15 މެއި 2023 - 14:07

ހޯރަފުށި އެއާޕޯޓާއި މާވަރުލު އެއާޕޯޓަށް ރޭގަނޑު ފްލައިޓްތައް ޖެއްސުމަށްޓަކައި ނައިޓްލޭންޑިން ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން އިއްޔެ ބުނެފި އެވެ.

އެ ކުންފުނިން ބުނީ، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ނިންމައި އެ ދެ އެއާޕޯޓަށް ވެސް ރޭގަނޑުގެ ފްލެއިޓުތައް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ހޯރަފުއްޓާއި މާވަރުލު އެއާޕޯޓަށް ރޭގަނޑުގެ ފްލައިޓްތައް ޖެއްސޭނެ އިންތިޒާމު ހަމަޖައްސަމުން އަންނައިރު، މިދިޔަ ހަފުތާގައި ވަނީ ކުޅުދުއްފުށި އެއާޕޯޓަށް ރޭގަނޑު ފްލައިޓްތައް ބާއްވަން ފެށުމުގެ ގޮތުން ޓެސްޓު ފްލައިޓެއް ބާއްވައިފަ އެވެ.
ރީޖަނަލް އެއާޕޯޓްސް އިން ބުނި ގޮތުގައި ކުޅުދުއްފުއްޓަށް ރޭގަނޑުގެ ފްލައިޓުތައް ވަރަށް އަވަހަށް ފަށާނެ އެވެ. ރޭގަނޑުގެ ފްލައިޓްތަކާ އެކު އެއާޕޯޓުގެ މަސައްކަތް 24 ގަޑިއިރަށް ބަދަލުވާނެ އެވެ.
އާރްސީއެލްއިން ބުނި ގޮތުގައި ހިދުމަތް 24 ގަޑިއިރުވުމުން، ރޭގަނޑު ވައިގެ ދަތުރު ނުކުރެވި ދިމާވާ ދަތިތަކަށް ހައްލު ލިބިގެން ދާނެ އެވެ. އަދި ވިޔަފާރިތަކަށާއި ގެސްޓްހައުސް އަދި ރިސޯޓުތައް ހިންގާ ފަރާތްތަކަށް މިކަމުގެ ސަބަބުން ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އާރްސީއެލްއިން މިހާރު ނައިޓް ލޭންޑިންގެ ހިދުމަތްތައް ދެނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި
ކުޅުދުއްފުށި އެއާޕޯޓާއި ފަރެސްމާތޮޑާ އެއާޕޯޓާއި ފުވައްމުލަކު އެއާޕޯޓެވެ.