ނަހަމަ ފައިސާއެއް ހޯދަން މަސައްކަތް ކޮށްފައެއް ނެތް: އެމްޑަބްލިއުއެސްސީ
ނަހަމަ ފައިސާއެއް ހޯދަން މަސައްކަތް ކޮށްފައެއް ނެތް: އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީ އަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތެއް ކޮށްދިން އަމިއްލަ ކުންފުންޏަކަށް ލިބެންޖެހޭ ފައިސާ ނުދީ ހިފަހައްޓައި، އެ ކުންފުނީގެ ބައެއް މުވައްޒަފުން ކަޓް ހޯދުމަށް ޑިމާންޑް ކުރި ކަމަށް ބުނެ ދައްކާ ވާހަކަތައް އެމްޑަބްލިއުއެސްސީން މިއަދު ދޮގުކޮށްފި އެވެ.

އެމްޑަބްލިއުއެސްސީގެ ބޭނުމަށް "ޓްރާންސްޕޯޓް މެނޭޖްމަންޓް އެޕްލިކޭޝަން" ތައްޔާރު ކޮށްދިން ނަމަވެސް އޭގެ ބަދަލުގައި ލިބެންޖެހޭ ފައިސާ ނުދީ، އެ ކުންފުނީގެ އައިޓީ މެނޭޖަރުން "ކަޓް" ހޯދަން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި ތުހުމަތު ކުރީ ޕާޓިކަލްސް ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ.

އެ ކަމާ ގުޅިގެން އެމްޑަބްލިއުއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ކަން ހިނގާފައިވާ ގޮތް ބަލާފައިވާ ކަމަށެވެ. އެމްޑަބްލިއުއެސްސީގެ މުވައްޒަފުން އަދާކޮށްފައިވާ ދައުރާއި ޕާޓިކަލްސްއާ ދެމެދު ކަން ހިނގާފައިވާ ގޮތް ބެލި ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

"މިގޮތުން، މި ކުންފުނިން "ޕާޓިކަލްސް" އަށް ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށް މި ކުންފުނީގެ އެއްވެސް މުވައްޒަފަކު މަސައްކަތް ކޮށްފައި ނުވާ ކަމާއި އަދި ކުންފުނީގެ އެއްވެސް މުވައްޒަފަކު ނަހަމަ ގޮތުގައި ކޮންޓްރެކްޓަ އަތުން ފައިސާ ހޯދުމަށް އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާކަން ފާހަގަކުރަމެވެ،" ބަޔާނުގައި އެމްޑަބްލިއުއެސްސީން ބުންޏެވެ.

ޕާޓިކަލްސް އިން ކުރި ޓުވީޓުގައި ވަނީ، އެފަދަ ކުޑަކުޑަ ކުންފުންޏަކަށް ސަރުކާރުން ލިބެންޖެހޭ ފައިސާތައް ނުލިބިގެން އާދޭސް ކުރަންޖެހޭ ކަމަށް ބުނެ އެ ކަން ފާހަގަކޮށްފަ އެވެ.

އެކަމަކު އެމްޑަބްލިއުއެސްސީން ބުނިގޮތުގައި އެއްބަސްވުމުގައިވާ ގޮތަށް ޕާޓިކަލްސްގެ ބިލަށް ލިބެން ޖެހޭ ފައިސާ ދެއްކުމަށް އުސޫލުތަކާ އެއްގޮތަށް އަންނަނީ އަމަލު ކުރަމުންނެވެ. ހާއްސަކޮށް އެމްޑަބްލިއުއެސްސީން ބުނީ ޕާޓީކަލްސް އިން ކޮށްދިން މަސައްކަތަށް ލިބެންޖެހޭ ފައިސާ ކަނޑައަޅާފައިވާ މުއްދަތަށް ދިނުން ލަސް ވެސް ނުވާ ކަމަށެވެ.

"މިފަދަ ހަގީގަތާ ހިލާފު ޚަބަރުތައް މީޑިއާގައި ފެތުރުމަކީ އެމްޑަބްލިއުއެސްސީއާ މެދު އާންމުންގެ ތެރޭގައި އިތުބާރު ގެއްލި، ޝައްކާއި ވަހުމް އުފައްދައި އަދި މި ކުންފުނީގެ ނަން ކިލަނބު ވެގެންދާނެ ކަމެކެވެ. ވުމާއެކު، ހަގީގަތާ ހިލާފު މިފަދަ ޚަބަރުތައް ނުފެތުރުމަށް މި ކުންފުނިން އިލްތިމާސް ކުރަމެވެ،" އެމްޑަބްލިއުއެސްސީން ބުންޏެވެ.