21 މެއި 2023 - 21:53

ހުޅުމާލޭގައި ފުލުހެއްގެ ގައިގައި ތަޅައި އަނިޔާކުރި މައްސަލައެއްގައި ހަތަރު މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވަނީ އޮފް-ޑިއުޓީގައި ހުރި ފުލުހެއްގައި ތަޅައި މާރާމާރީ ހިންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަން ޔަގީންކޮށްދެއްވައިފަ އެވެ. އެ މައްސަލައިގެ ތުހުމަތަށް ހަތަރު މީހަކު ހައްޔަރުކުރިކަން ކަށަވަރުކޮށްދިނަސް، މައްސަލަ ތަހުގީގުކުރަމުން އަންނާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
މާރާމާރީގައި އަނިޔާވި ފުލުހަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
ފުލުހުންނަށް އަނިޔާކުރި މައްސަލަތަކުގައި މީގެ ކުރިން ވެސް މީހުން ހައްޔަރުކޮށް މައްސަލަ ތަހުގީގުކޮށްފައިވެ އެވެ.