15 މެއި 2023 - 14:35

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ އެއްވެސް މެންބަރަކު ސޮއި ނުކުރައްވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ރާއްޖެ-މޮރިޝަސް އިން ވަކި ކުރި މައްސަލާގައި ނަޝީދުގެ "ފިކުރެއްގެ ދިރުން" އާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީ ގުޅިގެން އެކުލަވައިލި ކޯލިޝަނުން ނިންމާފައި ވަނީ އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތާއި ޝާހިދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅުމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރިފްއަތުގެ އިތުބާރު ނެތް މައްސަލަ ވައްދާފައިވާ އިރު އެ ކޯލިޝަނުން ޝާހިދުގެ މައްސަލަ ވެސް މަޖިލީހަށް މިއަދު ހުށަހެޅި އެވެ.
އެނގިފައިވާ ގޮތުގައި ޝާހިދުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ސޮއި ކުރެއްވީ 13 މެންބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމް/ޕީއެންސީގެ މެންބަރުންނާއި އެމްއެންޕީގެ މެންބަރުން އަދި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސެއިނެވެ.
އެ މައްސަލަ ހުށަހަޅަން ފިކުރެއްގެ ދިރުންގެ އެއްވެސް މެންބަރަކު ސޮއި ނުކުރައްވާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ސޮއެއް ވެސް ނެތެވެ.
އެމްޑީޕީން ވަނީ ރިފްއަތުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާ އެ ޕާޓީގެ މެންބަރުން ވަކި ކުރާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. ނަމަވެސް މީގެ ކުރިން އެ ފެކްޝަންގެ އެއްވެސް މެންބަރަކަށް ފިޔަވަޅެއް އަޅާފައި ނުވެ އެވެ.
މިނިސްޓަރެއްގެ އިތުބާރު ނެތް މައްސަލަ 10 މެންބަރެއްގެ ސޮޔާއެކު މަޖިލިހަށް ހުށަހެޅެ އެވެ. އެކަމަކު ވަޒީރަކު ވަކި ކުރަން އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.
ގާނޫނުއަސާސީގައިވާ ގޮތުން އެ މައްސަލަ އާ ބެހޭ ބަހުސް މަޖިލީހުގައި ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަން ވާނެ އެވެ. އަދި އަނގަބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު އޮންނާނެ އެވެ.