16 މެއި 2023 - 06:16

އިންޑިއާގެ ފިލްމްމޭކާ ހަންސެލް މެހްތާ އާއި މުރުންމާއީ ލަގޫ ވައިކުލް އުފައްދާފައިވާ ނެޓްފްލިކްސް ސީރީޒް "ސްކޫޕް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ސީރީޒްގައި ލީޑު ރޯލުން ފެންނާނީ ބަތަލާ ކަރިޝްމާ ތަންނާ އެވެ. އޭނާ އަކީ ޖަގްރުތީ ޕަތަކް ނަމަކަށް ކިޔާ މަޝްހޫރު ކްރައިމް ރިޕޯޓަރެކެވެ. ކުށުގެ ވެށީގެ ހަބަރުތައް ރިޕޯޓުކުރަމުން އައި ޖަގްރުތީގެ މައްޗަށް، ވަކި ހިސާބަކުން އެހެން ނޫސްވެރިއެއް މަރާލި ކަމުގެ ތުހުމަތު ކުރެވި، އޭނާގެ މުޅި ދިރިއުޅުން އެކޮޅުކޮޅުން ޖެހެ އެވެ.
ޓްރެއިލާއިން ފެންނަ ގޮތުގައި، ނޫހެއްގެ ޑެޕިއުޓީ ބިއުރޯ ޗީފްގެ މަގާމުގައި ހުރި ޖަގްރުތީ އަށް، ގޭންގެއްގެ އިސް މީހަކާ އެކު އިންޓަވިއުކުރަން ފުރުސަތު ލިބެ އެވެ. އޭނާއަށް މައުލޫމާތު ދޭ ގިނަ ބަޔަކު ކުށުގެ ވެށިންނާއި ފުލުހުންގެ އޮފީހުގައި ވެސް ހުރެ އެވެ. އެކަމަކު، އެ ނޫސްވެރިޔާގެ މަރާ އެކު އެ ހުރިހާ އެންމެން ނިކުތީ ޖަގްރުތީއާ ދެކޮޅަށެވެ. އޭނާ މަރާލިކަމުގެ ތުހުމަތުގައި ޖަގްރުތީ ޖަލަށް ވެސް ލަ އެވެ.
ޖަގްރުތީ އަކީ ކުށްވެރިއެއް ކަމަށް އެންމެން ބެލުމުން، އޭނާގެ މަސައްކަތަކަށް ވީ އޭނާގެ މައުސޫމުކަން ސާބިތުކޮށްދިނުމެވެ. އެހުރިހާ ކަމެއްގައި، އާއިލާ އާއި އެންމެ ގާތް އެކުވެރިޔާ އޭނާއާ އެކު ތިބެ އެވެ.
"ފްރީ ޕްރެސް ޖާނަލް" ގައި ކްރައިމް ރިޕޯޓަރެއްގެ ގޮތުގައި އުޅުނު ޖިގްނާ ވޮރާގެ "ބިހައިންޑް ބާސް އިން ބައިކުލާ: މައި ޑޭސް އިން ޕްރިޒަން" ފޮތުން އެޑަޕްޓުކޮށްގެން އުފެއްދި މި ސީރީޒް ނެޓްފްލިކްސްގައި ޕްރިމިއާ ކުރާނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ.