15 މެއި 2023 - 14:26

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން އދ. ފެންފުށީގެ ޕްރީ ސްކޫލް މަރާމާތުކޮށް ޕާކެއް ހަދައިފި އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މި މަސައްކަތްތަކީ ކޮމިއުނިޓީ ފަންޑުން އެ ރަށުގެ ޒުވާނުންގެ ދިރުމަށް ދީފައިވާ އެހީގެ ދަށުން ކޮށްފައިވާ މަސައްކަތެކެވެ.
ފެންފުށި ޒުވާނުންގެ ދިރުމުގެ ރައީސް އަހުމަދު އަބްދުލް މުހުސިން ވިދާޅުވި ގޮތުގައި އެ ރަށަކީ ކުޑަކުދިންގެ ޕާކެއް ނެތް ރަށަކަށްވުމުން އެ ފަދަ ތަނެއް ގާއިމުކުރެވުމަކީ އުފާކުރާ ކަމެއް ކަމަށެވެ. އަދި އެ ފަދަ ތަނެއްގެ ސަބަބުން ބަދަހި އާއިލާތަކެއް އުފެދި، ރަށުގެ އެއްބައިވަންތަކަން އިތުރުވެގެން ދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވި އެވެ.
ފެންފުށި ސްކޫލްގައި ހެދި ޕާކް ބޭނުންކުރުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން 80 އެއްހާ ޕްރޮޖެކްޓު ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ ހިންގައިފަ އެވެ.
މި އަހަރުގެ މާޗް މަހު ވެސް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފަ އެވެ.