އެޑްވާންސް ބުކިންސްގައި "ގާބިލް" އަށް ވުރެ "ރައީސް" ކުރީގައި
އެޑްވާންސް ބުކިންސްގައި "ގާބިލް" އަށް ވުރެ "ރައީސް" ކުރީގައި

ޝާހްރުކް ޚާންގެ "ރައީސް" އާއި ރިތިކް ރޯޝަންގެ "ގާބިލް"ގެ ވަރުގަދަ ކުރިމަތިލުމެއް ފެށިފައިވާއިރު އެޑްވާންސް ބުކިންސް އަށް ބަލާއިރު ރިތިކްގެ ފިލްމު މާ ފަހަތުގައި އުޅޭ ކަމަށް ޒީ ނިއުސް އިން ބުނެފި އެވެ.

ޝާހްރުކް ޚާނާއި މާހިރާ ޚާންގެ "ރައީސް" އަށް އެޑްވާންސް ބުކިންސްގެ ގޮތުގައި މިހާތަނަށް 12.50 ކްރޯޑު (125 މިލިއަން ރުޕީސް) ލިބިފައިވާއިރު "ގާބިލް" އަށް ލިބިފައިވަނީ އެންމެ ތިން ކްރޯޑު (30 މިލިއަން) އެވެ.

ޓްރޭޑް އެކްސްޕާޓުން ބުނަނީ "ގާބިލް"ގެ އެޑްވާންސް ބުކިންސް ހަދާފައިވާ ވަރަކީ "ދިޝޫމް" އަށް ވުރެ ވެސް ދަށް މިންވަރެކެވެ. ނަމަވެސް "ގާބިލް"ގެ އެޑްވާންސް ބުކިންސް ފެށީ "ރައީސް" އަށް ވުރެ ތަންކޮޅެއް ފަހުން ކަމަށް ވާތީ މިހާ ބޮޑު ތަފާތެއް ދެ ފިލްމުގެ ދޭތެރޭގައި ފަހުން ނެތުމަކީ އެކަށީގެންވާ ކަމެކެވެ. ޓްރޭޑް އެނަލިސްޓުން ބުނަނީ ރިތިކް ރޯޝަން ކަހަލަ ސުޕަސްޓާރެއްގެ ފިލްމެއްގެ އެޑްވާންސް ބުކިންސް މިއަށް ވުރެ ރަނގަޅުވާން ޖެހޭނެކަމަށް ގަބޫލުކުރާ ކަމަށެވެ.

"ދަންގަލް" އާއި "ސުލްތާން" އަދި "ޕްރޭމް ރަތަން ދަން ޕާޔޯ"ގެ އެޑްވާންސް ބުކިންސް އުޅުނީ މި ދެ ފިލްމަށް ވުރެ މާ ކުރީގަ އެވެ. "ދަންގަލް"ގެ 165 މިލިއަންގައި ހުރިއިރު "ސުލްތާން"ގެ 210 މިލިއަން އަދި "ޕްރޭމް ރަތަން ދަން ޕާޔޯ"ގެ 150 މިލިއަން ރުޕީސް އެޑްވާންސް ބުކިންސްގެ ގޮތުގައި ހުރިކަން ފާހަގަ ކުރެވެ އެވެ. ނަމަވެސް އެ ފިލްމުތައް ރިލީޒްކޮށްފައި ވަނީ އީދު ކަހަލަ ޚާއްސަ މުނާސަބަތުތަކުގައި ކަމަށް ވާތީ އެ ފިލްމުތަކަށް ލިބުނު ވަރުގެ އެޑްވާންސް ބުކިންސް މި ފިލްމުތަކަށް ނުލިބުމަކީ މާ ބޮޑު މައްސަލައެއް ނޫން ކަމަށް ވެސް ޓްރޭޑް އެކްސްޕާޓުން ބުނެފައި ވެއެވެ.

މިހާރު ލަފާ ކުރެވެނީ "ރައީސް" ވަރަށް ރަނގަޅަށް ހިނގާނެ ކަމަށެވެ. އަދި "ގާބިލް" އަށް އޮތީ ފިލްމު ބަލާ މީހުން ދައްކާ ވާހަކަ އަށް ބަރޯސާ ވުމެވެ. ފިލްމު މޮޅު ކަމަށް ގިނަ ބަޔަކަށް ފެނިއްޖެނަމަ ހަފުތާ ބަންދު ނިމޭއިރު "ރައީސް" އަށް ވުރެ ކުރި ލިބުމަކީ ވެސް ހަމަ ވެދާނެ ކަމެކެވެ.

ބޮޑު ބަޖެޓުން އުފެއްދި، އަދި އިންތިހާއަށް މަޝްހޫރު ދެ ތަރިންގެ ފިލްމުތަކަށް ވާތީ ބޮޑު ކާމިޔާބު ލިބޭނެ ފިލްމެއް އެންމެ ފަހު ވަގުތު ވެސް ކަނޑައެޅިދާނެ އެވެ.