ސަޕޯޓަރުން ކުރިމަތީގައި ބާސެލޯނާ އިން ލީގު ތަށި އުފުލާލައިފި
ސަޕޯޓަރުން ކުރިމަތީގައި ބާސެލޯނާ އިން ލީގު ތަށި އުފުލާލައިފި

ބާސެލޯނާ (މެއި 21) - ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް އަތުން 2-1 އިން ބަލިވި މެޗަށް ފަހު ބާސެލޯނާ އިން ލީގު ޗެމްޕިއަން ޓްރޮފީ ސަޕޯޓަރުން ކުރިމަތީ އުފުލާލައިފި އެވެ.

ބާސެލޯނާ ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ މިދިޔަ ހަފްތާ ރަށުން ބޭރުގައި އެސްޕަންޔޯލް ބަލިކޮށްގެންނެވެ. އެހެންވެ ރޭގެ މެޗަށް ނުކުތްއިރު ވެސް މުހިއްމުކަން އޮތީ ގެއްލިފަ އެވެ.

ހޯމް ސަޕޯޓަރުން ކުރިމަތީ ކުޅުނު މެޗަށް ފަހު ބާސެލޯނާ އަށް ވަނީ ޗެމްޕިއަން ޓްރޮފީ ދީފަ އެވެ. މި ސީޒަނުގެ ކުރިން ބާސެލޯނާ އަށް ލީގު ޗެމްޕިއަންކަން ލިބުނީ 2018/2019 ވަނަ ސީޒަނުގަ އެވެ. ޒަވީގެ ކޯޗުކަމުގައި ބާސެލޯނާ އިން ވަނީ މި ސީޒަނުގެ ސްޕެނިޝް ސުޕަ ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.

ސޮސިއެޑާޑުން މެޗުގައި ލީޑު ނެގީ ފަސް ވަނަ މިނިޓުގައި މިކެލް މެރީނޯ ޖެހި ގޯލުންނެވެ. ސޮސިއެޑާޑްގެ ލީޑު ފުޅާކުރީ 72 މިނިޓުގައި އަލެކްސަންޑަ ސޯލޮތު ޖެހި ގޯލުންނެވެ. ބާސެލޯނާގެ ހަމައެކަނި ގޯލު އިތުރު ވަގުތުގައި ޖެހީ ރޮބާޓް ލެވަންޑޯސްކީ އެވެ.

މޮޅާ އެކު ސޮސިއެޑާޑް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަ އެއް ހޯދުމުގެ އުއްމީދު އާކޮށްފަ އެވެ. 35 މެޗުން ލިބުނު 65 ޕޮއިންޓާ އެކު ސޮސިއެޑާޑް މިވަގުތު އޮތީ ހަތަރު ވަނައިގަ އެވެ. ފަސް ވަނައިގައި އޮތް ވިޔަރެއާލްއާ އެޓީމާ ދެމެދު ފަސް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.