22 މެއި 2023 - 10:04

ކްރޮއޭޝިއާގެ އޮޕާޓިޖާގައި އިއްޔެ ނިމުނު އެޑްރިއާ ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުން ލައިބާ އަހުމަދު މަހްލޫފު (އެލީ) ރިހި މެޑަލެއް ހޯދައިފި އެވެ.

މުބާރާތުގެ 11 އަހަރުން ދަށުގެ އުމުރުފުރާގައި ވާދަކޮށް، ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރުގެ ދަރިފުޅު ލައިބާ ރިހި މެޑަލް ހޯދީ މިކްސްޑް ޑަބަލްސް އިވެންޓުންނެވެ.
މިކްސްޑް ޑަބަލްސްގައި ލައިބާގެ ޕާޓްނަރަކީ އިޓަލީ މުބާރާތުގައި ވެސް ހުރި ސްލޮވީނިއާގެ މެޓިޗް ކެންޒް އޮގޯރެލެކް އެވެ. މެޓިޗްއާ އެކު ފައިނަލުން ބަލިވީ ސްލޮވީނިއާގެ މާކް ޕޮގާސާ އާއި ޕިއާ ކްރިޒްމަނިކްގެ ޕެއާ އަތުންނެވެ. ލައިބާގެ ޕެއާ ވަނީ ސެމީ ފައިނަލްގައި ސްލޮވީނިއާގެ މިޝަލް މަޓޭއިކާ އާއި އަޑޭލާ މަލަކޯވާގެ ޕެއާ އަތުން 21-11، 21-12 އިން މޮޅުވެފަ އެވެ.
ސިންގަލްސްގެ ކުއާޓާ ފައިނަލުން ލައިބާ ޖާގަ ހޯދި ނަމަވެސް ބަލިވީ އޭނާގެ އަންހެން ޑަބަލްސް ޕާޓްނަރު އަތުންނެވެ. ސްލޮވީނިއާގެ ޕިއާ ކްރިޒްމަނިކްއާ ވާދަކޮށް ލައިބާ ބަލިވީ 21-19، 23-21 އިންނެވެ.
ޑަބަލްސްގައި ޕިއާއާ އެކު، ފުރަތަމަ މެޗުގައި ސްލޮވާކިއާގެ ލައުރާ ޕްރޮކޮޕޯވާ އާއި ސާރާ ސާލެޔޯވާއާ ވާދަކޮށް 21-19، 21-19 އިން މޮޅުވި އެވެ. އެކަމަކު ދެވަނަ މެޗުގައި ސްލޮވާކިއާގެ އަންޑްރެއާ ޑުރިކޯވާ އާއި އަޑޭލާ މަލްކޯވާ އަތުން ބަލިވީ 21-16، 21-11 އިންނެެވެ. ނަމަވެސް ގްރޫޕްގެ ތިންވަނައާ އެކު ލައިބާގެ ޕެއާ އަށް ލޯ މެޑަލް ލިބުނެވެ.
މިއީ ލައިބާ ބައިވެރިވި ދެވަނަ ބައިނަލްއަގުވާމީ މުބާރާތެވެ. ލައިބާ އަންނަނީ އިތުރު މުބާރާތްތަކަކަށް ވެސް ތައްޔާރުވަމުންނެވެ.
މިދިޔަ މަހު ލައިބާ ވަނީ އިޓަލީގައި ބޭއްވި ޔޫތު މުބާރާތެއްގައި ވެސް ވާދަކޮށް، ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިން ތިންވަނަ ހޯދައިފަ އެވެ. އެއީ ޔޫރަޕްގެ ބެޑްމިންޓަން ކަލަންޑަރުގައި ހިމެނޭ ޔޫތު މުބާރާތްތަކެކެވެ.