ރައީސްގެ އިތުބާރުނެތް ކަމަށް ހުށަހަޅަން މިހާތަނަށް 20 ސޮއި
ރައީސްގެ އިތުބާރުނެތް ކަމަށް ހުށަހަޅަން މިހާތަނަށް 20 ސޮއި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސޮއި ހޯދުމަށް ކުރާ މަސައްކަތުގައި މިހާތަނަށް 20 މެންބަރެއްގެ ސޮއި ހޯދައިފި އެވެ.

ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުން އިން ވަކިކުރި ގޮތުން ރާއްޖެއަށް ބޮޑު ބައެއް ގެއްލުނު ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ އާއި "ފިކުރެއްގެ ދިރުން" އާއި އެމްއެންޕީ އާއި ޖޭޕީން ވަނީ ކޯލިޝަނެއް ހަދައި ރައީސް އާއި އެކަމާ ބެހޭ މިނިސްޓަރުންގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން ނިންމައިފަ އެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅައިފަ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ އިސްކޮށް އުޅުއްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ރައީސްގެ މައްސަލަ ހުށަހެޅުމަށް ސޮއި ހަމަކުރަން ފަށާފައިވާ ކަމަށާއި ވަރަށް އަވަހަށް ބޭނުންވާ އަދަދަށް ސޮއި ހަމަވާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ރައީސް އާ ދެކޮޅަށް ހުށަހަޅާ މައްސަލާގައި ފިކުރެއްގެ ދިރުންގެ ހުރިހާ މަޖިލިސް މެންބަރުން ސޮއި ކުރައްވައިފި އެވެ. އޭގެ އިތުރުން ޕީޕީއެމް/ޕީއެންސީ އާއި އެމްއެންޕީގެ މެންބަރުންނާއެކު 20 އަށް ވުރެ ގިނަ މެންބަރުން ވަނީ ރައީސްގެ އިތުބާރު ނެތް މައްސަލާގައި ސޮއި ކުރައްވައިފަ އެވެ.

ޕީޕީއެމް - 6

ޕީއެންސީ - 2

ޖުމްހޫރީ ޕާޓީ - 2

އެމްއެންޕީ - 3

ފިކުރެއްގެ ދިރުން - 13

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ރައިސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމަށް ގަރާރެއް ހުށަހެޅޭނީ މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށްފައިވާ ލިޔުމަކުންނެވެ. އެއީ މިހާރު މަޖިލީހުގައި ތިއްބަވާ 87 މެންބަރުންގެ ތެރެއިން 29 މެންބަރުންނެވެ.

އެ ގަރާރު މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ އާ މެދު ބަހުސް ކުރުމަށް ފަހު އެއީ ކުރިޔަށް ގެންދަން ފެންނަ މައްސަލައެއްތޯ ބެލުމަށް ވޯޓަކަށް އަހާނެ އެވެ. އަދި ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެ ނަމަ އެ މައްސަލަ ތަހުގީގުކުރުމަށް 11 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާނެ އެވެ.

އެ ގަރާރުގައި ބަޔާން ކޮށްފައިވާ ކަންކަމަކީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ހާލަތަކަށް ފެތޭތޯ ބަލައި އެ މައްސަލައިގެ ހެކި ހޯދުމުގެ މަސައްކަތް އެ ކޮމިޓީން ކުރަން ޖެހެ އެވެ. އަދި ކޮމިޓީ އަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު މަޖިލީހުގެ ގަވައިދުން ރައީސް އަށް ލިބިވަޑައިގަންނަވަ އެވެ.

އެ ކޮމިޓީން މައްސަލަ ތަހުގީގުކުރުމަށް ފަހު ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ޖެހެ އެވެ. އެ ރިޕޯޓަށް ބަހުސްކުރުމަށް ފަހު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސް ވާނީ މުޅި މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 58 މެންބަރުންގެ އަގުލަބިއްޔަތެވެ.