25 ޖެނުއަރީ 2017 - 18:39

ރާއްޖެ ޓީވީގެ ދެ ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނަސީރުގެ މައްޗަށް ދައުވާ އުފުލައި، ހުކުމް ކުރުމާ ގުޅިގެން، އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ވިސާމާއި ލީވާން 28،800ރ. އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރީ، 2015ގެ ނޮވެމްބަރު މަހު މުލީއާގެ ކައިރިން ބޮމެއް ފެނިގެން ސިފައިންނާއި ފުލުހުން ބަންދުކޮށްފައި އޮތް ސަރަހައްދެއްގައި، ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒު ހުންނަވަނިކޮށް އޭނާ ހައްޔަރުކުރަން ފުލުހުން އުޅުނު ވަގުތު އެ ދެ މީހުން ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ އެވެ.
ކޯޓުގެ މި ނިންމުމަށް ފާޑު ވިދާޅުވެ، ޑޯރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ޓީވީގެ ނޫސްވެރިންގެ މައްޗަށް ހުކުމް ކުރުމަކީ ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ކުރުމަށް ހުރަސްތަކެއް އޮތްކަން އަންގައިދިން ކަމެއް ކަމަށެވެ.
މިއީ ފަހުގެ ތާރީޚެއްގައި ނޫސްވެރިންގެ މަައްޗަށް ޖިނާއީ ދައުވާއެއް އުފުލައި، ކުށް ސާބިތުވި ފުރަތަމަ ފަހަރެވެ. އާ ގާނޫނުއަސާސީގެ ދަށުން ނޫސްވެރިކަމުގެ މިނިވަންކަން ލިބުނު ފަހުން، ކުރީގެ ސަރުކާރުތަކުން ނޫސްވެރިންގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެ އެވެ.
މި ދެ ނޫސްވެރިންގެ އިތުރުން ފިޔާޒާއި ރާއްޖެ ޓީވީގެ އެހެން ނޫސްވެރިއެއްގެ މައްޗަށް ވެސް ޖިނާއީ ދައުވާ އުފުލައި، ޝަރީއަތް ދަނީ ހިންގަމުންނެވެ. އަދި ވިސާމްގެ މައްޗަށް އުފުލާފައިވާ ޖިނާއީ އެހެން ދައުވާއެއްގެ މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.