާނަމަ، ނަޝީދު އެ ވިދާޅުވާ ނިޒާމުގައި، ލޯކަލް ކައުންސިލާއި މަޖިލިހާއި ސުޕްރީމް ކޯޓު ވެސް ހިންގާނީ އެ ސަރަހައްދުގަ އެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގެ އެންމެ މުހިއްމު އެއް ވާހަކައަކީ ލާމަރުކަޒީ ވާހަކަ ކަމަށާއި ރައްޔިތުން ބޭނުންވާ އެ ބާރުވެރިކަން ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ދޫކޮށްލަން އަލިވިލެންޖެހެނީ ފެޑެރަލް ދިވެހިރާއްޖެއަކަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ތިލަދުންމަތީ ރައްޔިތުންނަށް އެ ސަރަހައްދުގެ ކަންކަން ބެލެހެއްޓޭނެ އެވެ. ވެރިކަންކުރާ ގޮތާއި ރައްޔިތުންނަށް ހިދުމަތްދީ، އުފެއްދުންތެރިކަމާއި ވިޔަފާރިފުޅާކޮށް ތަނަވަސްކަން ހޯދަންވީ ގޮތް ވެސް އެނގޭނީ ތިލަދުންމަތީގެ ރައްޔިތުންނަށް ކަމަށް ވިދާޅުވި އެވެ.

"މާލޭގައި އޮންނަ ވެރިކަމަކަށް، އެއީ އަޅުގަނޑު ރައީސްކަމުގައި ހުރިއިރު ވެސް މި ބާރުވެރިކަން ދޫކޮށްލަން މި އޮންނަނީ އަބަދުވެސް ވަރަށް އުނދަގޫވެފައި. އެހެން ނަމަވެސް ދިވެހީނަށް ހައްގު މިންވަރު ހޯދުމަށްޓަކައި އަދި އަޅުގަނޑުމެންގެ ތަނަވަސް ތަރައްގީއަށްޓަކައި އަޅަން ޖެހެނީ އެއްގަމު ތޮއްޓެއް ނޫން، އަޅަން ޖެހެނީ މަލްޓިޕާޕަސް ހޯލެއް ނޫން، އަޅަން ޖެހެނީ މަގެއް ވެސް ނޫން،" ނަޝީދު ވިދާޅުވި އެވެ.

"ދޭން ޖެހެނީ ބާރު. ދޫކޮށްލަން ޖެހެނީ ކަސްތޮޅު. ހެދި ފޯދިދިއުމަށް ފުރުސަތު ދޭންވީ."

އޮބަހެއްޓުމާއި ހިފެހެއްޓުމަކީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ތަރައްގީއަށް އެޅޭ އެންމެ ބޮޑު ހުރަހެވެ.

ދިއްދޫގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ގައުމެއްގެ ތަރައްގީ ގުޅިފައި އޮންނަނީ އުމްރާނީ ބިނާތަކެއްގެ މައްޗަށް ބައެއް ފަހަރަށް ގަބޫލުކުރެވުނަސް އެއީ ބިއްލޫރީގެ ދަޅަ އާއި ޕްލާސްޓިކްގެ ވިދުވަރުގެ އިތުރުން ބޮކިތަކުގެ އަލި ކަމަށެވެ. އެ އަވާގައި ބައެއް ފަހަރަށް ގެއްލޭ ކަމަށް ވިދާޅުވި އެވެ.

ތަރައްގީއަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުން ބާކީ ނުވުމެވެ.

"ތިމަންނާއަކީ ބާކީ މީހެއް ނޫނޭ، ވަކި ތަނެއްގައި ވަކި ގޮތަކަށް އުޅޭ ފަހުރުވެރި މީހެކޭ، ތިލަދުންމަތީ މީހެކޭ ބުނަނީ ތިމަންނާ އެ މީހުންގެ ތެރޭގައި ހިމެނުމުން. އޭނާއަށް އެކަމުން އުފާފާގަތިކަން ހިތްހަމަޖެހުން ލިބުމުން،" އެމަނިކުފާނު ވިދާޅުވި އެވެ.

މި ރަށްތަކުގެ ރަށްވެހިކަމާއި ތަނަވަސްކަމާއި ދިރިއުޅުމުގެ ފުރިހަމަކަމަކީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި މާކުރީއްސުރެން ކަށަވަރުކުރެވިފައިވާ ކަންކަމެވެ. މިކަން ދަމަހއްޓަން ކުރާ ހިތްވަރާއި ދަތުރަކީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ޑިމޮކްރެޓިކް އެއްވެސް ބޭފުޅަކަށް ވިދާޅެއް ނުވެވޭނެ ރަށްވެހިކަން ރަނގަޅު ކުރަން ފުރިހަމަކުރަން ތަރައްގީކުރުމަކީ އެއީ އަޅުގަނޑުމެންނަށް ލިބޭ ތަރައްގީ ނޫން ކަމަށް. މި ރަށްތަކުގައި ރަށްތަކުގެ ބާރުވެރިކަން ރައްޔިތުންނަށް ލިބިދީފައި އޮންނަން ޖެހޭނެ. އެންމެ ފަހުން ރިޔާސީ އިންތިހާބަކަށް އަޅުގަނޑުމެން ނުކުތް އިރުގައި ދެންނެވީމު މި ރަށްތަކުގެ ގުދުރަތީ ވަސީލަތްތަކުގެ މިލްކުވެރިކަން އޮންނާން ޖެހޭނީ މި ރަށްތަކުގެ ރައްޔިތުންނަށޭ،" ނަޝީދު ވިދާޅުވި އެވެ.

"ކުރީގައި މާލޭގެ ގޭގެ ސުފުރާއަށް ހުރި މި ރަށްތައް، ކާންވީ ވަރަކަށް ކާންވީ. ދެން ދާދި ފަހަކުން އައިސް މިނިސްޓްރީތަކުގައި ރަށްތައް އެބަހުރި، ރިޝްވަތު ދިން ވަރަކަށް ލިބޭ ގޮތަކަށް. ފެށުނީއްސުރެން ފަށައިގެން ތި ބޭފުޅުން ވަކާލަތު ކުރަމުން އައީ ތި ރަށްތައް ބޭނުމޭ. އެއީ ތިމަންނާމެންގެ ގުދުރަތީ ވަސީލަތޭ."

ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އެކުލެވޭ ގޮތް ބަދަލުކުރާއިރު ކޮންމެ އާ ދައުރަކަށް ދެތިން ހަތަރު ގޮނޑި އިތުރުކުރަމުންދާ ކަމަށެވެ. ކޮންމެ 5،000 މީހަކަށް ގޮނޑިއެއްގެ އުސޫލުން އެކުލަވާލާއިރު އަންހެނުންނަށް ހާއްސަވާ ގޮނޑި ހޯދަން އެތައް އަންހެނުން ވަކާލާތުކުރާ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީހަކީ ހަމައެކަނި ދާއިރާތަކަށް ހުއްޓިފައި އޮންނަ ކަމެއްގެ ގޮތުގައި ބޭއްވުން ލާޒިމެއް ނޫނެވެ. ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތާ މެދު ފުޅާކޮށް، ފުންކޮށް ވިސްނަން ޖެހޭ ކަަމަށް ވިދާޅުވި އެވެ.

ޖޭއެސްސީ ބަދަލުކުރަން ވެފައި އޮތް ވައުދު ފުއްދަން ޖެހޭ ކަމަށާއި އިންސާފުވެރި ޝަރީއަތެއް ކަށަވަރުކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑައެޅުމަކީ ވެސް ގެންނާން ޖެހޭ އެހާމެ މުހިއްމު ބަދަލެއް ކަމަށް ވިދާޅުވި އެވެ.