ޓެކާސް ރިސޯޓް ކަޕް: ދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ސެއިންޓް ރެޖިސް ވޮއްމުލި
ޓެކާސް ރިސޯޓް ކަޕް: ދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ސެއިންޓް ރެޖިސް ވޮއްމުލި

ޓެކާސް އިން ބާއްވާ ރިސޯޓް ކަޕް 2023 ގެ ދ. އަތޮޅުގެ ޗެމްޕިއަންކަން ސެއިންޓް ރެޖިސް ވޮއްމުލިން ހޯދައިފި އެވެ.

އެ ރިސޯޓް ޗެމްޕިއަންކަން ހޯދީ މިދިޔަ ހުކުރު ދުވަހު ކުޅުނު ފައިނަލްގައި ފަހަތުން އަރައި 2-1 އިން ކަނޑިންމަ މޯލްޑިވްސް ބަލިކޮށްގެންނެވެ.

ފުރަތަމަ ހާފުގައި ކަނޑިންމަ މޯލްޑިވްސް ލީޑުގައި އޮތް ނަމަވެސް ސެއިންޓް ރެޖިސް އިން ނަތީޖާ އަނބުރާލީ ދެވަނަ ހާފުގަ އެވެ. މެޗުގެ މޮލު ކުޅުންތެރިއަކަށް ހޮވުނީ ސެއިންޓް ރެޖިސްގެ އައްސަދު މުހައްމަދެވެ.

ދ. އަތޮޅުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ސެއިންޓް ރެޖިސްގެ އިބްރާހިމް ނަސާތު އާއި އަލީ ޖުނެއިދުގެ އިތުރުން ކަނޑިންމަ މޯލްޑިވްސްގެ އަލީ ޝާމިއު (މައިތޯ) އާއި މުހައްމަދު އަޔާޒް އަދި އަބްދުލް މުގުސިތެވެ.

އެ ޒޯނުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ ސެއިންޓް ރެޖިސްގެ ނަސާތެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ރިސޯޓުގެ މުހައްމަދު އަލީ އެވެ.

ސެއިންޓް ރެޖިސް އާއި ކަނޑިންމައިގެ އިތުރުން މި ޒޯންގައި ދެން ވާދަކުރީ ނިޔާމަ މޯލްޑިވްސް އާއި ސަން ސިޔާމް އިރުވެލި ރިސޯޓެވެ.

އަލޮޅުގެ ޗެމްޕިއަންކަމާ އެކު، ސެއިންޓް ރެޖިސް އަށް ވަނީ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ލިބިފަ އެވެ. ސެމީގައި އެ ޓީމުން ކުޅޭނީ ކ. އަތޮޅު ދެކުނުގެ ޗެމްޕިއަނުންނާ އެވެ.

ރ. އަދި ބ. އަތޮޅުގެ ޗެމްޕިއަނުން ކުޅެގެން މޮޅުވާ ޓީމެއް ޖެހޭނީ ނ. އަތޮޅުގެ ޗެމްޕިއަން ޓީމާ ދެކޮޅަށް ކުޅޭށެވެ. ނ. އަތޮޅުގެ ޗެމްޕިއަން ޓީމާ ދެކޮޅަށް ކުޅެ މޮޅުވާ ޓީމެއް ވާދަކުރާނީ، ދެވަނަ ސެމީގައި ކ. އަތޮޅު އުތުރުގެ ޗެމްޕިއަނުންނާ ދެކޮޅަށެވެ.

މިއީ ޓެކާސް އިން ރިސޯޓް ފުޓްސަލް ކަޕް ބާއްވާ ދެވަނަ އަހަރެވެ.