18 މެއި 2023 - 13:53

ޑިމޮކްރަސީގެ ރީތި ހަމަތަކަށް ވަކާލާތުކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނު ރައީސަކަށް ހުންނެވި އެމްޑީޕީ "ފުނޑާލައި" މެމްބަރުން ވަކިކޮށް، އާ ޕާޓީއެއް އުފައްދަވާ އިރު ވެސް އެއްވެސް ފިޔަވަޅު ނާޅަނީ ކީއްވެގެން ހެއްޔެވެ؟

އެމްޑީޕީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ގިނަ ނޫސްވެރިން ނެގީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ސިޔާސީ ހަރަކާތެއް ހިންގަވައި އޭގެ ފަހުން އިއްޔެ ހުރިހާ އިންތަކެއް ފަހަނާޅައި އާ ޕާޓީއެއް އިއުލާން ކުރެއްވި އިރު ވެސް ލީޑަޝިޕުން ހިމޭނުން ތިބި މައްސަލަ އެވެ. ތަކުރާރުކޮށް ނޫސްވެރިން ކުރި މި ސުވާލަށް ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެއްވީ އެއް ޖަވާބެކެވެ.

"ނަޝީދަކީ ޕާޓީގެ ރައީސަށް ވާތީި ފިޔަވަޅު އަޅަން ދައްޗެވެ."
އެމަނިކުފާނު ޕާޓީން ވަކިކުރުން ފަދަ އެއްވެސް ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ލީޑަޝިޕާ ހިސާބުގައި އަދިވެސް ނެތް ކަމަށް ފައްޔާޒް ވަރަށް ސާފުކޮށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާ ދުވަހު އެމްޑީޕީން އެއްވެސް ފިޔަވަޅެއް ނާޅާއި ކެތްތެރިކަން އިސްކުރީ ވެސް މުޅި ޕާޓީގެ މަސްލަހަތަށްޓަކަ އެވެ. ދެން ވެސް އިސްކުރާނީ އެ މަސްލަހަތު ކަމަށް ވިދާޅުވި އެވެ.
"ވަރަށް ސާފުކޮށް ދެންނެވިއްޖެ، ރައީސް ނަޝީދަކީ އަޅުގަނޑުމެންގެ ވަރަށް އިހުތިރާމް އޮތް ވަރަށް ލޯބި ލިބިފައިވާ މީހެއް، ހަމަ ރައީސް ނަޝީދު ވީމަ އެނގޭތޯ. ރައީސް ނަޝީދު ވީމަ ފިޔަވަޅު ނާޅަނީ،" ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ތެރެއިން "ފިކުރެއްގެ ދިރުން" ގޮފިތަކެއް އުފެއްދުމުގެ ނަމުގައި ހަރަކާތެއް ފެއްޓެވި ނަޝީދު ފިޔަވައި އެ ފެކްޝަންގެ 12 މެންބަރުންހުރިހާ މެންބަރުން އިއްޔެ ވަނީ ޕާޓީން ވަކިވެ އާ ޕާޓީއެއް އުފައްދަވާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ.
އެ މެންބަރުން ޕާޓީން ވަކިވި ސިޓީތަކުގައި ސޮއި ކުރެއްވި އިރު އެމްޑީޕީގެ ރައީސް އެތަނުގައި އިންނަވައި ހިތްވަރު ދެއްވި ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ފިކުރެއްގެ ދިރުން ނަމުގައި ޕާޓީއެއް އުފައްދަވާއިރު އެކަމުގައި އިސްކޮށް އުޅުއްވަނީ ނަޝީދު ކަމަށް އެ މެންބަރުން ވިދާޅުނުވި ނަމަވެސް ނަޝީދުގެ ލަފަޔާއި އިރުޝާދުގެ މަތިން ނޫނީ ސިޔާސީ އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށް އެ މެންބަރުން ވިދާޅުވެ އެވެ.
ފައްޔާޒް ވިދާޅުވީ ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުން ވަކި ޕާޓީއެއް ހެއްދެވުމަކީ "ސަޕްރައިޒެއް" ނޫން ކަމަށެވެ. އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަން ފިކުރެއްގެ ދިރުން ފޯމް ފުރަން ފެއްޓެވި ދުވަހު ވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އެ މެންބަރުންނަށް އެ ވަގުތު ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތް ނަމަވެސް ފައްޔާޒް ވިދާޅުވީ އޭނާ އިސްކުރެއްވީ ޕާޓީގެ މަސްލަހަތު ކަމަށެވެ.
"އިސްލާމީ އުސޫލުތަކުގެ ތެރެއިން މަސްލަހަތަށް އަޅުގަނޑުމެން ބޮޑަށް ބެލީ، ފިޔަވަޅު އަދިވެސް އަޅުގަނޑުމެން ބޭނުމެއް ނޫން އަޅާކަށް، އަޅުގަނޑުމެން ފިޔަވަޅެއް އަޅާނީ ބަޣާވާތަކަށް ގޮވާ ހިސާބުން. ނުވަތަ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރާ ހިސާބުން،" ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީ އަށް ދިމާވީ ވަރަށް ދަތި އުނދަގޫ ހާލަތެއް ކަމަށާއި ޕާޓީގެ އުސޫލުތަކާ ހިލާފަށް މަސައްކަތް ކުރަމުން ގެންދެވީ އެންމެ އިސް އެއް ބޭފުޅާ ކަމަށް ވިދާޅުވި އެވެ.
ނަޝީދަކީ އެމްޑީޕީގެ ވަރަށް ގިނަ މެންބަރުންގެ ލޯބި ލިބިފައިވާ ބޭފުޅެއް ކަމަށާއި ރައްޔިތުންގެ ތެރެއިން ވެސް ގިނަ ބައެއްގެ ލޯބި ލިބިފައިވާ ބޭފުޅެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެހެންކަމުން ނަޝީދާ ދޭތެރޭގައި ފިޔަވަޅު އަޅަން ވަރަށް ދަތި ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ދެމެދު ޖެހިފައިވާ މައްސަލަތައް ހައްލު ކުރުމަކީ ފައްޔާޒް ޗެއާޕާސަންގެ މަގާމަށް ކެމްޕެއިން ކުރެއްވި އިރު ވެވަޑައިގަތް ވައުދެކެވެ. ނަމަވެސް ޕާޓީގެ ދެބަސްވުންތައް ބޮޑުވެ މެންބަރުންތައް ވަކިވުމަކީ ފައްޔާޒް ގަބޫލު ކުރައްވާ ގޮތުގައި އެ މަސައްކަތް ކުރުމުގައި އޭނާ ފެއިލް ވުމެވެ.
"ވަރަށް މަސައްކަތް ކުރެވުނު، އެކަމުގަ އަޅުގަނޑު ފެއިލް ވެއްޖެ. އެކެއް ނުކުރެވުނު އަޅުގަނޑަކަށް،" ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ތެރޭގައި ހިނގަމުން ދިޔައީ އެއް ނުވެވޭވަރުގެ ކަންތައްތަކެއް ކަމަށާއި ނަޝީދު ފަޅީގެ މެންބަރުން ސުލްހަވާން އޮތް ހަމައެކަނި ގޮތަކީ އެމަނިކުފާނަށް ރިޔާސީ ޓިކެޓު ދެއްވައިގެން ކަމަށެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެ މަގަށް މަސައްކަތް ކުރައްވާތީ ދެ ބޭފުޅުން ސުލްހަ ކުރުމަކީ އެއީ ނުވާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"މައްސަލައަކީ ވެރިކަމުގެ މައްސަލައެއް. ޕާޓީގެ އާންމު މެންބަރުން ވަކި ގޮތަކަށް ނިންމާފައި ރައީސް ސޯލިހު ވެސް އެކަމަށް ކުރިމަތިލާފައި ހުރި ހިނދެއްގައި އެހެން ބޭފުޅަކު އެކަން ބޭނުންވިޔަސް ޓިކެޓު ދޫކޮށްލަން ރައީސް ސޯލިހަށް ދެންނެވުން އަޅުގަނޑަކަށް ދަތި ކަމަކަށް ވޭ،" ފައްޔާޒް ވިދާޅުވި އެވެ.
"އެއްވާން އޮތީ އެންމެ ގޮތެއް އެއީ ނަޝީދަށް އަޅުގަނޑުމެން ޓިކެޓު ދީގެން. އެ ނޫން ގޮތެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ނަޝީދަށް ފިޔަވަޅު އަޅަން އެމްޑީޕީން ބޭނުން ނުވި ނަމަވެސް އެ ޕާޓީން ވަކިވެފައިވާ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަގާމުން ވަކި ކުރުމުގެ މަސައްކަތް އެ ޕާޓީގެ ޕީޖީން ވަނީ ފަށައިފަ އެވެ.