22 މެއި 2023 - 15:24

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރަށް 85 މިލިއަން ރުފިޔާގެ އަރަނި ބަޖެޓެއް ފާސްކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި އެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާގައި އެ ބަޖެޓް ފާސްކުރީ ބައިވެރިވި 13 މެމްބަރު ކްލަބުގެ އިއްތިފާގުންނެވެ.
މި އަހަރަށް 85 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައި އޮތަސް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި ގޮތުގައި ހަރަދު ވާނެ ކަމަށް ލަފާކުރެވެނީ 83 މިލިއަން ރުފިޔާ އެވެ.
އޭނާ ވިދާޅުވީ، ބަޖެޓުގެ ބޮޑު ބައެއް ހަރަދު ވާނީ "ޓުވާޑްސް ފިއުޗާ" ގެ ދަށުން ޒުވާން ކުޅުންތެރިންގެ ތަމްރީނުތަކަށާއި އެކަޑަމީތަކަށް ކަމަށެވެ. އެފްއޭއެމްގެ ގުދަންތައް ކުއްޔަށް ދީގެން، ބަޖެޓްގެ ބޮޑު ބައެއް ހޯދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ބައްސާމް ފާހަގަ ކުރެއްވި ގޮތުގައި ކޮވިޑަށް ފަހު އެފްއޭއެމްގެ ހަރަކާތްތަކަށް ރާއްޖޭން ސްޕޮންސަރުން ހޯދުން ވަނީ ދަތިވެފަ އެވެ. އެހެންވެ ސަރުކާރާ މަޝްވަރާކޮށް، ސަރުކާރުގެ ކުންފުނިތަކުން ސްޕޮންސަރުން ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށާއި އެމްޑަބްލިއުއެސްސީ އިން ދިވެހި ޕްރިމިއާ ލީގު ސްޕޮންސާ ކުރުމަކީ އޭގެ ހެޔޮ ފާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު އެފްއޭއެމުން ފާސްކުރީ 80 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ހަރަދުތަކަށް 88.9 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރި އެވެ. މިދިޔަ އަހަރުގެ ބަޖެޓްގެ 8.6 މިލިއަން ރުފިޔާ އަކީ ޑެފިސިޓެވެ. އެކަމަކު، އަހަރު ނިމެން ވާ އިރަށް އެ އަދަދު އަރަނި އަދަދަކަށް ބަދަލު ކުރެވޭނެ ކަމުގެ ޔަގީންކަން މިދިޔަ އަހަރުގެ ކޮންގްރެސްގައި ބައްސާމް ދެއްވި އެވެ.
ކުރީގެ ކޯޗުންނަށް ދޭން ޖެހޭ ގިނަ ފައިސާތަކެއްގެ އިތުރުން ކޯޗުން ވަކިކުރުމުގައި ގޯސަތަކެއް ހުރިކަން ފާހަގަކޮށް، އެފްއޭއެމަށް ފީފާއިން މިދިޔަ އަހަރު ކުރި ހުކުމްތަކާ އެކު އެސޯސިއޭޝަނުން ބޮޑެތި ހޭދަތަކެއް މިދިޔަ އަހަރު ކުރަން ޖެހުނެވެ.
އެއާ އެކު، މިދިޔަ އަހަރުގެ ޑެފިސިޓް އަދަދު އަރަނި ބަޖެޓަކަށް ބަދަލުކޮށް ނުލެވުނަސް، ޑެފިސިޓް ހަ މިލިއަނެއްހާ ރުފިޔާ އަށް ކުޑަ ކުރެވިފައި ވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.