18 މެއި 2023 - 09:00

ލިވަޕޫލް (މެއި 18) - މި ސީޒަނަށް ފަހު ސްކޮޑަށް ބަދަލު ގެންނާނެ ކަމަށް ކުރިން ވެސް ބެލެވުނު ލިވަޕޫލުން ހަތަރު ކުޅުންތެރިއަކު ދޫކޮށްލަން ނިންމައިފި އެވެ.
ލިވަޕޫލާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިިޔަލަށް ހަމަވުމުން ދޫކޮށްލަން ނިންމައިފައިވާ ހަތަރު ކުޅުންތެރިންނަކީ ޖޭމްސް މިލްނާ އާއި ރޮބާޓޯ ފިރްމީނޯގެ އިތުރުން ނަބީ ކެއިޓާ އަދި އެލެކްސް އޮކްސްލޭޑް-ޗެމްބަލިން އެވެ.
އާ ސީޒަނަށް ލިވަޕޫލްގެ ޓީމަށް ބަދަލު ގެންނާނެ ކަމަށް ކޯޗު ޔާގެން ކްލޮޕް ވަނީ ބުނެފަ އެވެ. ލިވަޕޫލުން ދޫކޮށްލަން ނިންމި ހަތަރު ކުޅުންތެރިން ވެސް ވަނީ 2019 ވަނަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް 2019/2020 ވަނަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެންޕިއަންކަން އެ ޓީމާ އެކު ހޯދައިފަ އެވެ.
ޕްރިމިއާ ލީގުގައި އަންނަ ހޮނިހިރު ދުވަހު އެސްޓަން ވިލާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުގެ ކުރިން އެ ހަތަރު ކުޅުންތެރިންނަށް އަލްވަދާއު ކިޔުމުގެ ގޮތުން ހަރަކާތްތަކެއް ހިންގުމަށް ކްލަބާއި ސަޕޯޓަރުން ވަނީ ނިންމައިފަ އެވެ. އެސްޓަން ވިލާ މެޗަކީ މި ސީޒަނުގެ ލީގުގައި އަމިއްލަ ދަނޑުގައި ލިވަޕޫލް ކުޅޭ ފަހު މެޗެވެ.
ލިވަޕޫލްގެ ކުރީގެ ކޯޗު ބްރެންޑަން ރޮޖާސްގެ ކޯޗުކަމުގައި މިލްނާ އާއި ފިރްމީނޯ އެ ކްލަބާ ގުޅުނީ 2015 ވަނަ އަހަރު އެވެ. އެ ދެ ކުޅުންތެރިން ވަނީ 30 އަހަރަށް ފަހު އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ލިވަޕޫލް ހޯދިއިރު މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ކުރިން އެސްޓަން ވިލާ އާއި މެންޗެސްޓާ ސިޓީ އަށް ކުޅުނު މިލްނާ، 37، ވަނީ ލިވަޕޫލަށް 330 މެޗު ކުޅެފަ އެވެ. ޕްރިމިއާ ލީގުގައި ކުޅުނު 617 މެޗާ އެކު މިލްނާ އަކީ ލީގުގެ ތާރީހުގައި ތިން ވަނަ އަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އެވެ. ލިވަޕޫލް ދޫކޮށް މިލްނާ ގުޅޭނެ ކަމަށް ބެލެވެނީ ބްރައިޓަން ނުވަތަ ލީޑްސް ޔުނައިޓެޑާ އެވެ.
ލިވަޕޫލަށް 254 މެޗު ކުޅެފައިވާ ފިރްމީނޯ، 31، އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ބްރެޒިލަށް ނިސްބަތްވާ ކުޅުންތެރިޔާ އެވެ. ދެހާސް ނަވާރަ ވަނަ އަހަރު ފިރްމީނޯ އެ ރެކޯޑް ހަދައި މިހާރު ވަނީ 80 ގޯލު ހަމަކޮށްފަ އެވެ. އެކަމަކު މިދިޔަ މާޗް މަހުގެ ފަހުން ފިރްމީނޯ ލިވަޕޫލް ޓީމުން އަދި ނުފެނެ އެވެ.
ފިރްމީނޯ އެންމެ ބޮޑަށް ފާހަގަކުރެވުނީ މުހައްމަދު ސަލާހް އާއި ސަޑިއޯ މާނޭއާ އެކު ލިވަޕޫލްގެ ކުރި ބެލެހެއްޓި ދުވަސްވަރު އެވެ.
ގިނީ އަށް އުފަން މިޑްފީލްޑަރު ކެއިޓާ ވަނީ 2017 ވަނަ އަހަރު ލިވަޕޫލާ ގުޅުމަށް ފަހު ކުޅުނު 129 މެޗުގައި 11 ގޯލު ޖަހައިފަ އެވެ. މި ސީޒަނުގައި އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ކެއިޓާ އަށް ގެއްލުނެވެ.
އިންގްލެންޑުގެ ކުރީގެ މިޑްފީލްޑަރު ޗެމްބަލިން، 29، އާސެނަލް ދޫކޮށް ލިވަޕޫލާ ގުޅުނީ 2017 ވަނަ އަހަރު އެވެ. އުމުރުން 29 އަހަރުގެ ޗެމްބަލިން ވަނީ ލިވަޕޫލަށް 146 މެޗު ކުޅެ 18 ގޯލު ޖަހައިފަ އެވެ. އަނިޔާގެ ސަބަބުން ޗެމްބަލިން އަށް މި ސީޒަނުގައި އަދި ފުރުސަތު ލިބުނީ 13 މެޗުގަ އެވެ.
އާ ސީޒަނަށް ލިވަޕޫލުން ގެންނަން އެންމެ ބޮޑަށް ޝައުގުވެރިކަން ފާޅުކުރި އެއް ކުޅުންތެރިއަކީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ ތަރި ޖޫޑް ބެލިންހަމް އެވެ. އެކަމަކު ރެއާލް މެޑްރިޑުން ބެލިންހަމްގެ ސޮއި ހޯދާނެ ކަމަށް ބެލެވޭތީ ލިވަޕޫލް މިހާރު ވަނީ އެ ރޭހުން ބޭރުވެފަ އެވެ. ބަދަލުގައި ލިވަޕޫލުން ފާރަލާ ދެ ކުޅުންތެރިންނަކީ ޗެލްސީގެ މޭސަން މައުންޓާއި ބްރައިޓަން އަށް ކުޅޭ އާޖެންޓީނާގެ މިޑްފީލްޑަރު އަލެކްސިސް މެކް އަލިސްޓާ އެވެ.
އާ ކުޅުންތެރިން ހޯދުމުގައި ލިވަޕޫލް މި ސީޒަނުގައި ނިންމާލާ ހިސާބު މުހިއްމު ދައުރެއް އަދާކުރާނެ އެވެ. އެ ޓީމު މި ވަގުތު އޮތީ ލީގުގެ ފަސް ވަނައިގަ އެވެ. ގަދަ ހަތަރަކަށް އެރުމުގެ އަމިއްލަ ބާރު ނެތުމާ އެކު އެ ޓީމު ޖެހޭނީ ނިއުކާސަލް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑް ނެރޭ ނަތީޖާތަކަށް އިންތިޒާރު ކުރާށެވެ.