18 މެއި 2023 - 09:23

މާލޭގައި ހަށި ވިއްކުމުގެ ތުހުމަތުގައި ފުލުހުން 14 މީހަކު ހައްޔަރުކޮށްފި އެވެ.
އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މި އޮޕަރޭޝަން ހިންގީ ފުޅާ ދާއިރާއެއްގައި ރާވައިގެން ހިންގާ ހިއުމަން ޓްރެފިކިންގް ނެޓްވޯކަކާ ދެކޮޅަށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންނާއި އެންޓި ހިއުމަން ޓްރެފިކިންގް ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް 13 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް އަށް ފިރިހެނަކާއި ބަންގްލަދޭޝް އަންހެނަކާއި ތައިލެންޑް ހަތަރު އަންހެނެކެވެ.
މާލޭގައި ހަށިވިއްކުން ވަރަށް ބޮޑަށް އާންމުވެ، އެކަން ހުއްޓުވުމަށް ފުލުހުން ފިޔަވަޅު ނާޅާތީ އާންމުންގެ ފާޑުކިޔުން އޮތީ އަމާޒުވެފަ އެވެ. ނަމަވެސް ފުލުހުން އަންނަނީ ދޭތެރެދޭތެރެއިން އޮޕަރޭޝަންތައް ހިންގައި ބައެއް މީހުން ހައްޔަރު ވެސް ކުރަމުންނެވެ.
މީގެ ދުވަސްކޮޅެއް ކުރިން ވަނީ މަސާޖުކުރުމުގެ ނަމުގައި ހިންގާ ތަންތަނުގައި ހަށި ވިއްކުމުގެ ވިޔަފާރި ފުޅާވެފައި ވާތީ އެފަދަ ތަންތަން މޮނިޓަކޮށް ބެލެހެއްޓުން ހަރުދަނާ ކުރުމަށް އާ ގަވައިދެއް މިހާރު ވަނީ ހަދައިފަ އެވެ.