16 މެއި 2023 - 09:54

މާލޭގެ ގެއެއްގައި އޮސްޓްރިޗެއް ގެންގުޅޭ މައްސަލަ ފިޝަރީޒް މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އެ ދޫނި ގެންގުޅޭ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައީ ދޫންޏާ އެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. އެ ފޮޓޯގައި ފެންނަ ދޫނީގައި ގާތްގަނޑަކަށް ފަސް ފޫޓް ހުންނާނެ އެވެ.
ފިޝަރީޒް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ނަސްރުﷲ ހުސައިން "މިހާރު" އަށް މިއަދު ވިދާޅުވީ އެއީ ދޫނި ފާމެއްގައި ގެންގުޅެން ހުއްދަ ދޫކޮށްފައިވާ އޮސްޓްރިޗެއް ކަމަށެވެ.
"ގެއެއްގައި ގެންގުޅޭކަށް ނޫން [ހުއްދަ ދޫކުރީ]. މީގެ ކުރިން ވެސް ފާމުތަކުގައި ގެންގުޅެން ހުއްދަ ދޫކޮށްފައި ހުންނާނެ އެ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ނަސްރުﷲ ވިދާޅުވިގޮތުގައި، ފާމުގެ ބަދަލުގައި ގޭގައި އެ އޮސްޓްރިޗް ގެންގުޅޭ މައްސަލަ މިނިސްޓްރީން މިހާރު އަންނަނީ ބަލަމުންނެވެ.
ސޯޝަލް މީޑިއާގައި ވަނީ އެ ދޫނި ގެންގުޅެން ސަރުކާރުން ދޫކޮށްފައިވާ ހުއްދަ ވެސް އާންމުކޮށްފަ އެވެ. އޭގައިވާ ގޮތުން އެ ހުއްދަ ދީފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެއީ އީރާނުން ރާއްޖެ އެތެރެކުރި 50، ޑޮމެސްޓިކް އޮސްޓްރިޗްގެ ބިހަށް ދޫކޮށްފައިވާ ހުއްދަ އެކެވެ.
އެނގިފައިވާ ގޮތުގައި 10 އޮސްޓްރިޗް ރާއްޖޭގައި މިހާރު ގެންގުޅެ އެވެ.