17 މެއި 2023 - 10:04

މިލާން (މެއި 17) - ކްލަބް ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން 12 އަހަރަށް ފަހު، އިޓަލީގެ ގަދަބާރު އިންޓަ މިލާން ޖާގަ ހޯދައިފި އެވެ.

އެ ފުރުސަތު ހޯދީ އޭސީ މިލާނާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލްގެ ދެ ވަނަ ލެގްގެ މެޗު 0-1 އިން ކާމިޔާބުކޮށް، އެގްރިގޭޓް ނަތީޖާއިން 0-3 އިން މޮޅުވެގެންނެވެ. ސަން ސީރޯ ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ލެގްގެ މެޗުން އިންޓަ މޮޅުވީ 2-0 އިންނެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިންޓަ އެންމެ ފަހުން ކުޅުނީ 2009/2010 ވަނަ ސީޒަނުގަ އެވެ. ހޯޒޭ މޮރީނިއޯގެ ކޯޗުކަމުގައި އެ ފަހަރު އިންޓަ ވަނީ ފައިނަލްގައި ބެޔާން މިއުނިކް 0-2 އިން ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ.
މި ފަހަރަކީ ޔޫރަޕްގައި އިންޓަ ކުޅޭނެ ހަ ވަނަ ފައިނަލެވެ. އިންޓަ ވަނީ 1960 ގެ އަހަރުތަކުގައި ތިން ފައިނަލެއް ކުޅެފަ އެވެ. އަދި 1972 ވަނަ އަހަރު ވެސް އެ ޓީމު ފައިނަލުގައި ކުޅުނެވެ. އިންޓަ އިން ވަނީ ޔޫރަޕްގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފަ އެވެ.
ރޭގެ މެޗަށް އޭސީ މިލާނުން ނެރުނު ފުރަތަމަ 11 އިގެ މުހިއްމު ކުޅުންތެރިޔާ ރަފައެލް ލެއާއޯ ހިމެނި އެވެ. ފުރަތަމަ ހާފުގައި އެންމެ ނުރައްކާތެރި ހަމަލަ އުފެއްދީ ވެސް ލެއާއޯ އެވެ. އޭރިއާގެ ތެރެއިން ލިބުނު ބޯޅަ އިންޓަގެ ޑިފެންޑަރު ކައިރިން ކަޓުވާލުމަށް ފަހު، ލެއާއޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އެކަމަކު މުޅި މެޗުގައި ލެއާއޯ ހުއްޓުވުމުގައި އިންޓަ އިން މޮޅު ކުޅުމެއް ދެއްކި އެވެ.
ފުރަތަމަ ހާފު ނިމުނީ ގޯލެއް ނުޖެހި އެވެ. އިންޓަ އިން މޮޅުވި ގޯލު 71 ވަނަ މިނެޓުގައި ޖެހީ ލައުޓާރޯ މާޓިނޭޒް އެވެ. ރޮމެލޫ ލުކާކޫ ދިން ބޯޅަ ހޯދުމަށް ފަހު، އާޖެންޓީނާގެ ފޯވާޑް ގޯލް ކާމިޔާބުކުރީ ކައިރި ކަނަށް ވައްދާލައިގެންނެވެ. އެ ގޯލަށް ފަހު އިންޓަ އަށް މެޗުގެ ކޮންޓްރޯލް ލިބި، މިލާނުން ކުރަމުން އައި މަސައްކަތަށް ހުރަސް އެޅުނެވެ. މެޗުގެ ފަހުކޮޅު ވެސް މިލާނަށް އިންޓަގެ ގޯލަށް ނުރައްކަލެއް ނުކުރެވުނެވެ.
އިންޓަ އިން ވަނީ މި އަހަރުހެ މިހާތަނަށް ހަތަރު ފަހަރު މިލާން ބަލިކޮށްފަ އެވެ. އެއީ ޗެމްޕިއަންސް ލީގު ދެ މެޗުގެ އިތުރުން އިޓާލިއަން ސުޕަ ކަޕާއި އިޓާލިއަން ލީގުގަ އެވެ. އެ ހަތަރު މެޗުގައި މިލާނަށް އިންޓަ ކޮޅަށް ގޯލެއް ވެސް ނުޖެހެ އެވެ. މިއީ އެ ދެ ޓީމުގެ ތާރީހުގައި އިންޓަ ކޮޅަށް ގޯލެއް ނުޖެހި، މިލާން ޖެހިޖެހިގެން ހަތަރު މެޗު ނިންމާލި ފުރަތަމަ ފަހަރެވެ.
ޔޫރަޕްގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ މިލާން މީގެ ކުރިން ޔޫރަޕްގެ ސެމީ ފައިނަލުގައި ބަލިވީ ދެ ފަހަރު އެވެ. އެއީ 1956 ވަނަ އަހަރު ރެއާލް މެޑްރިޑާއި ވާދަކޮށްގެންނާއި 2006 ވަނަ އަހަރު ބާސެލޯނާއާ ވާދަކޮށެވެ. މިލާން އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ 2007 ވަނަ އަހަރު ލިވަޕޫލް ބަލިކޮށްގެންނެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ދެ ވަނަ ޖާގަ ކަށަވަރު ވާނީ މިރޭ މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ވާދަކުރާ މެޗުންނެވެ. ރެއާލްގެ ދަނޑުގައި އެ ދެ ޓީމު ކުޅުނު ފުރަތަމަ މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލް އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ރޭ ތުރުކީގެ އިސްތަންބޫލްގަ އެވެ.