26 ޖެނުއަރީ 2017 - 06:04

އަދިވެސް އިތުރަށް އެއްފަހަރު "ގާބިލް" ބަލާހިތުން ހުރި ކަމަށް މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ޑައިރެކްޓަރު ރާކޭޝް ރޯޝަން ބުނެފި އެވެ. ރާކޭޝް ރޯޝަން އަކީ "ގާބިލް"ގެ ޕްރޮޑިއުސަރު ވެސް މެ އެވެ.
"ގާބިލް"ގެ ސްޕެޝަލް ސްކްރީނިންގައި ނޫސްވެރިން ރާކޭޝް ރޯޝަން ކައިރީގައި، އެ ފިލްމާ އެއް ދުވަހެއްގައި ރިލީޒްކުރާ "ރައީސް" ބަލާނަންތޯ ސުވާލު ކުރުމުން އޭނާ ބުނީ ނުބަލާނެ ކަމަށާއި އޭނާ ދެން ވެސް ބަލާނީ "ގާބިލް" ކަމަށެވެ. "ގާބިލް" އަކީ ރާކޭޝްގެ ދަރިފުޅު ރިތިކް ރޯޝަން ބަތޮލުގެ ބައި ކުޅެފައިވާ ފިލްމެކެވެ.
ރިތިކް ދާދިފަހުން ދީފައިވާ އިންޓަވިއުއެއްގައި "ރައީސް" އާއި "ގާބިލް"ގެ ކުރިމަތިލުމަކަށް ދާން ޖެހުމުން އޭނާގެ ބައްޕަ ވަރަށް ދެރަވެ އަސަރުކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ.
ރޮމެންޓިކް ތުރިލާއެއް ކަމަށްވާ "ގާބިލް"ގައި ރިތިކް އާއެކު ހަރަކާތްތެރި ވަނީ ޔާމީ ގޯތަމް އެވެ. މި ދެ ތަރިން ވެސް ކުޅެނީ ލޮލުގެ ފެނުމުން މަހްރޫމް ވެފައިވާ ޒުވާން ދެމަފިރިއެއްގެ ރޯލެވެ.
ރިތިކް އާއި ޝާހްރުކްގެ ފިލްމު ބޮކްސް އޮފީހުގައި ބޮޑު ކުރިމަތިލުމަކަށް ދިޔަ ނަމަވެސް ރިތިކްގެ ހިތުގައި ޝާހްރުކް އަކަށް އެއްވެސް ޝަކުވާއެއް ނެތެވެ. ދެ ފިލްމު ރިލީޒްކުރުމާ ދިމާކޮށް ރިތިކް ކޮށްފައިވާ ޓުވީޓުން މިކަން ވަރަށް ރަނގަޅަށް ހާމަ ވެއެވެ.
"ޑިއާ ޝާހްރުކް. އުސްތާޒެއްގެ ހައިސިއްޔަތުން އަހަރެން އަޖައިބުކޮށްލާވަރުގެ "ރައީސް" އެއް އަނެއްކާ ވެސް ފެނިގެންދާނެކަމަށް ޔަގީންކުރަން. އަދި ދަރިވަރެއްގެ ހައިސިއްޔަތުން "ގާބިލް" އިން ތިބާ ފަޚުރުވެރިވާނެ ކަމަށް އުންމީދުކުރަން." ރިތިކްގެ ޓުވީޓްގައި ވެއެވެ.