ޗާގޮސް މައްސަލާގައި ބާ ކައުންސިލްގެ ރައުޔު ހާމަކުރަން ދިރާސާކުރަނީ
ޗާގޮސް މައްސަލާގައި ބާ ކައުންސިލްގެ ރައުޔު ހާމަކުރަން ދިރާސާކުރަނީ

ޗާގޮސް މައްސަލާގައި ބާ ކައުންސިލްގެ ރައުޔު ހާމަކުރަން ދިރާސާކުރަން އެ ކައުންސިލުން މިއަދު ނިންމައިފި އެވެ.

ބާ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ ގައުމީ މައްސަލައަކަށް ވާތީ، އާންމު މަސްލަހަތާ ގުޅުން ހުރި ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި ކަންތައްތަކާ ގުޅިގެން ރައުޔާއި މައުލޫމާތު ހާމަކުރުމަކީ ރާއްޖޭގެ ފަންނީ ގާނޫނުގެ ދަށުން އެ ކައުންސިލާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ.

ޗާގޮސް މައްސަލާގައި ބާ ކައުންސިލުގެ ރައުޔު ހާމަކޮށްދިނުމަށް އެދި އެ ކައުންސިލުގެ މެމްބަރަކު މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އަދި އެ މައްސަލަ އެ ކައުންސިލުގެ އެގްޒެކެޓިވް ކޮމެޓީން ބަލައިގަތުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.

"... މި މައްސަލަ ދިރާސާކުރުމަށް ބާ ކައުންސިލުގެ ލޯ ރިފޯމް އެންޑް ރިސާޗު ކޮމިޓީއަށް ފޮނުވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުުގެ އެގްޒެކެޓިވް ކޮމިޓީން ވަނީ ނިންމައިފަ އެވެ،" އެ ބަޔާނުގައިވެ އެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ އިމުގެ މައްސަލަ ނިމުނީ ރާއްޖޭގެ ކޮޅަށެވެ. ދެ ގައުމުން ހިޔާލު ތަފާތުވި ބައި އިޓްލޮސް އިން ބެހި ގޮތުން ރާއްޖެ އަށް 47،232 އަކަކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ.

ނަމަވެސް، މިއީ މި ސަރުކާރުން ރޭވުމެއްގެ ތެރެއިން ރާއްޖޭގެ ބައެއް އެހެން ބަޔަކަށް ދިނުމަށް ކުރި ކަމެއް ކަމަށް ތުހުމަތުކޮށް، ސަރުކާރާ ދެކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔައި އެކި ހަރަކާތްތައް ބާއްވަމުންނެވެ.