17 މެއި 2023 - 16:12

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަރަކާތްތައް ފުޅާކުރައްވަން އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމަވާފައިވާ ކަމަށް އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވެއްޖެ އެެވެ.

އެއް ބޭފުޅަކު ވިދާޅުވީ ހަރަކާތްތައް ހިންގެން އޮތީ އާ ޕާޓީއަކުން ކަމަށެވެ. ނަޝީދު ފެކްޝަނުން ބާއްވަވަން ތައްޔާރުވަމުން އަންނަ ޕްރެސް ކޮންފަރެންސްގައި އެކަން އިއުލާންކުރައްވާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
"ހަރަކާތްތައް ފުޅާކޮށް ހިނގާނެ، އާ ޕާޓީއެއް އަންނާނެ،" އޭނާ ވިދާޅުވި އެވެ.
އެ ޕާޓީން އުފައްދަން ނިންމާފައި ވަނީ "ފިކުރެއްގެ ދިރުން" ނަމުގަ އެވެ. އަންނަ ހަފުތާގައި ރަޖިސްޓްރީކުރަން އީސީއަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.
ނަޝީދާ އެކު ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 12 މެމްބަރަކު މިއަދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. މި މެމްބަރުން ޕާޓީ ދޫކޮށްލެއްވީ، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޕާޓީން ވަކިކޮށް، އިތުރު ހަތަރު މެމްބަރަކު ވަކިކުރަން ފަހު އިންޒާރު ދީފައި ވަނިކޮށެވެ.
ނަޝީދު ވިދާޅުވެފައި ވަނީ އެ މެމްބަރުންނާ މެދު ޕާޓީން ފިޔަވަޅު އެޅީ އަސާސީ ގަވައިދާ ޚިލާފަށް ކަމަށެވެ. އެކަމަކު މި މެމްބަރުންގެ މައްސަލަ ބަލަން ޕާލަމެންޓްރީ ގްރޫޕުން އެންގީ ވިޕްލައިނާ ތަކުރާރުކޮށް ޚިލާފުވުމާއި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވާތީ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުގެ ބައެއް ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ވެސް އެ ބޭފުޅުން ތާއީދު ކުރައްވަ އެވެ.
ނަޝީދު އާ ޕާޓީއެއް އުފެއްދެވުމާ ދިމާލަށް މިސްރާބު މި ޖެއްސެވީ އެމްޑީޕީގެ ތެރެއިން "ފިކުރެއްގެ ދިރުން" ގޮފި އިއުލާންކުރައްވައި ސިޔާސީ ހަރަކާތްތަކެއް ހިންގެވުމަށް ފަހު އެވެ.
ފިކުރެއްގެ ދިރުމަށް އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ލައްވައި ސޮއި ކުރުވި އެވެ. އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ވިދާޅުވި 50،000 އަށް ވުރެން ގިނަ މެމްބަރުން ފޯމު ފުރި އެވެ. ވަކި ހިސާބަކުން، ފޯމު ފުރުން އޮތީ މަޑުޖެހިފަ އެވެ.
އޭރު ނަޝީދުގެ އަރިސް މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި އެ ހަރަކާތުގެ އަމާޒަކީ 95،000 މީހުން ހަމަކުރުމެވެ. އެ ހަރަކާތުން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެކަން ފޯމު ފުރަން ފެށިއިރު އޮތީ އިއުލާންކޮށްފަ އެވެ.
އެމަނިކުފާނު އޭރު ވިދާޅުވެފައިވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ޕްރައިމަރީ ކާމިޔާބުކުރެއްވުނަސް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބެއް ނުކުރެއްވޭނެ އެވެ.
"އަޅުގަނޑު ހުށަހަޅަނީ 'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހަދައި، ކަނޑާލި 39،000 އަށް ވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި، އެ މީހުންނާ އެކު އަޅުގަނޑުމެންނަށް ފެންނަ ގޮތް ނިންމުން،" ނަޝީދު ވިދާޅުވެފައިވެ އެވެ.
"ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދުކުރާ ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާނީ ފަހުން."
ނަޝީދު ވަކި ހަރަކާތެއް އުފައްދަވައިގެން މަސައްކަތް ކުރެއްވި އިރު ވެސް އެމްޑީޕީން އެމަނިކުފާނަށް ފިޔަވަޅެއް ނާޅަ އެވެ. އަރިސް މެމްބަރުން ވަކިކުރަން ފެށީ، ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތަކާ އެކު މުޒާހަރާ ރާވައި، ކެބިނެޓު ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މަސައްކަތް ފެށި ހިސާބުންނެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި، ނަޝީދު ވަކި ހަރަކާތެއް ހިންގަވައި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރެއްވިޔަސް ވެރިކަމުގެ ދެ ވަނަ ދައުރަކަށް އެމްޑީޕީއަށް ކާމިޔާބު ހޯދޭނެ އެވެ.