22 މެއި 2023 - 12:54

އދ. ދިއްދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރުމަށް، ފެން ހިންދުމަށް ގޭގޭގައި ވަގުތީ ގޮތުން ވަޅުލި ފީފާތަކުގެ ސަބަބުން ރަށުގެ ފެން ފަށަލަ ތަޣައްޔަރުވެ، ބޮޑު ތަކުލީފަކަށް ވެއްޖެ އެވެ.

އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ހެދުމުގެ މަސައްކަތް ހަވާލުކުރި ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑުން އެހެން ކުންފުންޏަކާ ސަބްކޮންޓްރެކްޓް ކޮށްގެން މަސައްކަތް ފެށީ ކުރިން ގޭގެއިން އަޅާފައި ހުރި ހޮޅިތައް، ފެން ހިންދަން ގޭގޭގެ ގޯތިތެރޭގައި ވަގުތީ ގޮތުން ވަޅުލި ފީފާތަކާ ގުޅުވުމަށް ފަހު އެވެ.

ދިއްދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާދަމް އިއްޔެ "މިހާރު" އަށް ވިދާޅުވި ގޮތުގައި، ނަރުދަމާގެ މަސައްކަތް ފަށަން ފީފާތައް ވަޅުލިތާ ތިން މަސްދުވަސް ނުވެ މައްސަލަ ޖެހެން ފެށި އެވެ.
"ފެން ރަނގަޅަށް ނުދިއުމާއި ބްލޮކުވުމާއި ފާހަނާ ތެރެއިން އެރުމާ މި ކަހަލަ މައްސަލަތައް ދިމާވާން ފެށީ. ރަށު ތެރެއަށް ފެން ހިންދަން ފެށީމާ، ފެންވަރާ ވަޅުތަކުގެ ފެން ނުބައިވެ، ނަޖިސް ވަސް ދުވަން ފެށީ،" އޭނާ ވިދާޅުވި އެވެ.
"މިހާރު އެބަހުރި ނަރުދަމާގެ މި ވަގުތީ ކަނެކްޝަން ވެސް ނުގުޅާ 26 ގެ. އެ ގޭގެ މީހުން އެ އުޅެމުން ދަނީ ވަރަށް ހާލުގައި."
ފީފާތަކަށް ނަޖިސް ފެން ހިންދުމުގެ ސަބަބުން ރަށުގެ ފެންފަށަލަ ވަރަށް ބޮޑަށް ތަޣައްޔަރުވެ، ވަޅުފެން ބޭނުންނުކުރެވޭ ވަރު ވަނީ ވެފަ އެވެ.
ކުރިން އެ ރަށުގައި އޮތީ ރައްޔިތުން އަމިއްލައަށް ހަރަދުކޮށްގެން ހެދި ނަރުދަމާގެ ނިޒާމެކެވެ. އޭރު ހުރީ، ރަށުގެ އެކި ދިމަދިމާލުން ނަޖިސް ފެން މޫދަށް ބޭރުވާ ގޮތަށް ހަދައިފަ އެވެ. އެހެންވެ، މިކަހަލަ މައްސަލައެއް އޭރު ދިމައެއް ނުވެ އެވެ.
އެ ފަދަ ވަރަށް ގިނަ މައްސަލަތައް ދިމާވާން ފެށުމުން ކައުންސިލާއި ރައްޔިތުން އެކަން ކޮންޓްރެކްޓަރަށް އެންގި ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.
"ބައެއް ގޭގޭގެ ފެން ސަކަރާތްވެ، ނަޖިސް ވަސް ދުވާތީ، ރީތި ފެން ލިބޭ ގޭގެއިން ފެން ގެނެސްގެން ވެސް އެބަ ބޭނުންކުރޭ. އެއް ގެއިން އަނެއް ގެއަށް ރީތި ފެން ހޮޅި އަމިއްލައަށް އަޅައިގެން ވެސް އެބަ ބޭނުންކުރޭ. އެހާ ވެސް މި ރަށުގެ ހާލަތު މިހާރު ގޯސް."
އެ މައްސަލަ ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅައި މިދިޔަ ހަފުތާގައި ކައުންސިލުން މިނިސްޓްރީގެ އިސްވެރިންނާ ވެސް ބައްދަލުކުރި އެވެ. ނަމަވެސް، އެ މައްސަލައަށް އަދިވެސް އެދެވޭ ހައްލެއް ނުލިބޭތީ ކައުންސިލުގެ ކަންބޮޑުވުން އެބައޮތެވެ.
މިނިސްޓްރީގެ ޖަވާބަކީ ކޮންޓްރެކްޓަރާ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކޮށްދޭނެ ކަމެވެ. އެކަމަކު، ދިއްދޫގެ މީހުންގެ ކަންބޮޑުވުމަކީ އަނެއްކާ ވެސް އެތައް ދުވަހެއް ވެ، ރަށް އިތުރަށް ނަޖިސް ވެދާނެ ކަމުގެ ބިރެވެ.