21 މެއި 2023 - 11:50

ސައޫދީ އަރަބިއްޔާގެ ދެމަފިރިއަކަށް ލިބުނު ދަރިންގެ ތެރެއިން ފިރިހެން ދަރިއަކަށް، މީގެ އަހަރުތަކެއް ކުރިމަތިވި ސިއްހީ މައްސަލަތަކަކާ ގުޅިގެން، ފަރުވާ ދިނުމަށްޓަކައި މިންނެތް މަސައްކަތްތަކެއް ކުރި އެވެ. ސައޫދީގެ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލުތަކުންނާއި ފެންވަރު އެންމެ މަތީ ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދުގެ މަތިން ފަރުވާ ހޯދަމުން އަންނަތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ.
ނަމަވެސް ދަރިފުޅަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް އެދެވޭ ހައްލެއް ނުލިބި ހާލަތު ދިޔައީ އިތުރަށް ގޯސްވަމުންނެވެ. ދަރިފުޅުގެ އުމުރުން މިއަހަރު 16 އަހަރު ފުރިފައިވާ އިރު، މީގެ ދުވަސްކޮޅެއް ކުރިން އޭނާގެ ސިކުނޑި މަރުވި އެވެ. އައިސީޔޫގައި މެޝިންތަކުގެ އެހީގައި ނޭވާލަމުން ދިޔަ ނަމަވެސް، ދިރިހުންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ޑޮކްޓަރުން ނިންމިތާ ވެސް ދުވަސްކޮޅެއް ވެއްޖެ އެވެ.
އެ ހާލަތުގައި ވެސް ދަރިފުޅުގެ ބައްޕަ އިސްކުރީ ކެތްތެރިކަމެވެ. މާތް ﷲގެ މިންވަރުފުޅަށް ރުހި، ދެން ހެދޭނެ ގޮތަކީ ކޮބައިތޯ، ކަމާ ބެހޭ ތަޖުރިބާކާރުންގެ ފަރާތުން އޮޅުންފިލުވި އެވެ. އަދި އޭނާގެ ދަރިފުޅުގެ އެތެރެ ހަށީގެ ގުނަވަންތަކުން، އެހެން ބައެއްގެ ފުރާނަ ސަލާމަތްކުރެވިދާނެތޯ، ކަމާ ބެހޭ އިދާރާތަކާ އެކުގައި މަޝްވަރާކޮށް، އެކަން ކުރުމުގެ އިޖުރާއާތުތައް ދެނެގަތެވެ.
އޭރު ވެސް އެތެރެ ހަށީގެ ބައެއް ގުނަވަންތައް އެކުގައި ފެއިލްވެގެންނާއި ބައެއް ގުނަވަންތަކުގެ ބާރު ދަށްވުމުގެ ސަބަބުން، އެފަދަ ގުނަވަނެއް ހަދިޔާކުރާނެ މީހެއްގެ އިންތިޒާރުގައި ތިބި މީހުންގެ ދިގު ލިސްޓެއް، ސައޫދީ އަރަބިއްޔާގެ ސިއްހަތާ ބެހޭ ވުޒާރާގައި އޮތެވެ. އެހެންކަމުން، ދަރިފުޅުގެ ބައްޕަ ނިންމީ، ސިކުނޑި މަރުވެފައިވާ ދަރިފުޅުގެ ސަލާމަތުން ހުރި އެހެން ގުނަވަންތައް، ބޭނުންޖެހިފައިވާ އެހެން ބަޔަކަށް ހަދިޔާކޮށް، އެމީހުންގެ ފުރާނަ ސަލާމަތް ކޮށްދިނުމަށެވެ.
އެ ގޮތުން، ދަރިފުޅުގެ ހިތާއި ދެ ކިޑްނީ އާއި ފުއްޕާމޭގެ ދެފަޅި އާއި ޕެކްރިޔާސް އާއި ފުރަމޭ، އެފަދަ ގުނަވަންތަކަށް ބޭނުންޖެހިފައި ތިބި މީހުންނަށް ހަދިޔާ ކުރި އެވެ. ދަރިފުޅުގެ ހިތް ހަދިޔާކުރީ އުމުރުން އެންމެ ހަތް އަހަރުގެ ފިރިހެން ކުއްޖަކަށެވެ. ދަރިފުޅުގެ އެއް ކިޑްނީ ދިނީ 12 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އަނެއް ކިޑްނީ ދިނީ 16 އަހަރުގެ މީހަކަށެވެ.
ދަރިފުޅުގެ ފުއްޕާމޭގެ ދެފަޅި ހަދިޔާ ކުރީ 68 އަހަރުގެ ބަލިމީހަކަށެވެ. އަދި ދަރިފުޅުގެ ޕެންކްރިޔާސް ދިނީ 31 އަހަރުގެ ބަލި މީހަކަށެވެ. ފުރަމޭ ހަދިޔާކުރީ 29 އަހަރުގެ އަންހެނަކަށެވެ.
ސައޫދީ އަރަބިއްޔާގެ، ގުނަވަން އިންދުމާ ބެހޭ މަރުކަޒުގެ ޑިރެކްޓަ ޖެނެރަލް ޑރ. ޠަލާލް އަލްޤޫފީ ވިދާޅުވި ގޮތުގައި ސިކުނޑި މަރުވެފައި އޮތް ކުއްޖާގެ ހަށިގަނޑުން ގުނަވަންތައް ނެގުމާއި، އެހެން ބައެއްގެ ހަށިގަނޑުގައި ގުނަވަންތައް އިންދުމުގެ ހުރިހާ މަސައްކަތެއް ކޮށް ނިންމީ ވަރަށް އަވަހަށެވެ. އަދި އެކަން ކޮށްފައިވާނީ މެޑިކަލް އަޚުލާގީ އިމުގެ ތެރެއިން ކަމަށާއި، ގުނަވަން އިންދުމުގައި ވެސް އަމަލުކޮށްފައިވާނީ، އެފަދަ ގުނަވަންތަކަށް ބޭނުންޖެހިފައިވާ މީހުންގެ މެދުގައި އެންމެ އަދުލުވެރި ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިކުނޑި މަރުވެ، ދިރިނުހުންނާނެ ކަމަށް ޑޮކްޓަރުން ނިންމާފައިވާ ކުއްޖެއްގެ ގުނަވަންތައް ބޭނުންކޮށްގެން އެހެން ބައެއްގެ ފުރާނަ ސަލާމަތްކުރެވުނު ނަމަވެސް، ސައޫދީގެ އިލްމުވެރިންގެ މެދުގަޔާއި އާންމުންގެ މެދުގައި މިހާރު ވަނީ ހޫނު ބަހުސެއް އުފެދިފަ އެވެ. ކަނޑައެޅިގެން އެއީ ހަރާމް ކަމެއް ކަމަށް ވިދާޅުނުވިޔަސް، ބައެއް އިލްމުވެރިން ވިދާޅުވެފައިވަނީ އެއީ ހުއްދަ ކަމެއް ނޫން ކަމަށެވެ.
އެ ބޭފުޅުން ވިދާޅުވާ ގޮތުގައި ދިރިހުރި މީހެއްގެ ގުނަވަނެއް އެހެން މީހަކަށް ދެވޭނީ، އެމީހެއްގެ އަމިއްލަ ރުހުމުގަ އެވެ. އަދި މީހާ މަރުވުމަށް ފަހުގައި، އޭނާގެ ހަށިގަނޑަކީ އޭނާގެ އަމިއްލަ މިލްކަކަށް ނުވާތީ، މަރުވުމަށް ފަހުގައި އެމީހެއްގެ ގުނަވަންތައް ހަދިޔާކުރަން ވަސިއްޔަތް ކޮށްފައި އޮތް ނަމަވެސް، އެ ވަސިއްޔަތް ފުއްދަން ނުޖެހޭނެ ކަމަށް ވެސް އެ އިލްމުވެރިން ވިދާޅުވެ އެވެ.
އެހެން ބައެއް އިލްމުވެރިން ވަނީ، މިއީ އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރެވުނު ކަމަށްވާތީ، އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެއީ އިންސާނިއްޔަތުކަމުގެ އެންމެ މަތީ ދަރަޖައިގެ ހެޔޮ އަމަލެއް ކަމަށް ވެސް އެ ބޭފުޅުން ސިފަ ކުރައްވަ އެވެ.
ސައޫދީގެ އާންމު ރައްޔިތުން ގެންދަނީ، ގުނަވަންތައް ހަދިޔާކުރި ބައްޕަގެ އިސް ނެގުމަށް ތައުރީފުކޮށް އޭނާއަށް ހެޔޮ ދުއާ ކުރަމުންނެވެ. އަދި މިއީ ގުނަވަންތައް ފެއިލްވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވެފައިވާ މީހުންގެ ފުރާނަ ސަލާމަތްކޮށްދިނުމަށް އެހެން މީހުންނަށް ލިބުނު ހިތްވަރެއް ކަމަށް ވެސް އާންމުން ދެކެ އެވެ.
ސައޫދީގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ބައްޕަ އޭނާގެ ދަރިފުޅުގެ ގުނަވަންތައް އެހެން ބަޔަކަށް ހިލޭ ސާބަހަށް ހަދިޔާކުރީ އެއްވެސް އަގެއް ނުނަގަ އެވެ. އަދި އެއީ އޭނާ މާތް ﷲގެ މަގުގައި ކުރި ސަދަގާތެއް ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.