16 މެއި 2023 - 06:19

މި އަހަރުގެ ބްރިޓިޝް އެކަޑަމީ އޮފް ފިލްމް އެންޑް ޓެލެވިޝަން އާޓްސް (ބާފްޓާ) އެވޯޑު ހަފްލާގައި އެންމެ މޮޅު އެކްޓްރެސްގެ ރޯލު، އިނގިރޭސި ބަތަލާ ކޭޓް ވިންސްލެޓަށް ލިބިއްޖެ އެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބާފްޓާ އެވޯޑުގައި ވިންސްލެޓަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ލިބުނީ އޭނާގެ އަސްލު ދަރިފުޅު މިއާ ތްރެޕަލްޓަންއާ އެކު "އައި އެމް ރޫތު" ސީރީޒްގައި އޭނާ ކުޅުނު ރޯލަށެވެ.
އެ ސީރީޒަށް ލިބުނު "ބެސްޓް ސިންގަލް ޑްރާމާ" އެވޯޑާ ހަވާލުވާން ސްޓޭޖަށް އެރީ ވިންސްލެޓާއި އޭނާގެ ދަރިފުޅެވެ. އަދި އެވޯޑާ ހަވާލުވުމަށް ފަހު ވިންސްލެޓް ވަނީ މިއާ އަށް ތައުރީފުކޮށްފަ އެވެ.
ބާފްޓާ 2023 ގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ހޯދީ "ދިސް އިޒް ގޮއިން ޓު ހާޓް" ގައި ކުޅުނު ރޯލަށް އިނގިރޭސި އެކްޓަރު ބެން ވިޝޯ އެވެ. އޭނާ އަށް އެ އެވޯޑު ލިބިފައި ވަނީ "ޕީކީ ބްލައިންޑާސް" ގެ ސިލިއަން މާފީ ފަދަ އެކްޓަރުންނާ ވާދަކޮށެވެ.
ބައިނަލްއަގްވާމީ ގޮތުން ހޮވާ އެންމެ މޮޅު ސީރީޒަށް ދޭ "ބެސްޓް އިންޓަނޭޝަނަލް" ބާފްޓާ އެވޯޑު މި އަހަރު ލިބުނީ ނެޓްފްލިކްސްގެ "ޑާމާ" ސީރީޒަށެވެ.
ފިލްމާއި ޓީވީ ޝޯތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އިނގިރޭސި ފިލްމާއި ޓީވީ އެކަޑަމީން ކޮންމެ އަހަރު ބާއްވާ ބާފްޓާ އެވޯޑު ހަފްލާގައި މި އަހަރު ވެސް ވަނީ ފާހަގަކޮށްލެވޭ ގިނަ އެވޯޑުތަކެއް ދީފަ އެވެ.