18 މެއި 2023 - 06:56

އިންޑިއާގެ އަރުނަޗާލް ޕްރަދޭޝް ސްޓޭޓްގެ ވެރިރަށް އިޓާނަގަރުގައި އިއްޔެ ނިމުނު ސައުތު އޭޝިއަން ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ، ސިންގަލްސް އިވެންޓުން ލޯ މެޑަލް ހޯދައިފި އެވެ.
ޖޫނިއާ 19 އަހަރުން ދަށުގެ ބައިން ދީމާ ސެމީ ފައިނަލުން ބަލިވީ އިންޑިއާގެ ސައިނީ ސުހާނާ އަތުން ސީދާ ހަތަރު ސެޓުންނެވެ. ދީމާ ސެމީ އަށް ދަތުރު ކުރީ 4-2 ސެޓުން ސްރީ ލަންކާގެ ކުލައްޕުވަވަޑޫ ލެސާނީއާ ބަލިކޮށްފަ އެވެ. ތިންވަނަ ހޮވަން ވަކި މެޗެއް ނުކުޅޭތީ، ދެވަނަ ސެމީ އިން ބަލިވި ބަންގްލަދޭޝްގެ ސައި ކޯއީ މަރުމާ އަށް ވެސް ލޯ މެޑަލް ލިބުނެވެ.
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ބޭއްވި މުބާރާތުގެ ޖޫނިއާ ފިރިހެން ސިންގަލްސްގެ ކުއާޓާގައި އަޚްޔާރު އަހުމަދު ހާލިދު ވަނީ 4-2 ސެޓުން ބަންގްލަދޭޝްގެ ރިދޯއީ މުހުތަސިން އަހުމަދު އަތުން ބަލިވެފަ އެވެ. އުމުރުން 15 އަހަރުން ދަށުގެ ކެޑޭޓް އަންހެން ސިންގަލްސްގައި ވާދަކޮށް، ރާއްޖޭގެ މިޝްކާ މުހައްމަދު އިބްރާހިމް ވަނީ ކުއާޓާގައި ސްރީ ލަންކާގެ އަލަގިޔަވަދޫ ތަމަޑީ ކަވިންދިޔާ އަތުން ސީދާ ތިން ސެޓުން ބަލިވެފަ އެވެ.
މި މުބާރާތުގައި ރާއްޖޭން ވަނީ މުޅި އެކު 8 މެޑަލް ހޯދައިފަ އެވެ. ސިންގަލްސް އިވެންޓުން ހޯދި ލޯ މެޑަލްގެ އިތުރުން، ޖޫނިއާ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ވެސް ލޯ މެޑަލް ހޯދި އެވެ. ޖޫނިއާ ފިރިހެން ޑަބަލްސް އިވެންޓާއި ކެޑޭޓް އަންހެން އަދި ފިރިހެން ޑަބަލްސް އިވެންޓުން ވެސް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. އަދި ޖޫނިއާ މިކްސްޑް ޑަބަލްސް އާއި ޖޫނިއާ އަންހެން ޑަބަލްސް އިވެންޓުން ވަނީ ރިހި މެޑަލް ހޯދި އެވެ.
ޖޫނިއާ ފިރިހެން ޑަބަލްސް އިން ލޯ މެޑަލް ހޯދީ އަޚްޔާރާއި މުހައްމަދު ތާބިން ސުޖާއުގެ ޕެއާ އެވެ. ކެޑޭޓް ފިރިހެން ޑަބަލްސް އިން ލޯ މެޑަލް ހޯދީ އުމީރު މުހައްމަދު މުއިއްޒާއި އައުން އިބްރާހިމް ލަތީފެވެ. ކެޑޭޓް އަންހެން ޑަބަލްސް އިން ލޯ މެޑަލް ހޯދީ މިޝްކާ އާއި އައިޝަތު ޒާރާ ޝާހިލްގެ ޕެއާ އެވެ.
ރިހި މެޑަލް ހޯދި ޖޫނިއާ އަންހެން ޑަބަލްސް ޕެއާ އަކީ ދީމާ އާއި މިޝްކާ އެވެ. ޖޫނިއާ މިކްސްޑް ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދީ ދީމާ އާއި އަޚްޔާރުގެ ޕެއާ އެވެ.
ޓީމް އިވެންޓުން ލޯ މެޑަލް ހޯދި ރާއްޖޭގެ ޖޫނިއާ ފިރިހެން ޓީމުގައި ހިމެނެނީ އަޚްޔާރާއި ތާބިން އަދި އުމީރު އާއި ޒީކް ހަސަން ލަތީފެވެ. ރިހި މެޑަލް ހޯދި ޖޫނިއާ އަންހެން ޓިމުގައި ދީމާ އާއި މިޝްކާ އަދި ޒާރާގެ އިތުރުން މަލާކް ބިންތި މުއިއްޒެވެ.
ރާއްޖޭން ވާދަކުރި 15 އަހަރުން ދަށުގެ ފިރިހެން ޓީމުގައި އުމީރު އާއި އައުންގެ އިތުރުން ދެން ހިމެނެނީ މުހައްމަދު ޒާއިމް އަހުމަދެވެ. މިޝްކާ އާއި ޒާރާ އާއެކު އެ އުމުރުފުރައިގެ އަންހެން ޓިމުގައި ހިމެނެނީ އައިޝަތު އަލްސާ ނާފިޒް އެވެ.
މިއީ އުމުރުން 12 އަހަރުން ދަށުގެ ޒާއިމް އާއި އަލްސާ ވާދަކުރި ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތެވެ. އަލްސާ އަކީ މާލޭ ވައިޑީޕީގެ ދަށުން ތަމްރީނު ވަމުން އަންނަ ކުޅުންތެރިއެކެވެ. ޒާއިމް ތަމްރީނު ވަމުން އަންނަނީ ފުވައްމުލަކު ވައިޑީޕީއިންނެވެ.