16 މެއި 2023 - 12:03

އިންޑިއާގައި މިހާރު ކުރިއަށް ގެންދާ ސައުތު އޭޝިއަން ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޖޫނިއާ އަންހެން އަދި ފިރިހެން ޓީމުން ލޯ މެޑަލް ހޯދައިފި އެވެ.
އިންޑިއާގެ އަރުނަޗާލް ޕްރަދޭޝް ސްޓޭޓްގެ ވެރިރަށް އިޓާނަގަރުގައި މިދިޔަ އާދިއްތަ ދުވަހު ފެށި އެ މުބާރާތުގައި ސާކް ސަރަކައްދުގެ ހަ ގައުމަކުން ވާދަ ކުރެ އެވެ. އެއީ ރާއްޖެ އާއި މުބާރާތް ބާއްވާ ގައުމު އިންޑިއާގެ އިތުރުން، ބަންގްލަދޭޝް އާއި ބޫޓާނާއި ނޭޕާލް އަދި ސްރީ ލަންކާ އެވެ.
ޖޫނިއާ 19 އަހަރުން ދަށުގެ ޓީމް އިވެންޓުގައި 3-0 އިން ރާއްޖެ އިން ބަންގްލަދޭޝް ބަލި ކުރި އެވެ. މަލާކް ބިންތި މުއިއްޒާއި ފާތިމަތު ދީމާ އަލީ އަދި މިޝްކާ މުހައްމަދު އިބްރާހިމް ވެސް އެ މެޗުގައި ކުޅުނު ސިންގަލްސްތައް ކާމިޔާބު ކުރި އެވެ. އެ އިވެންޓުގައި އިންޑިއާ އަތުން 3-0 އިން ބަލިވި އިރު، ނޭޕާލާއި ސްރީ ލަންކާ އަތުން ބަލިވީ 3-2 އިންނެވެ. ނޭޕާލާއި ސްރީ ލަންކާގެ މެޗުގައި ރާއްޖޭން ކާމިޔާބު ކުރީ ދީމާ ކުޅުނު ސިންގަލްސްތަކެވެ.
ޖޫނިއާ ފިރިހެން ޓީމް އިވެންޓުގައި ރާއްޖޭން ކުޅުނު ތިން މެޗުން ވެސް ބަލިވި އެވެ. އެ އިވެންޓުގައި ހަތަރު ޓީމު ވާދަކުރާތީ، ފައިނަލަށް ދިޔަ ދެ ޓީމު ފިޔަވައި ބާކީ ދެ ޓީމަށް ވަނީ ތިންވަނަ ލިބިފަ އެވެ. ބަންގްލަދޭޝް އަތުން 3-0 އިން ބަލިވިއިރު، ސްރީ ލަންކާ އާއި ނޭޕާލް އަތުން ބަލިވީ 3-2 އިންނެވެ. ސްރީ ލަންކާ އާއި ނޭޕާލް މެޗުގައި ކާމިޔާބު ކުރީ އަޚްޔާރު އަހުމަދު ހާލިދު ކުޅުނު ސިންގަލްސްތަކެވެ.
އުމުރުން 15 އަހަރުން ދަށުގެ ފިރިހެން ކެޑޭޓް ޓީމު ވަނީ ބަންގްލަދޭޝް އާއި އިންޑިއާ އަދި ސްރީ ލަންކާ އާއި ނޭޕާލް އަތުން ވެސް 3-0 އިން ބަލިވެފަ އެވެ. އަންހެން ޓީމު ސްރީ ލަންކާ އާއި ނޭޕާލް އަދި އިންޑިއާ އަތުން 3-0 އިން ބަލިވެފައި ވާއިރު ބަންގްލަދޭޝް އަތުން ބަލިވީ 3-2 އިންނެވެ. ބަންގްލަދޭޝް މެޗުގައި ކާމިޔާބު ކުރީ މިޝްކާގެ ދެ ސިންގަލްސް އެވެ.
ރާއްޖޭގެ ޖޫނިއާ ފިރިހެން ޓީމުގައި ހިމެނެނީ އަޚްޔާރުގެ އިތުރުން މުހައްމަދު ތާބިން ސުޖާއު އާއި ޒީކް ހަސަން ލަތީފް އަދި އުމީރު މުހައްމަދު މުއިއްޒެވެ. އަންހެން ޓީމުގައި ހިމެނެނީ ފާދީމާ އާއި މިޝްކާ އަދި މަލާކްގެ އިތުރުން އައިޝަތު ޒާރާ ޝާހިލް އެވެ. ފިރިހެން ކެޑޭޓް ޓީމުގައި ހިމެނެނީ އުމީރު އާއި އައުން އިބްރާހިމް ލަތީފް އަދި މުހައްމަދު ޒާއިމް އަހުމަދެވެ. އަންހެން ކެޑޭޓް ޓީމުގައި ހިމެނެނީ މިޝްކާ އާއި ޒާރާގެ އިތުރުން އައިޝަތު އަލްސާ ނާފިޒެވެ.
މާދަމާގެ ނިޔަލަށް ބާއްވާ މުބާރާތުގެ ޖޫނިއާ މިކްސްޑް ޑަބަލްސް އިވެންޓުގެ ފައިނަލަށް ރާއްޖޭގެ އަޚްޔާރާއި ދީމާގެ ޕެއާ ވަނީ ދަތުރު ކޮށްފަ އެވެ.
އަޚްޔާރާއި ދީމާގެ ޕެއާ ވަނީ ފުރަތަމަ މެޗުގައި ނޭޕާލްގެ ސުޖަން ގަދާލް އާއި ރާއީ ބިޔަންކާގެ ޕެއާ ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ. މިއަދު ކުޅޭ ފައިނަލްގައި ރާއްޖޭގެ މި ޕެއާ ނުކުންނާނީ އިންޑިއާގެ ޖެއިން ޕަޔާސް އާއި ގޯރުޕާޑޭ ޔަޝާސްވީނީގެ ޕެއާއާ ދެކޮޅަށެވެ.