19 މެއި 2023 - 13:28

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގައި މީގެ ކުރިން ކުށް ސާބިތުވެ އަދަބު ތަންފީޒުކޮށް ނިމިފައިވާ މީހަކު އަނެއްކާ ވެސް އެފަދަ މައްސަލައެއްގައި އިއްޔެ ހައްޔަރުކޮށްފި އެވެ.
މާލޭ ދަފްތަރުގައި ރަޖިސްޓްރީ އޮންނަ 65 އަހަރުގެ މުހައްމަދު ވަހީދަކީ ހުޅުމާލެ އިން ގޯއްޗެއް ވިއްކާނެ ކަމަށް ބުނެ އެކި ފަހަރު މަތިން މީހެއްގެ މަތިން 95،000ރ. ހޯދި މައްސަލައެެއްގައި މީގެ ހައެއްކަ އަހަރުކުރިން ޖަލު ހުކުމެއް ތަންފީޒުކުރި މީހެކެވެ.
ދެ އަހަރުގެ ޖަލު ހުކުމް ތަންފީޒުކޮށް މިނިވަންވުމާ އެކު ހައްި ކޯޓުން އަދަބު ބޮޑުކޮށް އިތުރު އަހަރެއް ވަންދެން ޖަލުގައި ބެހެއްޓި އެވެ. އެ ތިން އަހަރު ޖަލުގައި ހޭދަކޮށް ހުކުމް ތަންފީޒުކޮށް އޭނާ ހުރީ މިނިވަންވެފަ އެވެ.
މިދިޔަ އަހަރު އޭނާ ހައްޔަރުކުރަން ޖެހުނީ، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ގިނަ ބަޔަކު ހިމެނޭ ހިއުމަން ޓްރެފިކިންގެ މައްސަލައެއްގަ އެވެ. ބޮޑު ނެޓްވޯކެއްގައި ބައިވެރިވުން އޮތް ކަމަށް، ދެ ތިން ފަހަރު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި އެވެ.
އެކަމަކު ޖަލު ހުކުމެއް ތަންފީޒުކުރަން ނުޖެހި އޭނާ ހުރީ މިނިވަންވެފަ އެވެ.
އޭނާއަށް މިހާރު އަނެއްކާވެސް ތުހުމަތުކުރަނީ މަކަރާއި ހީލަތް ހެދި މައްސަލައެއްގައި ބައިވެރިވުން އޮތް ކަމަށެވެ. މި ތުހުމަތަށް އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
ކްރިމިނަކް ކޯޓުން ނެރުނު އަމުރުގައި ބުނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޮންމެވެސް މިންވަރެއްގެ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހާދިސާ ރިޕޯޓާއި މަައްސަލަ ހުށަހެޅި ފަރާތުގެ ބަޔާން އަދި ތަހުގީގު ބަޔާން ހިމެނެ އެވެ.
އެެހެންވެ އޭނާ ބަންދުކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކަމަށް އެ އަމުރުގައިވެ އެވެ.